ހަށިވިއްކި މައްސަލައިގައި ހައްޔަރު ކުރި އެކަކު ދޫކޮށްލައިފި

--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ހަށިވިއްކުމުގެ މައްސަލައެއްގައި އަންގާރަ ދުވަހު ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ.

ހަށިވިއްކާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ރޯޅި ގެސްޓް ހައުސް ބަލައިފާސްކޮށް ފުލުހުން ވަނީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި 43 އަހަރުގެ ބިދޭސީ ފިރިހެނަކާއި 31 އަހަރުގެ ބިދޭސީ އަންހެނަކާއި 36 އަހަރުގެ ބިދޭސީ އަންހެނަކު ހައްޔަރުކޮށްފައެވެ.

މިކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ، އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 43 އަހަރުގެ ދިވެހި ފިރިހެން މީހާ ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައި ކަމަށެވެ.

https://sun.mv/174318

މީގެ އިތުން 43 އަހަރުގެ ބިދޭސީ ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ދީފައި ވާކަމަށް ފުލުހުން ބުންޏެވެ. އަދި ދެން ތިބި ދެ ބިދޭސީ އަންހެނުންގެ ބަންދަށް ދިނީ އެއް ދުވަހުގެ މުއްދަތެކެވެ.

އެ ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާ ހައްޔަރު ކުރީ ބިދޭސީ އަންހެނަކާ ޖިންސީ ގުޅުން ހިންގަމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ.

އެ ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ، ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރުމާއި ސްޕާތައް ފަދަ ތަންތަނުގައި މަސާޖުކޮށްދިނުމުގެ ނަމުގައި ހަށިވިއްކާ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ. އެ މައްސަލަތައް ބޮޑުވެފައި ވަނިކޮށް، އިއްޔެ އިކޮނޮމިކް މިނިސްޓްރީން ވަނީ ސްޕާ ހިންގުމާބެހޭ ގަވައިދެއް އެކުލަވާލައި އާންމުކޮށްފައެވެ.

އެ ގަވާއިދުގައި ވަނީ ރާއްޖޭގައި ހިންގަމުން އަންނަ ސްޕާ ވިޔަފާރިތަކުގެ ފޮޓޯ ނުވަތަ ވީޑިއޯ، ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން އިޝްތިހާރު ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

comment ކޮމެންޓް