އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރު) ގެ ފަރާތުން ގިނަ އަދަދެއްގެ ސްކޮލާޝިޕް ފުރުސަތު ދިވެހިންނަށް ހުޅުވާލައިފިއެވެ.
މިއީ 2023 އަދި 24ގެ ދިރާސީ އަހަރަށް ހާއްސަކޮށްގެން ހުޅުވާލައިފައިވާ ސްކޮލާޝިޕް ފުރުސަތެކެވެ.
މި ސްކޮލާޝިޕްގެ ދަށުން ދިވެހި ކިޔަވާ ކުދިންނަށް އިންޑިއާގެ ބޮޑެތި ސިޓީތަކުގެ އެންމެ މަތީ ފަންތީގެ ޔުނިވާސިޓީތަކުން އަންޑާ ގްރެޖުއޭޓް، ޕޯސްޓް ގްރެޖުއޭޓް އަދި ޕީއެޗްޑީ ފެންވަރަށް އާޓްސް، ސައިންސް، އިންޖިނިއަރިން، ބިޒްނަސް، ޓުއަރިޒަމް އަދި އެހެނިހެން ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.
މީގެ ތެރޭގައި ހިމެނެނީ، އިންޖިނިއަރިން ހިމެނޭހެން އަންޑާ ގްރެޖުއޭޓް ކޯސްތަކަށް 20 ސްކޮލާޝިޕް ފުރުސަތާއި، 10 ޖެނެރަލް ސްކޮލާޝިޕް ފުރުސަތު އަދި، ޑރ. އޭޕީޖީ އަބްދުލްކަލާމްގެ ކޮމަންވެލްތް ސްކޮލާޝިޕްގެ ހަތަރު ފުރުސަތެވެ.
މި ދާއިރާތަކުގެ އިތުރުން، އެ ގައުމުގެ ސަގާފީ ދާއިރާއިން ތައުލީމު ހާސިލު ކުރުމަށް ބައިނަލްއަގްވާމީ 100 ސްކޮލާޝިޕް ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.
މި ސްކޮލާޝިޕް ފުރުސަތުތަށް ހުޅުވާލެވިފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރުގެ ދަރިވަރުންނަށެވެ. އަދި ޕީއެޗްޑީގެ ފުރުސަތަށް ކުރިމަތިލުމަށް އެންމެ ދޮށީ އުމުރަކީ 45 އަހަރެވެ.
މި ސްކޮލާޝިޕް ފުރުސަތުތަކަށް ޝައުގުވެރިވާ ދަރިވަރުން އިންޑިއަން ކަލްޗަރަލް ސެންޓަރު (އައިސީސީ)އަށް ގޮސްގެން ނުވަތަ 3306612 / 3306614 އަށް ގުޅައިގެން މައުލޫމާތު ސާފު ކުރެވޭނެއެވެ.