ކިއުއާރު ކޯޑު ބޭނުންކޮށްގެން ދެ ލައްކަ ރުފިޔާގެ ވިޔަފާރި ކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ފެބްރުއަރީ 15، 2021: ޝަހީދު ހުސެން އާދަމް ބިލްޑިންގް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޓަނެޓް ބޭންކިން އެޕްލިކޭޝަންގައިވާ ކިއުއާރު ކޯޑް ސްކޭން ފީޗާ ބޭނުންކޮށްގެން ދެ ލައްކަ ރުފިޔާގެ ވިޔަފާރި ކުރި މައްސަލައެއްގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން މިރޭ ބުނި ގޮތުގައި، އެ ދެ މީހުން ހައްޔަރުކުރީ އިންޓަނެޓް ބެންކިން މައުލޫމާތު ހޯދުމަށް ފަހު އިންޓަނެޓް ބޭންކިން އެޕްލިކޭޝަން ބޭނުންކޮށްގެން ކިއުއާރު ކޯޑް ސްކޭން މެދުވެރިކޮށް ދެ ލައްކަ ރުފިޔާއަށް ވުރެ ގިނަ ރުފިޔާގެ މުދާ ގަނެފައިވާ މައްސަލައެއްގައި ކަމަށެވެ.

އެ މީހުން ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ، އުމުރުން 25 އަހަރުގެ މީހަކާއި 27 އަހަރުގެ މީިހެކެވެ. އެ ދެ މީހުންގެ ބަންދަަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ. އަދި މި މައްސަލަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ބޭންކް މެދުވެރިކޮށް ކުރާ ވައްކަންތަކާއި ސްކޭމްތައް މިހާރު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރު ވަމުންނެވެ. މިކަމަށް ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވަނީ ކިއުއާރު ކޯޑު ބޭނުންކޮށްގެން ވިޔަފާރި ކުރެވޭ އަދަދު 750ރ. ލިމިޓުކޮށް، ދުވާލެއްގެ މައްޗަށް ގިނަވެގެން 10 ޓްރާންސެކްޝަން ހެދޭ ގޮތަށް މިއަދު ބަދަލުކޮށްފައެވެ.

މިފަދަ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުންނާއި ބޭންކުތަކުން އަބަދުވެސް އަންނަނީ އިލްތިމާސް ކުރަމުންނެވެ. އެގޮތުން ގޮތް ނޭނގޭ ލިންކުތަކަށް ނުފިތުމަށާއި، އިންޓަނެޓް ބޭންކިން މައުލޫމާތާއި ޕާސްވޯޑް އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށާއި އިންޓަނެޓާއި ފޯނުގެ ޒަރިއްޔާއިން މުއާމަލާތް ކުރުމުގައި އިތުރަށް ސަމާލުވާން ބުނެފައިވެއެވެ.

comment ކޮމެންޓް