ޕާކިސްތާނުގެ މުއްސަނދިން ޓެކްސް ދައްކާކަން ކަށަވަރުކޮށް، ސަބްސިޑީ ލިބެނީ ހަމައެކަނި ފަގީރުންނަށްކަން އެ ގައުމުން ޔަގީން ކުރަން ޖެހޭ ކަމަށް, އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ބުނެފިއެވެ.
ބައިނަލްއަގްވާމީ އަމަނާއި ސުލްހައާބެހޭ އެންމެ ބޮޑު މަހާސިންތާ ކަމަށްވާ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ގިއޯގިއޭވާ ވިދާޅުވީ، މިދިޔަ އަހަރުގެ ފަހުކޮޅު ޕާކިސްތާނަށް ކުރި ވިއްސާރައިގައި އެގައުމުގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަށް ގެއްލުން ލިބުނު ކަމަށެވެ.
އެހެންކަމުން އައިއެމްއެފްއިން އެދެނީ ގައުމު ހިންގޭނެކަން ކަށަވަރު ކުރުމަށް ޕާކިސްތާނުގެ ސަރުކާރުން ފިޔަވަޅުތައް އަޅަން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ބާރު އަޅަނީ ދެ ކަމަކަށް. ފުރަތަމަ ކަމަކަށް ޓެކްސް އާމްދަނީ. ޓެކްސް ދެއްކޭނެ މީހުން، އެއީ ސަރުކާރުގައި ނުވަތަ ޕްރައިވެޓް ސެކްޓާއިން ނަމަވެސް ގިނައިން ފައިސާ ލިބޭ މީހުން ގައުމުގެ އިގުތިސާދަށް އެއްޗެއް ދޭން އެބަޖެހޭ. ދެވަނަ ކަމަކަށް، ސަބްސިޑީތައް ދަނީ ސަބްސިޑީ ކޮންމެހެން ބޭނުންވާ މީހުންނަށްކަން ކަށަވަރު ކުރަން ޖެހޭ،" ގިއޯގިއޭވާ ވިދާޅުވިއެވެ.
ހަމައެއާއެކު، މުއްސަނދިންނަށް ޓެކުހުން ރެކުމަށް ޓަކައި ލުއިތައް ދީގެން ނުވާނެ ކަމަށާއި ސަބްސިޑީގެ ފައިދާ ލިބެން ޖެހޭނީ ފަގީރުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ގިއޯގިއޭވާ އެހެން ވިދާޅުވީ، ޕާކިސްތާނުގައި ބޭރުގެ ފައިސާގެ ރިޒާވް ވަރަށް ބޮޑަށް ދަށްވުމުން ފައިސާގެ އެހީ ހޯދުމަށް އެގައުމުން އައިއެމްއެފްއާއެކު މަޝްވަރާތައް ބޭއްވި ފަހުންނެވެ.
ޕާކިސްތާނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެގައުމުގެ މަރުކަޒީ ބޭންކްގެ ފޮރިން ރިޒާވްގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު 16.6 ބިލިއަން ޑޮލަރު ހުރި ނަމަވެސް މިހާރު ފޮރިން ރިޒާވްގައި ހުރީ އެންމެ ތިން ބިލިއަން ޑޮލަރެވެ.
ދެހާސް ނަވާރަ ވަނަ އަހަރު ޕާކިސްތާނުން ވަނީ އައިއެމްއެފްއިން ހަ ބިލިއަން ޑޮލަރުގެ ފަންޑް ފެސިލިޓީއެއް ހޯދުމަށް އެއްބަސްވުމެއް ހަދާފައެވެ. އެ ފައިސާ ދޭން ހަމަޖެހިފައި އޮތީ ތިން އަހަރު ތެރޭގައެވެ. ނަމަވެސް އެގައުމުން އައިއެމްއެފްގެ ޝަރުތުތަކަށް އަމަލު ނުކުރާތީ އެ ފައިސާ ދިނުން ހުއްޓުނީއެވެ.
ޕާކިސްތާނުން މިހާރު މަސައްކަތް ކުރަމުން ދަނީ އެ ފެސިލިޓީގެ ދަށުން 1.1 ބިލިއަން ޑޮލަރު ހޯދުމަށެވެ. ނަމަވެސް އެ ފައިސާ ދިނުމުގެ ކުރިން އިސްލާހު ކުރަން ޖެހޭ ކަންތައްތަކާ ބެހޭ ގޮތުން އައިއެމްއެފްއާއި އެގައުމުގެ ސަރުކާރަށް މިހާތަނަށް އެއްބަސްވުމަކަށް އާދެވިފައިނުވެއެވެ.
އެ މަޝްވަރާތަކަށް ފަހު އައިއެމްއެފްއިން ނެރުނު ބަޔާނެއްގައި ވަނީ ދެ ފަރާތުން އަދިވެސް ވާހަކަދައްކަމުން ގެންދާނެ ކަމަށް ބުނެފައެވެ. އަދި ޕާކިސްތާނުން ގެންނަން ޖެހޭ ޓެކްސް އިސްލާހުތައް ފަދަ ބަދަލުތަކުގެ ތަފްސީލް ކުރިއަށް އޮތް ދުވަސްތަކުގައި ނިންމާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
އެގައުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޑޮލަރު ނެތުމެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ޑޮލަރުގެ އަގު 175 ރުޕީސްގައި ހުރި އިރު މިހާރު ޑޮލަރެއްގެ އަގު ވަނީ 260 ރުޕީސްއަށް އުފުލިފައެވެ. މީގެ ސަބަބުން ޕާކިސްތާނުގައި ތަކެތީގެ އަގުވެސް ވަނީ އުފުލިފައެވެ.
މިދިޔަ އަހަރުން ފެށިގެން ޕާކިސްތާނުން ވަނީ އެގައުމުގެ މުއްސަނދިންގެ އަތުން "ފަގީރުކަން ނައްތާލުމަށް ޓެކްސް"އެއް ނަގަން ފަށާފައެވެ. އެ ގަވާއިދުގެ ދަށުން، އަހަރަކަށް 150 މިލިއަން ރުޕީސް (573,589 ޑޮލަރު)އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން އެއް ޕަސެންޓު ޓެކްސް ދައްކަން ޖެހޭނެއެވެ. އަދި 300 މިލިއަން ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން ޓެކްސްގެ ގޮތުގައި އާމްދަނީގެ ހަތަރު ޕަސެންޓް ދައްކަން ޖެހެއެވެ.
ޕާކިސްތާނަށް މިދިޔަ އަހަރުގެ ޖޫން މަހުން އޮކްޓޯބަރު މަހަށް ކުރި ވިއްސާރައިގައި 1،739 މީހަކު މަރުވެފައިވާ އިރު، އެގައުމަށް ލިބުނު ގެއްލުން 14.9 ބިލިއަން ޑޮލަރަށް އަރައެވެ.