ލީޑްސް ޔުނައިޓެޑްގެ އާ ކޯޗަކަށް ސްޕެއިންގެ ޖަވީ ގްރާސިއާ ހަމަޖައްސައިފި

ލީޑްސް ޔުނައިޓެޑްގެ އާ ކޯޗް ގްރާސިއާ

އިނގިރޭސި ޕްރިމިއާ ލީގް ކްލަބް ލީޑްސް ޔުނައިޓެޑްގެ ކޯޗަކަށް ސްޕެއިންގެ ޖަވީ ގްރާސިއާ ހަމަޖައްސައިފިއެވެ.

ލީޑްސްގެ ހެޑް ކޯޗަކަށް ގްރާސިއާ ހަމަޖައްސާފައި މިވަނީ، އެ ޓީމްގެ ކޯޗުގެ ގޮތުގައި ހުރި އެމެރިކާގެ ޖެސީ މާޝްގެ ބަދަލުގައެވެ. މި ސީޒަނުގައި ލީޑްސްގެ ފަރާތުން ފެނިގެންދާ ދަށް ނަތީޖާތަކުގެ ސަބަބުން މާޝް ވަނީ ލީޑްސްގެ ކޯޗުކަމުން މިމަހުގެ ހަތް ވަނަ ދުވަހު ވަކިކޮށްފައެވެ.

މާޝް މަޤާމުން ވަކިކުރިއިރު ލީޑްސްގެ ކޯޗްކަމާއި ހަވާލުވިތާ އަހަރެއް ނުވެއެވެ. މާޝްގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި ލީޑްސް ކުޅުނު 20 މެޗްގެ ތެރެއިން މޮޅުވެފައިވަނީ ހަތަރު މެޗުންނެވެ.

ލީޑްސްގެ ކޯޗު ކަމާ އަލަށް ހަވާލުވި އުމުރުން 52 އަހަރުގެ ޖަވީ ގްރާސިއާ އެންމެ ފަހުން ޕްރިމިއާ ލީގް ޓީމަކަށް އިރުޝާދު ދީފައިވަނީ 2018 ވަނަ އަހަރުގެ ސީޒަނުގައި ވަޓްފޯޑަށެވެ. އެ ސީޒަނުގައި ގްރާސިއާ ވަނީ ވަޓްފޯޑް އިނގިރޭސި އެފްއޭކަޕް ފައިނަލަށް ގެންގޮސްދީފައެވެ.

ޖަވީ ގްރާސިއާގެ ކޯޗިން ކެރިއަރު ފަށާފައިވަނީ ސްޕެއިންގެ ވިޔަރެއާލުންނެވެ. އޭނާ ވަނީ ސްޕެއިންގެ މަލާގާ، އަލްމޭރާ އަދި ވެލެންސިއާއަށް އިރުޝާދުދީފައެވެ. ގްރާސިއާ އެންމެފަހުން ކޯޗެއްގެ ގޮތުގައި ފެނިފައިވަނީ ޤަތަރުގެ އަލް ސަދުން އިންނެވެ.

ގްރާސިއާގެ އިރުޝާދުގެ ދަށުން ލީޑްސް އެންމެ އަވަހަށް މެޗަކަށް ނިކުންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ސަދަމްޓަން އާ ދެކޮޅަށެވެ.

comment ކޮމެންޓް