ކާނަލް ނަޝީދުގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި

ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ނަޝީދު (ކާނަލް) ސަން އަށް އިންޓަވިއު ދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް)ގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފިއެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލް ކޮށްފައިވާއިރު، މި އަޑުއެހުން ކުރިއަށް ގެންދަން ނިންމާފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައެވެ. އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ.

އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އެ ދެ މީހުންގެ އިތުރުން ގާނޫނީ ވަކީލް އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުގެ މައްޗަށް ވެސް ދައުވާ އުފުލިއެވެ.

އެ ހަތަރު މީހުންގެ މައްޗަށް ވެސް އުފުލާފައިވަނީ އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި ދެން ހައްޔަރު ކުރި ނާޒިމް ސައްތާރު ވަނީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު، ތިން މަހާއި 26 ދުވަހަށް ގޭ ބަންދުކުރަން ކުރި ހުކުމް ތަންފީޒުކޮށް ނިމި، މިނިވަން ވެފައެވެ.

އަދި އަބްދުއްރަހުމާން ރަފީއުއަށް ވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ހުކުމެއް އިއްވާފައެވެ. މީގެ އިތުރުން އަލަމްގީރްގެ މައްޗަށް އެއް ޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއެއްގެ ސާބިތުވެ ވަނީ ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް އެ ފަހަރު ހުކުމް ކޮށްފައެވެ.

އެއަށްފަހު އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާއެއް ސާބިތުވެ އަލަމްގީރަށް ވަނީ ތިން އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ.

comment ކޮމެންޓް