އެމްޑީޕީ ޕްރައިމަރީ މައްސަލައިގެ ވަކީލަކަށްވީ ޕާޓީ ޖަވާބުދާރީ ކުރުވަން: ދިޔާނާ

ދިޔާނާ ދިން އިންޓަވިއުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ސައްހަ ނޫން ކަމަށް ކަނޑައެޅުމަށާއި ޕާޓީގެ ރިޔާސީ ޓިކެޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާ ހަވާލުކުރުން ހުއްޓުވައިދިނުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށައެޅި މައްސަލައިގެ ގާނޫނީ ވަކީލަކަށްވީ ޕާޓީ ޖަވާބުދާރީ ކުރުވުމަށް ކަމަށް ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރު ޕޮލިސް ބޯޑުގައި އިންނަވާ ހާމިދު އަބްދުލްޣަފޫރެވެ. މި މައްސަލައިގައި ހާމިދު އެދިފައި ވަނީ މެމްބަރުންގެ ގޮތުގައި ތިބި 39،000 މެމްބަރުން އުނިކުރީ ޕާޓީން މެންބަރުން ވަކިކުރަން ޖެހޭ އުސޫލާ އެއްގޮތައް ނޫން ކަމަށް ކަނޑައަޅައިދޭށެވެ.

އެމްޑީޕީން ވަނީ މީގެ ކުރިން އުސޫލާ ހިލާފަށް ގިނަ މެމްބަރުންތަކެއް ވަކިކޮށްފައިވާ ކަމަށް ކުރާ ތުހުމަތުތަށް ދޮގުކޮށްފައެވެ.

މިކަމާ ގުޅިގެން މީސްމީޑިއާގައި ދިޔާނާ ވިދާޅުވެފައި ވަނީ އެ މައްސަލައިގައި އަސާސީ ހައްގުތަކާއި ގެއްލުންތަކާއި އިންސާފުވެރި އިޖުރާއަތުތަކާއި ޕާޓީ ޖަވާބުދާރީވުމާ ގުޅޭ މުހިންމު ސުވާލުތަކެއް ހިމެނޭ ކަމަށާއި، ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާއިރު ވީހާ ވެސް ރަނގަޅު މިންވަރަކަށް ގާނޫނީ ތަފްސީލުތައް ޕާޓީގެ މެންބަރުންނަށް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން، ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމެއް ނެތި 39،911 މީހުންގެ ޕާޓީގެ މެމްބަރުކަން ނަގާލުމަކީ އެ މެމްބަރުންގެ ޑިމޮކްރަސީގެ ހައްގަށް އަސަރުކޮށްފައި ވާކަން ވަރަށް ބޮޑު ހާމަކޮށްދޭ ކަމަށް ދިޔާނާ ވިދާޅުވިއެވެ. އަދި މި މެމްބަރުން ވަކިކުރުމާ ގުޅިގެން އެ ޕާޓީން ވޯޓާ ކުރިމަތިލަނީ ރާއްޖޭގެ ވޯޓުލާ އާބާދީގެ އެންމެ 8 ޕަސެންޓު ވޯޓުގެ ނަތީޖާއަށް ބިނާކޮށް ކަމަށް އޭނާ ފާހަގަކުރެެއްވިއެވެ.

comment ކޮމެންޓް