ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގައި ގދ. އަތޮޅު ފައިނަލަށް ދަތުރުކޮށްފައިވާ ގދ. ވާދޫން މަޑަވެލި ކޮޅަށް 11 ގޯލު ޖެހިއިރު ހޯޑެއްދޫ ބަލިކޮށް ގައްދޫ ވެސް އެ އަތޮޅު ފައިނަލަށް ދަތުރުކޮށްފިއެވެ.
އިއްޔެ ހަވީރު ހުޅުމާލެ ރެހެންދި ޓާފު ދަނޑުގައި ކުޅުނު ގދ. އަތޮޅުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ވާދޫއާއި މަޑަވެއްޔެވެ. އެ މެޗު ނިމުނީ 11-2 ގެ ނަތީޖާއަކުން ވާދޫ މޮޅުވެގެންނެވެ. އެ މެޗުގައި ވާދޫގެ އަޔާޒު އަހުމަދާއި ޒައިން މުހައްމަދާއި، ޔަޒްދާން އިބްރާހީމް ގޯލެއް ޖެހިއިރު އިބްރާހީމް ޝައުފު މުހައްމަދު ނާއިލް ވަނީ ދެ ގޯލު ޖަހައިފައެވެ. އެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނު މުހައްމަދު އިޔާދު އަލީ ވަނީ ހަތަރު ގޯލު ކާމިޔާބުކޮށްފައެވެ.
މަޑަވެލިން މެޗުގައި ޖެހި ދެ ގޯލު ޖެހީ މުހައްމަދު މުއާދާއި މުހައްމަދު ސާއިފްއެވެ. އެ މެޗަށް ނިކުތް އިރު ވާދޫ ވަނީ އެ އަތޮޅުގެ ފައިނަލުން ޖާގަ ކަށަވަރުކޮށްފައެވެ. އެ ޓީމު ވަނީ މިހާތަނަށް ގްރޫޕްގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެފައެވެ.
އެ އަތޮޅުގެ ދެވަނަ މެޗެއްގެ ގޮތުގައި އިއްޔެ ހަވީރު ކުޅެފައިވަނީ ހޯޑެއްދޫއާއި ގައްދޫ ބައްދަލުކުރި މެޗެވެ. 2-0 ގެ ނަތީޖާއަކުން އެ މެޗު ކާމިޔާބުކޮށް ގައްދޫއިން ވަނީ ގދ. އަތޮޅުގެ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފަައެވެ. އެ މެޗުގައި ގައްދޫގެ ގޯލުތައް ޖެހީ އައްނު އަބްދުﷲ އާއި ޝާރިގު އިބްރާހީމް ރަޝީދެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "ސަން"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.
މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މިފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުންނެވެ. ފުރަތަމަ އެ އަތޮޅެއް ނިސްބަތްވާ އަތޮޅު ބުރެއް ކުޅެން ޖެހޭއިރު އެ ބުރުން އެންމެ މޮޅު ޓީމުތައް ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. ޒޯން ބުރުން އެންމެ މޮޅު 16 ޓީމު ދެން ވާދަކުރަން ޖެހޭނީ މުބަރާތުގެ ގަދަ 16ގައެވެ. އަދި އެ ބުރުން ކާމިޔާބު ހޯދާ ޓީމުތައް ކުއާޓާ، ސެމީ އަދި ފައިނަލް ކުޅެ މުބަރާތުގެ އެންމެ މޮޅު ޓީމެއް ހޮވޭނެއެވެ. އެ މުބާރާތުގެ ހުރިހާ މެޗެއް ކުޅޭނީ ހުޅުމާލެ ރެހެންދި ޓާފު ދަނޑުގައެވެ.
މިއަހަރު ކުޅޭ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަން ސިޔާމް މީޑިއާއެވެ.