މިސްކިތުގައި 39 އަހަރު، އެދިއެދި ހުރީ ހައްޖަށް ދިއުމަށް!

އެންމެ އަހަރެއް ދެ އަހަރެއް ނޫނެވެ. އޭނާ އެ ހިދުމަތުގައި 39 އަހަރު ވެއްޖެއެވެ. މިސްކިތް ދެކެ އޭނާ ވަނީ އާދައިގެ ލޯތްބެއް ނޫންކަން މިކަމުން ވެސް އެނގެއެވެ. މިއީ ރ. ހުޅުދުއްފާރު، ބަހާރުގޭ، އަޙްމަދު މުހައްމަދު، 64،ގެ ހިދުމަތެވެ.

އުމުރުން ވިއްސަކަށް އަހަރުގައި 1980ގެ ކުރީކޮޅު އަޙްމަދު މާލެ އައީ، ކުރީގެ ވަޒީރު އަބްދުއްސައްތާރު މޫސާ ދީދީގެ ގެކޮޅެ މަސައްކަތު މީހެއްގެ ގޮތުގައެވެ. އެ ގެކޮޅުގެ މަސައްކަތުގައި އުޅުނުއިރުވެސް އަޙްމަދުގެ ޝަރުތެއް އޮވެއެވެ. ޖަމާއަތުގައި ނަމާދު ކުރެވޭގޮތަށް މަސައްކަތްތައް ހަވާލު ކުރުމެވެ. އެކަން އެ ގެކޮޅުގެ ބޭފުޅުން ފަހިކޮށް ދެއްވިއެވެ. އެގޭގައި ދެތިން އަހަރު އުޅުމަށް ފަހު އަޙްމަދު ބޭނުންވީ މިސްކިތުގައި ގިނަ ވަގުތު ހޭދަ ކުރެވޭ ދާއިމީ ވަޒީފާއެއް ހޯދުމަށެވެ. އެގޮތުން 1983 ވަނަ އަހަރުގެ ޖޫން މަހުގެ 30ވަނަ ދުވަހު އޭރު ސޯސަންމަގުގައި ހުންނަ "މިއަލަނި" މިސްކިތުގެ މަސައްކަތު މީހާގެ ވަޒީފާއާ ގުޅުނެވެ.

"މިސްކިތު ވަޒީފާއަކަށް ވަނީމައި އެއްވެސް ނަމާދު ވަގުތެއް ދޫކޮށް ނުލައި އުޅެވޭނެތާ މަސައްކަތުގައި. މަސައްކަތް ހުއްޓަސް ނަމާދު ގަޑި ޖެހުނީމައި ހުއްޓާލާފައި ނަމާދު ކުރެވޭނެތާ. އެހެން ވަޒީފާއެއް ވިއްޔާ އެއްކަމެއްކޮށް އަނެއް ކަމެއް ނޫންތޯ ކުރަން ޖެހޭނީ ނަމާދު ވަގުތު ވެސް،" ދީނަށް އިންތިހާއަށް ލޯބިކުރާ އަޙްމަދު ކިޔައިދިނެވެ.

އަޙްމަދު މުހައްމަދު: މިސްކިތު މަސައްކަތުގައި އޭނާ އުޅޭތާ 39 އަހަރު ވެއްޖެ-- ސަން ފޮޓޯ: އަޙްމަދު ސާއިލް އަލީ

އެ ދުވަހުން ފަށައިގެން އޭނާ މެދުކެނޑުމެއް ނެތި މިސްކިތްތައް ސާފުކުރާތާ މިހާތަނަށް 39 އަހަރަށް ވުރެން ގިނަ ދުވަސް ވެއްޖެއެވެ. މިއަހަރުގެ ޖޫން މަސް ނިމުމާއެކު އެ ހިދުމަތަށް 40 އަހަރު ފުރޭނެއެވެ. އޭނާ އެ ވަޒީފާއާ ގުޅުނީ 300 ރުފިޔާއަށް ވުރެން ކުޑަ މުސާރައަކަށެވެ. މިހާރުގެ އަސާސީ މުސާރައަކީ 3،100 ރުފިޔާއެވެ. ވަރަށް ރަނގަޅަށް އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ 6000 ރުފިޔާވަރު ގެޔަށް ގެންދަން ލިބެއެވެ. އެހާ ކުޑަ މުސާރައަކަށް މިހާ ދުވަހު އޭނާ ހިދުމަތް ކޮށްދިނީ ފޫހިކަމެއް އަދި ޝަކުވާއެއް ނެތިއެވެ.

