ޢަރަބިއްޔާ މައްސަލައިގައި މިނިސްޓަރާ ސުވާލު ކުރަނީ

އަރަބިއްޔާގެ ދެ ބެލެނިވެރިއަކާއި އެޑިއުކޭޝަނުގެ ވެރިންނާ ބައްދަލުކުރުން -- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

ސަރުކާރުން އިމާރާތް ކުރާ ޢަބަރިއްޔާ ސުކޫލުގެ އާ އިމާރާތާ ގުޅިގެން ތަޢުލީމާ ބެހޭ ވަޒީރު ޑރ. އައިޝަތު އަލީއާ ސުވާލު ކުރަން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު (ޓޮމް) ހުށަހަޅުއްވައިފިއެވެ.

ޢަރަބިއްޔާ ސުކޫލު ހިންގަމުން ދިޔަ އިމާރާތް ބާ ވުމުގެ ސަބަބުން ސަރުކާރުން މިދިޔަ އަހަރު ވަނީ އެ ސުކޫލު ހިންގަން އާ އިމާރާތެއް އަޅަން ނިންމައި، ކުރިން ބާ ޖަމާލުއްދީން ހުރި ބިން ހުސްކޮށް، އެ ތަނުގައި ޢަރަބިއްޔާ ސުކޫލުގެ އާ އިމާރާތް އެޅުމަށް ނިންމައިފައެވެ.

އެހެންވެ، ޓޮމް ވަނީ އެ ސުކޫލު އިމާރާތް ކުރުމަށް ޚަރަދުވާ މިންވަރުގެ ތަފުސީލާއި އެ މަސައްކަތް ނިންމަން ހަވާލު ކުރި މުއްދަތުގެ ތަފުސީލު ހޯދަން އެދިފައެވެ. އަދި، އެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބަކާއި އެ ސުކޫލުގެ އާ އިމާރާތް ބޭނުން ކުރަން ފެށޭނެ ދުވަހެއް ސާފު ކޮށްދިނުމަށް އޭނާ ވަނީ އެދިފައެވެ.

އެކަމަކު، އެ އިމާރާތުގެ މަސައްކަތް އަދި ފަށައިފައެއް ނުވެއެވެ. މިހާރު ކުރިއަށް ދަނީ އެ ތަނުގައި ކުރިން ހުރި ބާ ޖަމާލުއްދީން އިމާރާތް ތަޅައި ނެގުމުގެ މަސައްކަތެވެ.

ޢަރަބިއްޔާ ސުކޫލު ކުރިން ހިންގަމުން އައި އިމާރާތަކީ އެ ކަމަށް އެކަށީގެންނުވާ އިމާރާތެއް ކަމަށް ވުމުން، މިހާރު އެ ސުކޫލު ވަގުތީ ގޮތުން ހިންގަމުން އަންނަނީ ކުރިން ފޮރިން މިނިސްޓްރީ ހިންގަމުން އައި އޮފީސް އިމާރާތެއްގައެވެ. އެހެންވެ، އެންމެ އެކަށޭނެ ގޮތެއްގައި އެ ސުކޫލު ހިންގުމުގެ ކަންކަން ކުރިއަށް ނުގެންދެވޭތީ އެ ސުކޫލުގެ ބެލެނިވެރިން ދޭތެރެދޭތެރެއިން ކަންބޮޑުވުން ފާޅު ކުރެއެވެ.

މިގޮތުން، އެ އިމާރާތުގައި ލެބޯޓްރީއެއް ނެތުމުން، ކިޔަވައިދިނުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ ކަމަށް މީގެ ކުރިން އެ ސުކޫލުގެ ބެލެނިވެރިން ވަނީ ބުނެފައެވެ.

އަދި، ލައިބްރަރީގެ ޚިދުމަތް ނުލިބުމާއި، ކުޅިވަރު ކުޅެ، ހެލްތު އެންޑް ޕީއީގެ ގަޑިތައް ނަގާނެ ޖާގައެއް ނެތުމާއި އަރަބިއްޔާގެ ދާއިމީ އިމާރާތުގެ މަސައްކަތް ލަސްވުމުގެ ސަބަބުން ވެސް އެ ސުކޫލުގެ ބެލެނިވެރިން ވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް