ރިޔާސީ އިންތިޚާބަށް އެކުގައި ނުކުތުމަށް ރައީސްގެ ދައުވަތު ކޯލިޝަން ޕާޓީތަކަށް

ކޯލިޝަންގެ ލީޑަރުން -- ސަން ފޮޓޯ: އަޙުމަދު އަވްޝަން އިލްޔާސް

މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އެކުގައި ވާދަކުރުމަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކަށް ދައުވަތު ފޮނުއްވައިފިއެވެ.

މިދިޔަ ހުކުރު ދުވަހު، ރަސްމީކޮށް ރިޔާސީ ޓިކެޓު އަރުވާފައިވާ ރައީސް ޞާލިޙަށް އެމްޑީޕީން ވަނީ ކޯލިޝަން ހެދުމުގެ ބާރު ދީފައެވެ. ބުދަ ދުވަހު އޮތް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއިން އެ ނިންމުން ނިންމުމާއެކު އެ މަނިކުފާނު ވަނީ ކޯލިޝަން ހެދުމުގެ މަޝްވަރާތައް ފައްޓަވައިފައެވެ.

ސެޕްޓެމްބަރު ނުވަވަނަ ދުވަހު އޮންނަ އިންތިޚާބުގައި އެކުގައި ވާދަކުރުމަށް ރައީސް ދައުވަތު ފޮނުއްވާފައިވަނީ މިހާރު ވެސް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ، އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީ އަދި އެމްއާރްއެމަށެވެ. ރައީސް ސޮއިކުރައްވައި ފޮނުއްވި ސިޓީފުޅެއް ލިބުނުކަން ބައެއް ޕާޓީތަކުން ވަނީ ކަށަވަރު ކޮށްދީފައެވެ.

އެކަމަކު، އެކަމާ ގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް ހާމަކުރުމަށް އެ ޕާޓީތަކުން ވަނީ ދެކޮޅު ހަދައިފައެވެ.

އެނގިފައިވާ ގޮތުގައި، ރައީސްގެ ސިޓީފުޅުގައި ވަނީ މި ސަރުކާރު ހިންގުމަށް އެ ޕާޓީތަކުން ދީފައިވާ އެއްބާރުލުމަށް ޝުކުރު ދަންނަވާ ތައުރީފު ކުރައްވައިފައެވެ. އެހެންވެ، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް އެކުގައި ވާދަކުރުމަށް އެ މަނިކުފާނު ވަނީ އެ ޕާޓީތަކަށް ދައުވަތު އަރުވައިފައެވެ.

އެ މަނިކުފާނު ސިޓީފުޅެއް ފޮނުއްވާފައިވާއިރު، ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާ ބައްދަލުކުރެއްވުމަށް އެ މަނިކުފާނުގެ ފަރާތުން ވަފުދެއް ވެސް ހޮނިހިރު ދުވަހުގެ ރޭ ވަނީ އދ. އަތޮޅު ސަން އައިލެންޑަށް ވަޑައިގެންފައެވެ.

https://sun.mv/174227

އެ މަޝްވަރާތަކާ ގުޅިގެން ވެސް މާ ބޮޑު ތަފުސީލެއް ހާމަކުރައްވައިފައެއް ނުވެއެވެ. އެކަމަކު، އެ މަޝްވަރާގައި ބައިވެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު އަދި ރައީސްގެ ކޮއްކޯފުޅު އަލީ ނިޔާޒު ވަނީ މަޝްވަރާތައް ދިޔައީ ހީކުރި ވަރަށް ވުރެ ވެސް ރަނގަޅަށް ކަމަށާއި އުންމީދަކީ ޖުމްހޫރީ ޕާޓީއާއެކު ވެސް ކޯލިޝަން ހެދި މި އިންތިޚާބު އެއްބުރުން ކާމިޔާބު ކުރުން ކަމަށް ވިދާޅުވެފައެވެ.

ކޯލިޝަން ހެދުމުގެ މަސައްކަތް ރައީސް ޞާލިޙް ފައްޓަވާފައިވާއިރު، އެ މަނިކުފާނުގެ ވިސްނުންފުޅަކީ ގިނަ ޕާޓީތައް އެކުލެވޭ ކޯލިޝަނަކާއެކު މި ފަހަރުގެ އިންތިޚާބު ވެސް އެއްބުރުން ކާމިޔާބު ކުރުމެވެ.

އެމްޑީޕީއަށް އެކަނި ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި ރާއްޖޭގެ ނިޒާމު އޮތް ގޮތުން އިންތިޚާބު ކާމިޔާބު ކުރެވޭނީ ގިނަ ޕާޓީތައް އެކުލެވޭ ކޯލިޝަނަކަށް ކަމަށް އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވެއެވެ. ދެހާސް އަށާރައިގައި ވެސް އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ގިނަ ޕާޓީ އެކުލެވޭ ކޯލިޝަނަކުން، އެއްބުރުން އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ.

comment ކޮމެންޓް