ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ އަޑު އެހުމެއް އިތުރު ދެ ގާޒީންނާ އެކު މިއަދު ސިވިލް ކޯޓުގައި ބާއްވައިފި އެވެ.
ގިނަ ދުވަސްތަކެއް ވަންދެން އަބްދުﷲ ގާޒީ ގިރިފުށީގައި ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލަ އަށް ފަހު، މިއަދު ބޭއްވި ފުރަތަމަ ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލަ ކުރިން ބެއްލެވި ގާޒީ މަރިޔަމް ނިހާޔަތުގެ އިތުރުން އެ މައްސަލަ ބެލުމަށް އިތުރު ދެ ގާޒީއަކު ވަނީ އަލަށް ބައިވެރިވެވަޑައިގެންފަ އެވެ. އެ ދެ ގާޒީން ނަކީ ގާޒީ އައިޝާ ޝުޖޫން މުހައްމަދުއާއި ހާތިފް ހިލްމީ އެވެ.
ޖޭއެސްސީއާ ދެކޮޅަށް އަބްދުﷲ ގާޒީ ދައުވާ ކުރައްވަނީ އޭނާ ސުލޫކީ މިންގަނޑާ ޚިލާފުވި ކަމަށް ޖޭއެސްސީ އިން ނިންމުމުން އެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އަބްދުﷲ ގާޒީގެ ގާނޫނީ ވަކީލު ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ވިދާޅުވީ އެ މައްސަލައިގެ ކުރީގެ ޝަރީއަތުގެ މަޖިލީހުގައި ޖޭއެސްސީ އިން ދައްކާފައިވާ ވާހަކަތަކަކީ ޖުމްލަ ގޮތެއްގައި ޝަރުއީ އަދި ގާނޫނީ އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ އަބްދުﷲ ގާޒީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމި އިރު އެ މައްސަލަ ސާބިތު ވަނީ ޝަރުއީ އަދި ގާނޫނީ ކޮން އުސޫލަކުން ކަން އެނގެން ނެތް ކަމަށެވެ.
ރިޒާ ވިދާޅުވީ އަބްދުﷲ ގާޒީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖޭއެސްސީ އިން ނިންމާފައި ވަނީ 2009 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އަބްދުﷲ ގާޒީ ދި ޓީވީ އަށް ދެއްވި އިންޓައުއެއްގައި ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ކެބިނެޓަށް އިޝާރާތްކޮށް އޭރު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ކަމަށެވެ. އަދި އޭރު އަބްދުﷲ ގާޒީ ވިދާޅުވީ، ނަޝީދުގެ ސަރުކާރުން އޭރު ކަންކަން ކުރަމުން ދިޔައީ ނޭވާ ހޮޅިއަށް އެޅިގެން އުޅޭއިރު ކަންކަން ކުރާ ގޮތަށް ކަމަށެވެ. ނަމަވެސް ދި ޓީވީ އިން އެ އިންޓަވިއު ނެގި ދެ މީހުން ޖޭއެސްސީ އަށް ހާޒިރުކޮށް ސުވާލުކުރުމުން އަބްދުﷲ ގާޒީ އެހެން ވިދާޅުވެފައި ނުވާ ކަމަށް އެ ދެ މީހުން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޒާ ވިދާޅުވީ އެ ދުވަސް ވަރަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑެއް ވެސް ކަނޑައެޅިފައި އޮންނަ ދުވަސްވަރެއް ނޫން ކަމަށާއި އަދި އެ ދުވަސްވަރު ފަނޑިޔާރުންގެ ގާނޫނެއް ނޯންނަ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޖޭއެސްސީގެ ވަކީލު ވަނީ އަބްދުﷲ ގާޒީ އާ ދެ ސުވާލެއް ކުރައްވައިފަ އެވެ.
ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމި ތަހުގީގު ރިޕޯޓު ޖޭއެސްސީ އިން އަބްދުﷲ ގާޒީ އާ ހަވާލު ކުރިތޯ އާއި ރިޕޯޓުގައިވާ ކަންތައްތަކާ މެދު ހިތްހަމަ ނުޖެހިގެން ޖޭއެސްސީ އަށް ހުށަނޭޅީ ކީއްވެތޯ ޖޭއެސްސީގެ ވަކީލު އެއްސެވުމުން ރިޒާ ވިދާޅުވީ ކަންހިނގާފައިވާ ގޮތަށް ބަލާ އިރު އަލުން ޖޭއެސްސީ އަށް ދިޔުމުގެ މަސްލަހަތު ނެތަތީ އަބްދުﷲ ގާޒީ އަވަސް ވެގަތީ އިސްނާފު ހޯދުމަށް ޝަރީއަތަށް ދިޔުމަށް ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ ނިހާޔަތު ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ޖޭއެސްސީގެ ފަރާތުން ބަޔާން ހުށަހެޅުމަށް 10 ދުވަހުގެ ފުރުސަތަކަށް އެދުމުން އެ ފުރުސަތު ޖޭއެސްސީ އަށް ދިނުމަށް ފަހު އެވެ.