ދައުލަތަށް ހިދުމަތް ކުރާތާ 39 އަހަރުވީއިރު އަޙްމަދު މުޅިންވެސް އަދާކުރި ވަޒީފާއަކީ މިސްކިތު މަސައްކަތު މީހާކަމެވެ. މިހާތަށް އޭނާ 12 މިސްކިތެއްގައި މަސައްކަތް ކުރިއިރު މިހާރު އުޅެނީ ކިންގް ސަލްމާން މިސްކިތުގައެވެ. އަހަރީ ޗުއްޓީ ފިޔަވާ ދެން ކޮންމެ ދުވަހަކީ ވެސް އަޙްމަދު މަސައްކަތް ކުރާ ދުވަހެކެވެ. އެހެން ވަޒީފާތަކުގައި ކޮންމެ ހަފުތާއަކު ލިބޭ އޮފް ދުވަހެއް އޭނާއަކަށް ދުވަހަކު ވެސް ނުލިބެއެވެ. އެހެންކަމުން ހެނދުނު 8:00 ގައި ރަސްމީ މަސައްކަތު ގަޑި ފެށޭއިރު ނިމޭ ވަގުތެއް ކަމަށް އޮންނަނީ 2:00އެވެ. ނަމަވެސް އަޙްމަދަކީ ރަސްމީ ގަޑި ނިންމާފައި ގެއަށް ދާ މީހެއް ނޫނެވެ. ހެނދުނު ގެއިން ސައިބޮއެގެން އަންނަ ގޮތަށް ދެން ކެއުމަށް ވެސް މަދު ފަހަރަކު ނޫނީ އޭނާ މިސްކިތުން ނުނިކުމެއެވެ.

"ކޮންމެ ދުވަހަކު ހެނދުނު އަންނަ ގޮތަށް އަޅުގަނޑު ގެޔަށް ދަނީ އިޝާ ނަމާދު ނިމިގެން ދެން ކުރަން ޖެހޭ މަސައްކަތް ކޮށްގެން. ރޯދަ މަހު ވިއްޔާ ހެނދުނު އަންނަ ގޮތަށް ދަމު ނަމާދު ވެސް ކޮށްގެން ދަނީ. ރޯދަ ވިއްލަނީ ވެސް މިސްކިތުގައި. އަޅުގަނޑަށް މާ އުފާ ލިބޭކަމެއް މިއީ މިސްކިތުގައި އުޅުމަކީ،" ހަތަރު ކުދިންގެ ބައްޕަ އަޙްމަދު ކިޔައިދިނެވެ.

"ބޭރު ތެރޭގައި ނޫޅެ މިސްކިތުގައި އުޅުނީމައި މާ ފަސޭހަ ނޫންތޯ. ފާޑުފާޑު އަޑުތައް ވެސް ނީވޭނު. ދީނީ ކަންތައްތަކުގެ އަޑު އަބަދު ވެސް އިވޭނީ. އަނެއްކާ ނަމާދު ކުރުމާ އަޅުގަނޑަށް ވެސް ގުރުއާން ކިޔެވުމުގެ ފުރުސަތު ލިބޭ."

އަޙްމަދު މުހައްމަދު: މިސްކިތު މަސައްކަތުގައި އޭނާ އުޅޭތާ 39 އަހަރު ވެއްޖެ-- ސަން ފޮޓޯ: އަޙްމަދު ސާއިލް އަލީ

މިސްކިތަށް މިހާ ހިތްޖެހުނު ސަބަބެއް ކަމަށް އަޙްމަދު ބުނަނީ އޭނާ އެންމެ ކުޑައިރުއްސުރެއް ދީނީ ކަންކަމަށް ފަރުވާތެރި ވުމަށް މައިންބަފައިން ދިން އިރުޝާދެވެ. އެގޮތުން އޭނާ ކުޑައިރުވެސް ކުޅުމަށް ވަގުތު ދެވޭނީ ގަޑިންގަޑިއަށް ނަމާދު ކުރުމާއެކު ދުވާލަކު މަދުވެގެން ކީރިތި ގުރުއާނުން އެއް ފޮތް ކިޔެވުމަށް ފަހުގައި ކަމަށް އަޙްމަދު ބުންޏެވެ. މަސައްކަތުގައި ވިޔަސް ޗުއްޓީއެއްގައި ވިޔަސް އޭނާ ނަމާދެއް އެޅުނު ދުވަހެއް ހަނދާނެއް ނެތެވެ.

