70 ޓަނު މަސް އެއް ދުވަހުން ބާނައި ޓީއެސް ލައިން ދޯނިން ރެކޯޑް ހަދައިފި

ގދ. މަޑަވެލީ ޓީއެސްލައިން ދޯނި: އެ ދޯނިން ވަނީ އެއް ދުވަހުން އެންމެ ގިނަ މަސް ބޭނުމުގެ ރިކޯޑް ގާއިމް ކޮށްފަ --- ފޮޓޯ: ޓީއެސްލައިން

ދޮށީގެ މަސްވެރިކަމުގައި އެއްދުވަހުން އެންމެ ގިނަ މަސް ބޭނުމުގެ ރެކޯޑް ގދ. މަޑަވެލީ ޓީއެސްލައިނުން ގާއިމްކޮށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.

މީގެ ކުރިން އެއް ދުވަހުން އެންމެ ގިނަ މަސް ކިރުވައިގެން ރެކޯޑް ގާއިމް ކޮށްފައި އޮތީ ގދ. ފަރެސްމާތޮޑާ ބާޚިރާ ދޯނިންނެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު އެ ދޯނިން ވަނީ ބޭނި 59 ޓަނުު މަހުން 58.6 ޓަނުގެ މަސް ކިރުވާފައެވެ. ޖުމްލަ އެ ދޯންޏަށް އެފަހަރު ލިބުނީ 996،034 ރުފިޔާއެވެ.

ޓީއެސްލައިން ދޯނީގެ ކެޕްޓަން 'ސަން' އަށް ބުނީ އެ ދޯނިން އިއްޔެ މިފްކޯއަށް 73 ޓަނުގެ މަސް ކިރުވާފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނޭނީ ތިން ދުވަހުގެ ތެރޭގައި ބޭނި މަސް ކަމަށެވެ.

ގދ. މަޑަވެލީ ޓީއެސްލައިން ދޯނިން 73 ޓަނު މަސް ބާނައިގެން ދަނީ --- ފޮޓޯ: ޓީއެސްލައިން

"އެއް ދުވަސް ތެރޭގައި އަހަރުމުން އެވަރެޖްކޮށް އެންމެ ގިނަ މަސް ބާނާފައި ހުންނާނީ އެއީ 70 ވަރަކަށް ޓަނުގެ މަސް. ދެން ކުރީ ދުވަހުގެ ދެތިން ޓަނު މަސް ހުންނާނީ," ޓީއެސްލައިންގެ ކެޕްޓަން ބުންޏެވެ.

ޓީއެސްލައިން ދޯނިން ރެކޯޑް ގާއިމްކޮށްފައިވާއިރު އޭރު ދޯނީގައި 36 މަސްވެރިން ތިއްބެވެ. އެ މީހުން މަސް ބާނާފައިވަނީ ކާޑެއްދޫ ކަނޑާދިމާލުން 32 މޭލު ބޭރުން ކަމަށް ވެސް ކެޕްޓަން ކިޔައިދިނެވެ.

މަސްވެރިކަންކުރުމުގައި ހަ އަހަރު ވެފައިވާ ޓީއެސްލައިން ދޯނިން ވަނީ 2021 ވަނަ އަހަރު ދޮށީގެ މަސްވެރިކަމުގައި އެންމެ ގިނަ މަސް ކިރުވުވުމުގެ ރެކޯޑް ހަދައި އެވޯޑް ވެސް ހޯދާފައެވެ. އެއީ އެ އަހަރު ޖުމްލަ 1095.805 ޓަނުގެ މަސް ކޫއްޑޫއަށް ކިރުވައިގެންނެވެ.

comment ކޮމެންޓް