ރޯދައަށް ހުޅުމާލޭ ދެވަނަ ފޭހުގައި އެސްޓީއޯގެ ފިހާރައެއް ހުޅުވަނީ

ރޯދައަށް ހާއްސަކޮށް އެސްޓީއޯއިން ހުޅުމާލޭ ދެވަނަ ފޭހުގައި ހަދަމުން އަންނަ ފިހާރައިގެ ކުރެހުމެއް --

މިއަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން ހުޅުމާލޭ ދެވަނަ ފޭހުގައި އެސްޓީއޯގެ ފިހާރައެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ދެވަނަ ފޭހުގައި އެސްޓީއޯގެ މި ފިހާރަ ހުޅުވަނީ ވިނަރެސް ފްލެޓްގެ ތިރީގައެވެ.

އެސްޓީއޯއިން ބުނިގޮތުގައި ހުޅުމާލޭ ފޭސް-2 ގައި އެ ކުންފުނީގެ ފިހާރައެއް ހުޅުވުމުގެ ބޭނުމަކީ އެސްޓީއޯގެ މުދާ ރަނގަޅު ރޭޓެއްގައި ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ. އަދި މި އަހަރުގެ ރޯދަމަސް ކައިރިވަމުން އައުމާއެކު ލިބެމުން އަންނަ އެންމެ ބޮޑު އެއް ޝަކުވާއަކީ ފިޔާ، އަލުވި، އަދި ބިސް ފަދަ ތަކެތީގެ އަގުތައް އަރައިގެން ގޮސްފާނޭކަމުގެ ޝަކުވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ހުޅުމާލޭގައި މިވަގުތު އެސްޓީއޯގެ ފިހާރަ މަރާމާތުކުރުމަށް ބަންދު ކޮށްފައި ހުރުމާއެކު، އެސްޓީއޯއިން ޒަރޫރީ ބޭނުމަށް އެތެރެކުރާ ކާބޯތަކެތި ލިބޭނޭ އެސްޓީއޯގެ ފިހާރައެއް ނެތްކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

"ހުޅުމާލެ ފަދަ ބޮޑު އާބާދީއެއްގައި އެސްޓީއޯގެ ފިހާރައެއް ނެތުމުން ތަކެތީގެ އަގު ބޮޑުވެގެން ގޮސްދާނޭކަމުގެ ޝަކުވާ ވެސް ލިބެމުންދޭ،" އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން ބުނީ ފިހާރަ ހުޅުވުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު މާޗް މަހުގެ ތެރޭގައި ފިހާރަ ހުޅުވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަދި އެ ފިހާރައިން އެސްޓީއޯއިން އާންމުކޮށް އެތެރެކުރާ ބާވަތްތަށް ރީޓެއިލް އަދި ހޯލްސޭލްކޮށް ލިބެންހުންނާނެއެވެ.

މީގެ އިތުރުން ރޯދަމަހަށް ޚާއްސަކޮއްގެން އެތެރެކުރެވޭ ފިޔާ، އަލުވި، އަދި ބިސްވެސް ލިބޭނެއެވެ.

އަގުތައް ހިފެހެއްޓުމުގެގޮތުން ހުސްވިޔަ ނުދީ އާންމުންނާ ހަމައަށް ފޯރުކޮއްދިނުމަށް އެސްޓީއޯއިން ވަނީ ފުރިހަމަށް ތައްޔާރުވެފައެވެ.

comment ކޮމެންޓް