މީގެ 39 އަހަރު ކުރިން އަޙްމަދު މި ވަޒީފާއާ ގުޅުނުއިރު ރާއްޖޭގައި ހުންނަނީ ވަރަށް ކުދި މިސްކިތްތަކެކެވެ. ނަމާދު ކުރާ ސަރަހައްދުގައި ކުނާ އަޅާފައި ހުންނައިރު ވުޟޫ ކުރަން ޖެހެނީ ދާނި ބޭނުންކޮށްގެންނެވެ. ފޮޅާ ސާފުކުރަން ޖެހެނީ އިލޮށިފައްޗާއި ފިހިގަނޑުންނެވެ. ފަހުން ފަހުން ތަރައްގީ ވަމުން ގޮސް މިއަދު މިސްކިތްތައް ބޮޑެތިވެ ޒަމާނީ ވެއްޖެއެވެ. ސާފު ކުރަން ޖެހޭ ޖާގަ އިތުރުވީއިރު އަޙްމަދު ވިދާޅުވާގޮތުގައި މިސްކިތްތައް ބެލެހެއްޓުން ކުރިއަށް ވުރެން މިހާރު ވީ ފަސޭހައެވެ. ޒަމާނީ އާލާތްތަކުގެ އެހީގައި މިސްކިތްތައް ބެލެހެއްޓުމަކީ އެއްވެސް އުނދަގޫ ނޫން ކަމެއް ކަމަށް އޭނާ ބުންޏެވެ.

މިސްކިތުގައި މިހާ ދުވަސްވީއިރު ވެސް މިސްކިތުގެ ތެރެއިން އެއްވެސް ހިތްދަތި ކަމެއް އަޙްމަދަށް ދިމައެއް ނުވެއެވެ. މުޅިން ވެސް ލިބެނީ އުފަލެވެ. ހާއްސަކޮށް ގިނަ މީހުން މިސްކިތަށް އަރާ ނަމާދުކޮށް، ގުރުއާން ކިޔަވާ ހަދާތަން ފެނުމުން އެއީ އޭނާ އިންތިހާ އުފާވާ ކަމެއް ކަމަށް އަޙްމަދު ބުނެއެވެ.

"އަޅުގަނޑު މަސައްކަތް ފެށިއިރަށް ވުރެ މިހާރު މިސްކިތަށް މީހުން އަރާވަރު އިތުރު. ޒުވާނުން އަރާވަރު ވެސް އިތުރު. ﷲ އިރާދަކުރެއްވިއްޔާ ދުވަހުން ދުވަހަށް މީހުން ދާނީ އިތުރުވަމުން. ރޯދަ މަހު އަދި ވަރަށް ބޮޑުތަން އިތުރުވާނެ. އެއީ އަޅުގަނޑު ވަރަށް އުފާވާ މަންޒަރެއް. ގިނަ މީހުން އަރައި ނަމާދުކޮށް ގުރުއާން ކިޔަވާތަން ފެނުމުން،" އަޙްމަދު ބުންޏެވެ.

އަޙްމަދު މުހައްމަދު: މިސްކިތު މަސައްކަތުގައި އޭނާ އުޅޭތާ 39 އަހަރު ވެއްޖެ-- ސަން ފޮޓޯ: އަޙްމަދު ސާއިލް އަލީ

އެއް ވަޒީފާއެއްގައި މިހާ ދުވަހު ހުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ހާއްސަކޮށް އެހާ ވަގުތު ދޭން ޖެހޭ އަދި ކުޑަ އުޖޫރައެއް ލިބޭ ކަމެއްގައި މިހާ ދުވަހު ދެމި ހުރެވޭނީ އެކަމަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. އޭނާގެ ހިދުމަތުގެ އަގު ވަރަށް ފަހުން މިވަނީ ވަޒަންކޮށްފައެވެ. އެގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަނީ އިނާމް ދެއްވާފައެވެ. އަޙްމަދު ބުނިގޮތުގައި އެއީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

އަޙްމަދު ބުނިގޮތުގައި އޮފެއް ނެތި، ކޮންމެ ދުވަހެއްގެ ބޮޑުބައި ވަޒީފާއަށް ވަގުތު ދީގެން އޭނާއަށް މިހާ ދުވަހު ދެމިހުރެވުނު ސަބަބަކީ އޭނާގެ އަންހެނުން ސަރީފާ އަބްދުﷲގެ ގެވެހިކަމާއި އޯގާތެރިކަމެވެ. އެއީ ލިބޭ ކުޑަ އާމްދަނީއިން ފުއްދަން އެނގޭ، މަސައްކަތުގައި ގިނަ ވަގުތު އުޅުނަސް ޝަކުވާ ނުކުރާ ނަމޫނާ އަތްބެއް ކަމަށް އަޙްމަދު ބުންޏެވެ.

