ޕްރިމިއާ ލީގްގައި ރޭ ސިޓީ މެޗު އެއްވަރުވިއިރު، ލިވަޕޫލް މޮޅުވެއްޖެ

ނޮޓިންހަމް އާ ދެކޮޅަށް ރޭ ކުޅުނު މެޗްގައި ސިޓީގެ ފޯޑެން --- ފޮޓޯ/ ސިޓީ

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ މެންޗެސްޓާ ސިޓީ އާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރިމެޗު އެއްވަރުވެ، ތާވަލްގެ އެއްވަނަ ހޯދުމަށް ސިޓީ ކުރަމުންގެންދާ މަސައްކަތްތަކަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.

ނޮޓިންހަމްގެ ދަނޑުގައި ކުޅުނު މިމެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމް އެއްވަރުވެގެންނެވެ. މެޗުގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރިހޯދާފައިވަނީ މެންޗެސްޓާ ސިޓީންނެވެ. އެއީ މެޗުގެ 41 ވަނަ މިނެޓް ތެރޭގައި ބާނާޑޯ ސިލްވާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭގެ ކުރިން ސިޓީގެ ރޮޑްރީއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް ރޮޑްރީ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ސިޓީން ލީޑް ނެގިފަހުންވެސް ހާލާންޑް އަދި ރޮޑްރީއަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިފައެވެ.

ރޭ މެންޗެސްޓާ ސިޓީ އާއި ނޮޓިންހަމް ބައްދަލުކުރި މެޗްގެ ތެރެއިން --- ފޮޓޯ/ގެޓީ

މެޗުގައި ފޮރެސްޓުން އެއްވަރުކޮށްފައިވަނީ 84 ވަނަ މިނެޓް ތެރޭގައި ގްރާންޓް ވުޑެވެ. މެޗްގެ ފަހުހާފުގައިވެސް ސިޓީއަށް ވަނީ ލަނޑުޖަހާނެ ހުސް ފުރުސަތުތައް ލިބިފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޑިބްރޭނާ ފޮނުވާލި ހިލޭ ޖެހުމެވެ. ޑިބްރޭނާ ފޮނުވާލި ހިލޭ ޖެހުން ފޮރެސްޓްގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗު އެއްވަރުވުމުން ތާވަލްގެ އެއްވަނަ ހޯދުމަށް ސިޓީއަށް ވަނީ އިތުރު އިންތިޒާރެއް ކުރަންޖެހިފައެވެ. ސިޓީ މިހާރު އޮތީ އާސެނަލަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން 52 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. ތާވަލްގެ އެއްވަނައިގައި އުޅޭ އާސެނަލަށް ލިބިފައިވަނީ 54 ޕޮއިންޓެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ލިވަޕޫލާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރިމެޗު 2-0 ގެ ނަތީޖާއިން ކާމިޔާބުކުރީ ލިވަޕޫލެވެ. މެޗުގައި ލިވަޕޫލަށް ލަނޑުތައް ޖަހައިދިނީ ނުނޭޒް އާއި ގަޕްކޯއެވެ. މެޗުގައި ނިއުކާސަލްގެ ޕޮޕޭއަށް 22 ވަނަ މިނެޓް ތެރޭގައި ދެއްކި ރަތްކާޑާއެކު މެޗުގެ ބޮޑުބައި ނިއުކާސަލް ކުޅުންތެރިން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ޕްރިމިއާ ލީގްގައި ރޭ ލިވަޕޫލާއި ނިއުކާސަލް ބައްދަލުކުރި މެޗްގެ ތެރެއިން--- ފޮޓޯ/ގެޓީ

ޕްރިމިއާ ލީގްގައި ރޭ ޗެލްސީ އާއި ސަދަމްޓަން ބައްދަލުކުރިމެޗު ކުރިން ހީކުރި ގޮތާ ޚިލާފަށް ކާމިޔާބުކުރީ ސަދަމްޓަންއެވެ. މެޗުގައި ގިނަ އަދަދެއްގެ ރީނދޫ ކާޑުތައް ފެނިގެންދިޔައިރު، މޮޅަށް ކުޅެފައިވަނީ ޗެލްސީއެވެ.

ރޭގެ މެޗުގެ 84 ވަނަ މިނެޓްތެރޭގައި ސަދަމްޓަން ކުޅުންތެރިއެއްގެ ބޫޓުން ޖެހި، ޗެލްސީގެ އަޒްޕިލިކުއެޓާގެ ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން ފަރުވާދިނުމަށް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާގެ ބޮލަށް ލިބުނު އަނިޔާގެ ތަފްސީލް އަދި މިހާތަނަށް ޗެލްސީން ހާމަކޮށްފައެއް ނުވެއެވެ.

ޕްރިމިއާ ލީގްގައި ޗެލްސީ އާ ސަދަމްޓަން ބައްދަލުކުރިމެޗުގައި ޗެލްސީގެ އަޒްޕިލިކުއެޓާގެ ބޮލަށް އަނިޔާވެގެން ދަނޑުން ބާލަނީ-- ފޮޓޯ/ގެޓީ

މިމެޗުން ސަދަމްޓަން މޮޅުވުމުން ރެލިގޭޝަނުން އަރައިގަތުމަށް އެޓީމް ކުރަމުންގެންދާ މަސައްކަތްތަކަށް ވަނީ އުއްމީދެއް ލިބިފައެވެ.

ޕްރިމިއާ ލީގްގައި ރޭ ކުޅުނު މެޗްތަކަށްފަހު ޗެލްސީ މިހާރު އުޅެނީ 31 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ. ސަދަމްޓަން އުޅެނީ 18 ޕޮއިންޓާއެކު 20ޓީމް ހިމެނޭ ތާވަލްގެ އެންމެ ފުލުގައެވެ.

comment ކޮމެންޓް