ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހއ. އަތޮޅުގެ ޗެމްޕިއަންކަން އުތީމުން މިރޭ ހޯދައިފިއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު އެ އަތޮޅުގެ ފައިނަލް މެޗުގައި ބައްދަލުކުރީ އުތީމާއި ފިއްލަދޫއެވެ. އެ މެޗު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އުތީމުންނެވެ.
އެ މެޗުގައި ފުރަތަމަ ގޯލުޖަހައި ލީޑު ނެގީ ފިއްލަދޫއިންނެވެ. އެ ލަނޑު ޖަހައިދިނީ މެޗުގެ ފުރަތަަމަ ހާފުގެ 17 ވަނަ މިނެޓުގައި ފިއްލަދޫގެ މުހައްމަދު ހަސަން ތަނަވަސް ކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން އަބްދުﷲ އިހްވާންއެވެ.
ނަމަވެސް އޭގެ ދެ މިނެޓު ފަހުން އުތީމުން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ މެޗުގެ 19 ވަނަ މިނެޓުގައި ފިއްލަދޫ އޭރިއާ މެދު ތެރެއިން އުތީމުގެ އަހުމަދު އައިހަމް ކާމިޔާބުކުރި ގޯލެކެވެ.
އެ ނަތީޖާއިން މެޗުގެ ފުރަތަަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފުގެ 16 ވަނަ މިނެޓުގައި އުތީމުން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އުތީމުގެ ރިޝްވާން އިބްރާހިމް ރަޝީދު ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަނީ ފިއްލަދޫ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "ސަން"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.
މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މިފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުންނެވެ. ފުރަތަމަ އެ އަތޮޅެއް ނިސްބަތްވާ އަތޮޅު ބުރެއް ކުޅެން ޖެހޭއިރު އެ ބުރުން އެންމެ މޮޅު ޓީމުތައް ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. ޒޯން ބުރުން އެންމެ މޮޅު 16 ޓީމު ދެން ވާދަކުރަން ޖެހޭނީ މުބަރާތުގެ ގަދަ 16ގައެވެ. އަދި އެ ބުރުން ކާމިޔާބު ހޯދާ ޓީމުތައް ކުއާޓާ، ސެމީ އަދި ފައިނަލް ކުޅެ މުބަރާތުގެ އެންމެ މޮޅު ޓީމެއް ހޮވޭނެއެވެ. އެ މުބާރާތުގެ ހުރިހާ މެޗެއް ކުޅޭނީ ހުޅުމާލެ ރެހެންދި ޓާފު ދަނޑުގައެވެ.
މިއަހަރު ކުޅޭ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަން ސިޔާމް މީޑިއާއެވެ.