އިނގިރޭސި ފުޓްބޯޅައިގެ ލެޖެންޑަރީ ކޮމަންޓޭޓަރު ޖޯން މޮޓްސަން މަރުވެއްޖެ

އިނގިރޭސި ފުޓްބޯޅައިގެ ލެޖެންޑަރީ ކޮމަންޓޭޓަރު ޖޯން މޮޓްސަން--- ފޮޓޯ/ބީބީސީ

އިނގިރޭސި ފުޓްބޯޅައިގެ ލެޖެންޑަރީ ކޮމަންޓޭޓަރު ޖޯން މޮޓްސަން އުމުރުން 77 އަހަރުގައި އިއްޔެ މަރުވެއްޖެއެވެ.

ޖޯން މޮޓްސަންގެ އާއިލާއާ ހަވާލާދީ ބީބީސީން ބުނެފައިވަނީ މޮޓްސަން މަރުވެފައިވަނީ ނިދާފައި އޮށްވައި ކަމަށެވެ. ޖޯން މޮޓްސަން މަރުވިއިރު، ކޮމަންޓޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަތާ ބައިގަރުނަށްވުރެ ގިނަ އަހަރުވެފައިވާއިރު، 2018 ވަނަ އަހަރު ވަނީ އޭނާ ކޮމަންޓޭޓަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަތާ 50 އަހަރުފުރުން ފާހަގަކޮށްފައެވެ.

ޖޯން މޮޓްސަން ކޮމަންޓޭޓަރެއްގެ ގޮތުގައި ކެރިއަރު ފަށާފައިވަނީ، 1968 ވަނަ އަހަރު ފުޓްބޯޅަ ކޮމަންޓޭޓަރެއްގެ ގޮތުގައި ބީބީސީ ރޭޑިއޯ ދެއަކުންނެވެ. އެ ހާ ހިސާބުން ފެށިގެން އިއްޔެއާ ހަމަޔަށްވެސް މޮޓްސަން ހުރީ ބީބީސީގައި ކޮމަންޓޭޓަރެއްގެ ގޮތުގައެވެ.

ކުޅިވަރު ކޮމަންޓޭޓަރެއްގެ ގޮތުގައި މޮޓްސަން ވަނީ ބައިނަލްއަޤްވާމީ 20 ކުޅިވަރު މުބާރާތެއް ގެނެސްދީފައެވެ. މޮޓްސަން ވަނީ 10 ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތާއި، 10 ޔޫރަޕިއަން ޗެމްޕިއަންޝިޕާއި، 29 އެފްއޭކަޕްގެ އިތުރުން އިނގިރޭސި ޓީމް ކުޅުނު 200 އަށްވުރެ ގިނަ މެޗުގެ ކޮމަންޓްރީ ގެނެސްދީފައެވެ.

މޮޓްސަންގެ މަރާއި ގުޅިގެން ސްކައި ނިއުސްގެ މަޝްހޫރު ކޮމަންޓޭޓަރު މާޓިން ޓޭލާ ބުނީ، މޮޓްސަންގެ ވަކިވެދިއުމަކީ ލިބިގެންދިޔަ ވަރަށްބޮޑު ހިތާމައެއް ކަމަށާއި، މިއީ ޤަބޫލުކުރަން ދަތި ހަބަރެއް ކަމަށެވެ.

"މޮޓްސަންގެ ފަރާތުން އަހަރެންނަށް ވަރަށް ގިނަ އެއްޗެހި ދަސްވި. އޭނާ އަބަދުވެސް އިރުޝާދު ދޭނެ، ބުނާ އެތި ކުރުކޮށް ދައްކާ ވާހަކަ ގިނަކުރަން" ޓޭލާ ބުންޏެވެ.

މޮޓްސަންގެ މަރުވުމާއި ގުޅިގެން ކުޅިވަރު ކުޅުންތެރިންނާއި، އެ ދާއިރާގެ ސަހްސިއްޔަތުން ދަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.

comment ކޮމެންޓް