މިދިޔަ ހައްޖު ދަތުރަށް 69.3 މިލިއަން ރުފިޔާގެ ހޭދައެއް

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު - ސަން ފޮޓޯ/ އަހްމަދު ސައީދު

މިދިޔަ އަހަރުގެ ހައްޖު ދަތުރަށް ދައުލަތުން 69.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ.

މިދިޔަ ހައްޖު ދަތުރުގެ ހޭދަތަކާއި އެ ޚަރަދުތަކުގެ ތަފުސީލު ހޯދަން އެދުނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)އެވެ. އޭނާ އެދިފައިވަނީ މިދިޔަ އަހަރުގެ ހައްޖު ދަތުރަށް ހޭދަ ވީ ޚަރަދުގެ ޖުމުލައާއި މުޅި ދަތުރުގައި ޚާއްޖީއަކަށް ވީ ހޭދައިގެ ތަފުސީލު ހޯދުމަށެވެ.

އެ ސުވާލަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ލިޔުމުން ފޮނުއްވި ޖަވާބު މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.

އެގޮތުން، މުޅި ޖުމުލަ މިދިޔަ ހައްޖު ދަތުރަށް 69.3 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އެއީ، ޚާއްޖީއެއްގެ ބޮލަކަށް 166،198.03 ރުފިޔާއެވެ. އެ އަހަރު ޚައްޖަށް ގޮސްފައިވަނީ މޯލްޑިވްސް ޚައްޖު ކޯޕަރޭޝަނުން އެކަންޏެވެ.

އެ ހަރަދުގެ ތަފުސީލު:

  • އެއާލައިން ޓިކެޓަށް - 9.9 މިލިއަން ރުފިޔާ
  • ކެއުން ބުއިމުގެ ހަރަދު - 875،450.86 ރުފިޔާ
  • މައްކާގެ ހުރުން - 39.6 މިލިއަން ރުފިޔާ
  • މަދީނާގެ ހުރުން - 1.81 މިލިއަން ރުފިޔާ
  • މުތައްވިފް ހަރަދު - 10.65 މިލިއަން ރުފިޔާ
  • އެހެނިހެން ހަރަދު - 6،301،757.83 ރުފިޔާ
  • އިދާރީ ހަރަދު - 98،014.63 ރުފިޔާ
  • ޖުމުލަ ހަރަދު - 69.3 މިލިއަން

ބޮންޑޭ ވިދާޅުވީ އަމިއްލަ ގުރޫޕުތަކުން ހައްޖަށް މީހުން ގެންދާއިރު މިހާ ބޮޑެތި އަދަދުތަކުން ހަރަދު ނުކުރާ ކަމަށާއި ހައްޖު ކޯޕަރޭޝަނުން މި އަދަދުތަކުން ހަރަދު ކުރަން ޖެހޭ ސަބަބެއް ނޭނގޭ ކަމަށެވެ.

އަދި، ވަރަށް ބޮޑު ހަރަދެއް ކޮށްގެން ހައްޖު މިޝަނެއް ގާއިމުކޮށްގެން ހާޖީންނަށް އެހީތެރިވުމަށް މާލެއިން މީހުން ފޮނުވި ނަމަވެސް އެ މިޝަނުން ހާޖީންނަށް އެހީތެރިކަން ނުލިބޭ ކަމަށާއި އެހީތެރިކަން ލިބެނީ ސަޢޫދީ އަރަބިއްޔާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ތެރެއިން ހައްޖަށް ދާ މުވައްޒަފުންގެ ފަރާތުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، އެ މިޝަނުން އެހީތެރިކަން ނުލިބެނީ ކީއްވެތޯ ވެސް އޭނާ ވަނީ މިނިސްޓަރާ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފޮނުއްވި ސިޓީގައި ބުނެފައިވަނީ ހައްޖު މިޝަނުން ކޮންމެ ފަހަރަކު ވެސް ހައްޖާޖީންނަށް ފުޅާ ދާއިރާއެއްގައި ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭ ކަމަށެވެ.

މީގެ ތެރޭގައި އެއާޕޯޓުން ހައްޖާޖީންނަށް ދިމާވާ މައްސަލަތަކާއި، މައްކާއަށް ދަތުރުކުރުމާއި، ޚައްޖާޖީއެއް ގެއްލިއްޖެ ނަމަ ހޯދުމުގެ މަސައްކަތުގެ އިތުރުން ހައްޖާޖީއެއް ނިޔާވެއްޖެނަމަ ވީ އެންމެ އަވަހަށް ޖަނާޒާ ބޭއްވުމުގެ މަސައްކަތް ފަދަ ގިނަ ކަންކަން ހައްޖު މިޝަނުން ކުރާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އެހެންކަމުން ހާޖީންނާއި ޖަމާއާތްތަކަށް ހައްޖު މިޝަނުގެ އެހީތެރިކަން ނުލިބޭ ކަމަށާއި ހިދުމަތްތައް ފޯރުކޮށްދެނީ އެމަބަސީންކަމުގައި ބުނެ ދައްކާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ." މިނިސްޓަރުގެ ޖަވާބުގައި ވެއެވެ.

comment ކޮމެންޓް