ފްލޯޓިން ސިޓީ: އަސްލަމް ވިދާޅުވީ މަޝްރޫއުގެ ތަފުސީލު ނޭނގޭ ކަމަށް

ޕްލޭނިންގެ މިނިސްޓަރު މުޙައްމަދު އަސްލަމް--- ފޮޓޯ/ މަޖިލިސް

މާލޭ އަތޮޅުގައި ތަރައްގީކުރާ ފްލޯޓިން ސިޓީ މަޝްރޫއަކީ ސީދާ ޕްލޭނިން މިނިސްޓްރީގެ ދަށުން ހިންގާ ޕްރޮޖެކްޓެއް ނޫން ކަމަށާއި އެކަމުގެ ހުރިހާ ތަފްސީލުު ނޭނގޭ ކަމަށް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުނަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޝާހިދު އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ވަނީ އެ މަޝްރޫއާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލު ކުރައްވާފައެވެ. އެގޮތުން މެމްބަރު ޝާހިދު ވަނީ އެ ޕްރޮޖެކްޓަށް ކިތައް ފަޅު ދީފައިވޭތޯ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ހަނދާންވާ ގޮތުގައި ދީފައިވަނީ އެއް ފަޅު ނުވަތަ ދެ ފަޅު ކަމަށެވެ. މިނިސްޓަރުގެ އެ ޖަވާބާ ގުޅިގެން މެމްބަރު މުޣުނީ ވަނީ އެ ޕްރޮޖެކްޓަށް ދޫކޮށްފައިވާ ފަޅުތަކުގެ ތެރެއިން މިހާރު ހިއްކާފައިވަނީ ކިތައް ފަޅުތޯ ސުވާލު ކުރައްވާފައެވެ.

ދެވަނަ ފަހަރަށް ފްލޯޓިން ސިޓީއާ ގުޅޭ ސުވާލެއް ކުރެއްވުމާއެކު ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން ވީހާ ވެސް ތަފުސީލީ ޖަވާބެއް ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެކަމާ ގުޅޭ ހުރިހާ ތަފުސީލެއް މިނިސްޓަރަށް އެނގިލައްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"މޮކަޕްއެއް ހެދުމަށް ރާއްޖޭގެ ކުންފުންޏަކާ ހަވާލުކުރިކަން ދެނަހުރިން، ސީދާ މިނިސްޓްރީގެ ދަށުން މިހާރު ހިނގާ ޕްރޮޖެކްޓެއް ނޫން އެއީ، އެހެންވީމާ އޭގެ ހުރިހާ ތަފުސީލެއް އެންމެ އެކިއުރޭޓް ލެވެލްގައި ނޭނގިދާނެ،" އަސްލަމް ވިދާޅުވިއެވެ.

ފްލޯޓިން ސިޓީގެ ފުރަތަމަ ފޮޓޯ އާންމުންނަށް ދައްކާލާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓެއް ގޮތަށް މި މަޝްރޫއު ކުރިއަށްގެންދަނީ ޑަޗް ޑޮކްލޭންޑްސްއިންނެވެ.

ޑަޗް ޑޮކްލޭންޑްސްއަށް އެ މަޝްރޫއު ހަވާލުކުރިތާ އަހަރެއް ވާން ކައިރި ވެފައި ވަނިކޮށް، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ބައިސަން މޯލްޑިވްސްއާ ހަވާލުކޮށްފައެވެ. އޭރު އެ ކުންފުނިން ބުނީ މިދިޔަ ރޯދަ މަސް ނިމެން ވާއިރަށް އެ މަޝްރޫއުގެ ފުރަތަމަ ގެތައް ނިންމާލެވޭނެ ކަމަށެވެ.

މިހާރު އިމާރާތް ކުރަމުން އަންނަ ފްލޯޓިން ސިޓީ އަޅަން ހަމަޖެހިފައި ވަނީ އާރަށާ އެންމެ ކައިރިން ހުޅަނގަށް އޮންނަ ފަޅުގައެވެ. މުޅިއަކު 5000 ގެ އެތަނުގައި އެޅުމަށް ހަމަޖެހިފައިވެއެވެ.

ޑަޗް ޑޮކްލޭންޑްސްއާ މި މަޝްރޫއު ހަވާލުކުރި މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން، 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް އެ ކުންފުންޏާއެކު ވަނީ ފްލޯޓިން ސިޓީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

comment ކޮމެންޓް