"އަންހެނުން {ގޭތެރޭގެ} ހުރިހާ ޒިންމާއެއް ނަގާނީ. ކުދިން ސްކޫލަށް ގެންދިއުމާއި ޓިއުޝަނަށް ގެންދިއުން ފަދަ އެއްވެސް ކަމެއް އަޅުގަނޑަށް ހަވާލެއް ނުކުރާނެ. މިސްކިތު މަސައްކަތުގައި އަޅުގަނޑަށް މިހާ ދުވަހު ދެމި މިހުރެވުނީ އަންހެނުންގެ ހީވާގިކަމުގެ ސަބަބުން،" މިފަހުން ކާފަ ދަރިއަކު ވެސް ލިބިފައިވާ އަޙްމަދު ކިޔައިދިނެވެ.

އަންހެނުންގެ އެ އޯގާތެރިކަމަށް ޝުކުރުވެރި ވުމާއެކު އޭނާ ކުރާ ވަރަށް ބޮޑު އުއްމީދެއް އޮވެއެވެ. އެއީ އަންހެނުންނާއެކު ހައްޖުގެ އަޅުކަން އަދާ ކުރަން ދިއުމެވެ. ވަޒީފާއިން ލިބޭ ކުޑަ އާމްދަނީގެ ސަބަބުން އެކަން އަދި އޮތީ ނުވެއެވެ. ނަމަވެސް އަޙްމަދު ތިމާގެ މީހަކާއެކު މީގެ ކުރިން އުމްރާގެ އަޅުކަމަށް ދިޔައެވެ. މިހާރު އޭނާ ދެލޯނޭދި އެދޭ ކަމަކީ އަންހެނުންނާއެކު ހައްޖަށް ދިއުމެވެ.

މި ނަމޫނާ ހިދުމަތްތެރިޔާ ފިކުރު ކުރާ ކަމެއް ވެސް އެބައޮތެވެ. އޭނާގެ އުމުރުން މިއަހަރު 65 އަހަރު ވާތީއެވެ. އެއާއެކު ސިވިލް ސާވިސްގެ ރަސްމީ ވަޒީފާއިން ރިޓަޔާ ކުރަން ޖެހިދާނެތީ އެއީ އޭނާ ކުރާ ހިތާމައެކެވެ. އަޙްމަދު ބުނާގޮތުގައި އޭނާގެ ފަހު ވަގުތާ ހަމައަށް ވެސް މިސްކިތުގެ މަސައްކަތު މީހެއްގެ ގޮތުގައި ދެމި ހުރުމަކީ އޭނާ އަބަދުވެސް އެދޭ އެދުމެކެވެ.

"އަޅުގަނޑުގެ އުއްމީދަކީ އަޅުގަނޑަށް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މިސްކިތު މަސައްކަތުގައި ދެމިހުރުމުގެ ތައުފީގު ﷲ ސުބުޚާނަހޫވަތަޢާލާ މެދުވެރި ކުރެއްވުން،" އުއްމީދާއެކު އަޙްމަދު ބުންޏެވެ.

އޭނާ އެކަމަށް އެދި ހުރި ވަރު އަޅުގަނޑަށް ވަރަށް ބޮޑަށް އިހުސާސް ކުރެވުނެވެ. އިންޓަވިއޫ ނިންމާލުމަށް ފަހު ވެސް ވާހަކަ ދައްކާލަން މަޑުކޮށްލި ދެ ތިން މިނެޓްގެ ތެރޭގައި ވެސް މި ވަޒީފާގައި ފަހު ވަގުތާ ހަމައަށް ވެސް ދެމި ހުންނަން ބޭނުންވާ ވާހަކަ ދޭތެރެއަކުން އަޙްމަދަށް ބުނެވެއެވެ. އޭނާގެ ހުރިހާ އުފަލަކާއި ހިތްހަމަ ޖެހުމެއް ގުޅިފައި ވަނީ މިސްކިތާ ކަމުން ހިދުމަތް ކުރުމުން ދުރުވެ ގޭގައި ހުންނަން އޭނާ ނޭދެއެވެ.

comment ކޮމެންޓް