ދޮގު މައުލޫމާތު ދިން މެޖިސްޓްރޭޓަކު ސަސްޕެންޑުކޮށްފި

ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަޙްމަދު އާމިރު --

ދޮގު މައުލޫމާތު ދީފައިވާތީ ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަޙްމަދު އާމިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑުކޮށްފިއެވެ.

މި ނިންމުމާ ގުޅޭ ގޮތުން "ސަން"އާ ވާހަކަދައްކަވަމުން ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް ވިދާޅުވީ އެ ނިންމުން ނިންމީ މި މަހުގެ އެއްވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ނުވަވަނަ ޖަލްސާގައިކަމަށެވެ.

ޖޭއެސްސީން ބުނީ، އޭނާގެ ސުލޫކީ މައްސަލަ ބެލީ ދ. ކުޑަހުވަދޫއަށް ރަށްވެހިކަން ބަދަލުކޮށްދިނުމަށް އެދި އެ ރަށު ކައުންސިލް އިދާރާއަށް ހުށަހެޅިއިރު ދޮގު މައުލޫމާތު އޭގައި ހިމަނައިފައިވާތީކަމަށެވެ.

އޭނާ ހުށަހެޅި ހުށަހެޅުމުގައި އެހެން ބަޔަކު ލައްވައި ދޮގު ހެކިބަސް ދީފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތެއް ހިއްސާކުރުމަކީ ކޮށްގެންވާނެ ކަމަކަަށް ނުވާއިރު، އެއީ ގާނޫނޫ ޚިލާފު ކަމެއް ކަމެކެވެ.

އެހެންކަމުން އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު އަމަލެއްކަމުން، މުސާރައާއި އިނާޔަތް ނުލިބޭ ގޮތަށް އޭނާ ދެ ހަފުތާއަށް ސަސްޕެންޑުކުރުމަށް އެ ކޮމިޝަނުން ވަނީ ނިންމައިފައެވެ.

ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަތައް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު އެ ކޮމިޝަނުން ހަތަރު މައްސަލައެއް ބަލައިގެންފައިވާއިރު، މިދިޔަ މަހު ތިން މައްސަލަ ބަލައިގެންފައިވެއެވެ.

comment ކޮމެންޓް