އަދާލަތުން އެމްޑީޕީއާ ގުޅެން ނިންމުމުން ރައީސް ޝުކުރު ދަންނަވައިފި

ހޯމް މިނިސްޓަރު އިމްރާމް އަބްދުﷲ (ކ) އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް (ވ) --

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީން، އެމްޑީޕީއާ ގުޅިގެން ކުރިޔަށްދިއުމަށް ނިންމި ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝުކުރު ދަންނަވައިފިއެވެ.

އަދާލަތުން އެގޮތަށް ނިންމާފައިވަނީ ބުދަ ދުވަހު ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި 42 މެމްބަރުންގެ ތެރެއިން 38 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

ވެރިކަން ކުރާ ކޯލިޝަންގައި މިހާރު ވެސް ހިމެނޭ އަދާލަތު ޕާޓީގެ އެ ނިންމުމާ ގުޅިގެން ރައީސް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ 2023ގެ ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީން އެމްޑީޕީއާ ގުޅިގެން ކުރިޔަށްދިއުމަށް ނިންމި ނިންމުމަށް މަރުޙަބާއާއި ޝުކުރުދަންނަވާ ކަމަށެވެ. އަދި ރާއްޖެއަށް ހަމަޖެހުމާއި އުފާވެރި މާދަމައެއް ހޯދައިދިނުމަށް ޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް ވެސް އެ މަނިކުފާނު ގޮވައިލެއްވިއެވެ.

"އަޅުގަނޑު އެދެނީ ދިވެހިރާއްޖެއަށް ހަމަޖެހުމާއި އުފާވެރި މާދަމައެއް ހޯދައިދިނުމުގައި އަޅުގަނޑުމެން އެންމެން އެކީ ގުޅިގެން ކުރިއަށްދިޔުން،" ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ޞާލިޙަށް ތާއީދުކުރަން ނިންމާ އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ރައީސް ޞާލިހަށް ތާއީދުކުރަން ނިންމީ މި ވަގުތުގެ ހާލަތުގައި އެ ޕާޓީން ގަބޫލުކުރާ މަސްލަހަތުތައް ހިމާޔަތްކުރަން އެންމެ ފަހިކޮށް މަސައްކަތްކުރެވެން އޮތީ ދެވަނަ ދައުރަކަށް އެ މަނިކުފާނު އިންތިހާބުކޮށްގެން ކަމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހަށް ފެންނާތީއެވެ.

އިލެކްޝަންސް ކޮމިޝަންގައި އޮންނަ އަދާލަތު ޕާޓީގެ ދަފްތަރުގައިވާ ގޮތުން ނަމަ 2022ގެ ޑިސެމްބަރު 11 ގެ ނިޔަލަށް އެ ޕާޓީގެ މެމްބަރުންގެ އަދަދަކީ 10،239އެވެ.

ރައީސް ޞާލިޙްގެ ދައުވަތު އަދާލަތުން ގަބޫލުކުރި ނަމަވެސް، ކޮއެލިޝަނުގައި ދެން ހިމެނޭ ދެ ޕާޓީ ކަމުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އިން އަދި ގޮތެއް ނުނިންމައެވެ.

comment ކޮމެންޓް