ގައިދީއެއް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި

މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި --

މާފުށީ ޖަލަށް ގެންދިޔަ ގައިދީއެއް ޖަލަަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރުމުގެ ތެރޭގައި އަތުލައިގެނެފިއެވެ.

"ސަން"އާ ވާހަކަދައްކަވަމުން ޕްރިޒަންސް ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ވިދާޅުވީ އެ މަސްތުވާތަކެތި އަތުލައިގަތީ ފުލުހުންނަށް ލިބުނު އިންޓެލިޖަންސް މައުލޫމާތަކާ ގުޅިގެން ބުދަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

އެ ގައިދީ މަސްތުވާތަކެތި އެތެރެކުރަން އުޅުނީ އޭނާގެ ހަށިގަނޑުގެ ތެރެއަށް އެ އެތެރެކޮށްގެންނެވެ.

އެހެންވެ، އޭނާގެ ހަށިގަނޑުގެ އެކްސްރޭއެއް ނަގައި ބެލި ބެލުމުން، ފުރަގަސް ފަރާތުން މަސްތުވާތަކެތި އެތެރެކޮށްފައިވާކަން ހާމަވިކަމަށް ޕްރިޒަންސް ކޮމިޝަނަރު ވިދާޅުވިއެވެ. އަދި ފުލުހުންނާ ގުޅިގެން މަސްތުވާތަކެތި އަތުލައިގަނެ ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް ވެސް ވިދާޅުވިއެވެ.

ކޮމިޝަނަރު ވިދާޅުވި ގޮތުގައި އެ ގައިދީއަކީ ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއެކެވެ. އޭނާ އަތުން މަސްތުވާތަކެތި އަތުލައިގަތީ މާފުށީ ޖަލަށް ބަދަލުކުރަން އުޅުމުގެ ތެރޭގައެވެ.

"އެއީ ހަމަ ކުރިން ވެސް ޖަލުގައި ހުކުމް ތަންފީޒުކުރަމުން އައި ގައިދީއެއް. ދެން އަޅުގަނޑުމެން އޭނާ މާފުށީ ޓްރާންސްފާކުރަން އަޅުގަނޑުމެން އުޅުނީ، އޭގެ ތެރެއިން ފުލުހުންނަށް ލިބުނު އިންޓެލް ރިޕޯޓަކާއެކު އެ މަސްތުވާތަކެތި ހޯދައި އަތުލެވުނީ،" ޕްރިޒަން ކޮމިޝަނަރު ވިދާޅުވިއެވެ.

ގައިދީ މިހާރު ހުރީ މާފުށީ ޖަލުގައެވެ. އޭނާގެ އަތުން މަސްތުވާތަކެތި ފެނުނު މައްސަލަ ފުލުހުން ބަލަމުން އަންނަކަމަށާއި އެ ކަމާ ގުޅޭ ގޮތުން ދައުވާކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދޭނީ ފުލުހުންކަމަށް ވެސް ކޮމިޝަނަރު އަހްމަދު ވިދާޅުވިއެވެ.

ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުރެ، އެއް ޖަލުން އަނެއް ޖަލަށް ގައިދީއަކު ބަދަލުކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނުމުން އެ ކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ކޮމިޝަނަރު ވިދާޅުވީ އަދިވެސް ޖަލު ތެރެއަށް މަސްތުވާތަކެތި ވެއްދޭ މައްސަލައަށް މުޅިން ހައްލެއް ނުލިބޭކަމަށެވެ.

ޚާއްސަކޮށް އައްސޭރި ޖަލަަކީ މީހުން ދިރިއުޅޭ، ގިނަ އޮފީސްތަކަކާއި ގެތައް ކައިރީ ޖެހިގެން ހުންނަ ތަނަކަށްވުމުން ޖަލު ފާރުމަތިން މަސްތުވާތަކެއްޗާއި އެ ނޫންވެސް މަނާ ތަކެތި އެއްލުން ފަދަ ކަންކަން އާންމުކޮށް ހިނގާކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

"އަދި ވެސް ހަމަ ޖަލު ފާރުމަތިން އެއްލައިލަފާނެ މަސްތުވާތަކެތީގެ ޕެކޭޖެއް. މި ކަހަލަ ބައިވަރު ކަންކަން އަދިވެސް އެބަަހުރި މުޅިން ހައްލު ނުހޯދި. އަޅުގަނޑުމެން އެބަ މަސައްކަތްކުރަން މި ކަމަށް ހައްލު ހޯދަން. މިހާރު ވެސް ވަރަށް ގާތުން އެ ކަންކަން ބަލައި، އިންސްޕެކްޓުކޮށް، ގޯސްކޮށް ދާ ކަންކަމާ މެދު ފިޔަވަޅު ވެސް އެބަ އަޅަން،" އަހްމަދު ވިދާޅުވިއެވެ.

އެއާއެކު އެފަދަ ކަންކަން ތަކުރާރު ނުކުރެވޭހެން ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ވެސް ކޮމިޝަނަރު ވިދާޅުވިއެވެ.

comment ކޮމެންޓް