ރާއްޖޭގެ އެތައް ބައެއްގެ ސޯޝަލް މީޑިއާ ޑޭޓާ އިންޓަނެޓުގައި ލީކުވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިފަދަ ހާދިސާތައް ހިނގުމުން، މިއީ ކިހިނެއް ހިނގާ ކަމެއްކަން ގިނަ މީހުންނަށް އެނގިފައި ނުވާކަމަށެވެ.
ފުލުހުން ބުނީ ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ބޭނުންކުރަމުންދާއިރު އެ އެޕްތަކުން ޕާސްވޯޑް ބަދަލުކުރުމަށް އާންމުކޮށް އަންގައި އިއުލާނުކުރާއިރުވެސް ހަނދާންނެތި ނުވަތަ އެހެން ސަބަބަކާ ލައިގެން ނަމަވެސް އެކަން ނުކޮށް ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ ބަޔާނުގައި ވާގޮތުން ބައެއް މައްސަލަތަކުގައި، އީމެއިލް އެކައުންޓުގެ ޕާސްވޯޑް މެނޭޖާގައި އިންޓަނެޓް ބޭންކިން ޔޫޒާ ނޭމާއި ޕާސްވޯޑް ސޭވްކޮށްފައި ހުންނަކަން ވަނީ ފާހަގަކުރެވިފައެވެ. މި މައުލޫމާތު ސޭވް ކުރުމާއެކު އީމެއިލް ލީކް ވުމުން ސްކޭމް ހިންގާ މީހުންނަށް މި މައުލޫމާތު ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. އެއާއެކު އިތުރު އެއްވެސް ހުރަހެއް ނެތި އިންޓަނެޓް ބޭންކިންއަށް އެކްސެސް ލިބިގެންދާނެ ކަމަށް ބަޔާނުގައިވެއެވެ.
އިންޓަނެޓް ބޭންކިން ޔޫޒާ ނޭމާއި ޕާސްވޯޑް ހޯދުމަށްފަހު ތަފާތު ގޮތްތަކަށް ފައިސާގެ މުއާމަލާތްތައް ހިންގުމުގެ މައްސަލަތަކެއްވެސް މިހާރު ފެންމަތިވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެކައުންޓުގައި ހުންނަ ފައިސާ އެހެން އެކައުންޓުތަކަށް ޓްރާންސްފާ ކުރުމާއި އިންޓަނެޓް ބޭންކިން އެޕްލިކޭޝަން ބޭނުންކޮށްގެން އެކި ފިހާރަތަކުން ކިއު.އާރު ސްކޭން މެދުވެރިކޮށް މޯބައިލް ފޯނާއި އިލެކްޓްރޯނިކް ޑިވައިސް އާއި ތަފާތު މުދާ ގަތުމުގެ މައްސަލަތައް ވަނީ ދިމާވެފައެވެ.
ފުލުހުން ބުނީ އެކި މުއައްސަސާތަކާއި ޖަމުއިއްޔާތަކުގެ ނަމުގައި އޮޅުވާލައިގެން އެސް.އެމް.އެސް އަދި އީމެއިލް މެދުވެރިކޮށް ފޮނުވާ ލިންކުތަކަށް ވަދެ އެ މައުލޫމާތުތައް ހިއްސާނުކުރުމަށް އެދޭ ކަމަށެވެ.
"މި ގޮތަށް ފޮނުވާ ލިންކުގެ ބޭނުމަކީ އީމެއިލް އެޑްރެސް ކޮމްޕްރޮމައިޒް ކޮށްލުން. ފޮނުވާ ލިންކަށް ފިތާލުމުން އެ މީހަކު ބޭނުންކުރާ އީމެއިލް އެޑްރެހާއި ޕާސްވޯޑް ޖެހުމަށް އަންނާނެ. މި މައުލޫމާތު ފުރިހަމަކޮށްފިނަމަ އެ މީހަކު ބޭނުންކުރާ އީމެއިލް އެޑްރެހާއި ޕާސްވޯޑް ސްކޭމް ހިންގާފަރާތްތަކަށް އެނގިގެންދާނެ." ބަޔާނުގައި ބުނެފައިވެއެވެ.
އިންޓަނޭޝަނަލް އެއްވެސް ޑޭޓާ ބްރީޗެއްގައި އީމެއިލް އެޑްރެސް އަދި ޕާސްވޯޑް ލީކުވެފައިވޭތޯ ލިންކް މެދުވެރިކޮށް ބަލާލެވޭނެއެވެ.
ފުލުހުން ބުނީ މިފަދަ އަމަލުތައް ހިންގާ މީހުން ހޯދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.