މެސީގެ ފުރިހަމަ ހިލޭ ޖެހުމަކުން ޕީއެސްޖީ މޮޅުވެއްޖެ!

މެސީ ގޯލު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ --- ފޮޓޯ/ އީއެސްޕީއެން

އާޖެންޓީނާގެ ތަރި އަދި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ، ލިއޮނެލް މެސީގެ ފުރިހަމަ ހިލޭ ޖެހުމަކުން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ލީލްގެ މައްޗަށް ކުރި ހޯދައިފިއެވެ.

އާދިއްތަ ދުވެހުގެ ރޭ ޕީއެސްޖީ އިން، އެ ޓީމުގެ އަމިއްލަ ދަނޑުގައި ލީލްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 3-4 އިންނެވެ. މި މެޗުގައި ޕީއެސްޖީއިން މޮޅުވީ ލީލް އިން ތިން ގޯލު ޖަހައިފައި އޮއްވާ ފަހަތުން އަރައިއެވެ.

މި މެޗުގެ ފުރަތަމަ ގޯލު ޖެހީ ޕީއެސްޖީއިންނެވެ. މިލަނޑު އެ ޓީމަށް ޖަހައިދިނީ ނޭމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ފްރާންސްގެ ހުނަރުވެރި ފޯވާޑް ކިލިއަން އެމްބާޕޭ އެވެ. އޭގެ ހަ މިނެޓު ފަހުން ޕީއެސްޖީގެ މެދަށް ކުޅޭ ވިޓީނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ނޭމާ ގޯލެއް ޖަހައި ދެ ގޯލުގެ ލީޑެއް ނެގިއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީލްގެ ބަފޯޑް ޑިއާކައިޓް އެ ޓީމަށް ގޯލެއް ކާމިޔާބުކޮށްދީ، އުންމީދު އާކޮށްދިނެވެ.

މި މެޗުގެ ދެވަނަ ހާފުގައި ބޮޑު އުންމީދަކާ އެކު ނުކުތީ ލީލްއިންނެވެ. ލީލް އިން ދެއްކި ފުރިހަމަ ކުޅުމުގެ ނަތީޖާއަކަށްވީ، މެޗުގެ 58 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން އެ ޓީމުގެ ޖޮނަތަން ޑޭވިޑް ގޯލެއް ޖަހައި، މެޗުގެ އޮއިވަރު ބަދަލުކޮށްލުމެވެ. އެޓީމަށް ލީޑު ހޯދައިދިނީ އޭގެ 10 މިނެޓު ފަހުން ޖޮނަތަން ބަމްބާ ޖެހި ގޯލުންނެވެ.

ނަމަވެސް ޕީއެސްޖީއިން ކުޅުން ރަނގަޅުކޮށް، ފުރިހަމަ އެޓޭކްތަކެއް ކުރިއެވެ. އޭގެ ނަތީޖާއަކަށް ވީ މެޗުގެ 87 ވަނަ މިނެޓުގައި އެމްބާޕޭ ކާމިޔާބުކޮށްދިން ގޯލުން މެޗު އެއްވަރުކުރުމެވެ. ޕީއެސްޖީ އިން އެމެޗުން މޮޅުވި ގޯލް ކާމިޔާބުކޮށްދިނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަތް ފަހަރު ހޯދި ލިއޮނެލް މެސީއެވެ. މި ގޯލަކީ މެޗުގެ އެންމެ ފަހު މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން މެސީ ކާމިޔާބުކޮށްދިން ރީތި ގޯލެކެވެ.

މި ނަތީޖާއާ އެކު، ލީގުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ 24 މެޗުން ލިބުނު 57 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި އޮތް މޮނާކޯ އިން ރޭ ބްރެސްޓް ދަނޑުގައި 2-1 އިން މޮޅުވިއިރު، މޮނާކޯ އަށް 24 މެޗުން ލިބެނީ 50 ޕޮއިންޓެެވެ.

comment ކޮމެންޓް