މިއަހަރު ފަށާ ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އޯގަސްޓް މަހުގެ ހަވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ އެކެޑެމިކް ކަލެންޑަރު ބުނާގޮތުން ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމު ކިޔެވުން އޯގަސްޓް މަހުގެ ހަވަނަ ދުވަހުން ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
ދެވަނަ ޓާމުގެ ކިޔެވުން 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ދެވަނަ ޓާމުގެ ކިޔެވުން ފެށުން --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް
ފުރަތަމަ ޓާމުގެ އިމްތިހާނު، ގްރޭޑް 10ގެ ދަރިވަރުންނަށް މިއަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ. އަދި ގްރޭޑް 7،8،9،11 އަދި 12 ގެ ދަރިވަރުންނަށް އިމްތިހާނު އޮންނާނީ ޑިސެމްބަރު ތިން ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށެވެ.
ދެވަނަ ޓާމުގެ މޮކް އިމްތިހާނު، ގްރޭޑް 10ގެ ދަރިވަރުންނަށް އޮންނާނީ 2024 ވަނަ އަހަރުގެ މާޗު މަހުގެ 17 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށެވެ.
ގްރޭޑް 7،8،9،11 އަދި 12 ގެ ދަރިވަރުންނަށް ދެވަނަ ޓާމުގެ އިމްތިހާނު އޮންނާނީ މެއި މަހުގެ 26 ވަނަ ދުވަހުން ޖޫން މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ.

ދެވަނަ ޓާމުގެ ކިޔެވުން ފެށުން --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް
މިހާރު ކުރިއަށް ދަނީ 2022-2023 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުމެވެ.
އެގޮތުން މިދިޔަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާފައިވަނީ ޖުމުލަ 92،000އަށް ވުރެ ގިނަ ދަރިވަރުންނާއެކުއެވެ.
ރާއްޖޭގެ މިހާރު އަންނަނީ ޖުމުލަ 217 ސްކޫލެއްގައި ކިޔަވައިދެމުންނެވެ.