ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގައި ހއ. އަތޮޅުގެ ސެމީ ފައިނަލްގެ މެޗުތަކުން މޮޅުވެ އުތީމާ ފިއްލަދޫ އެ އަތޮޅު ފައިނަލަށް ދަތުރުކޮށްފިއެވެ.
ރޭ ހުޅުމާލެ ރެހެނދި ޓާފު ދަނޑުގައި ކުޅުނު ހއ. އަތޮޅުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އުތީމާއި ވަށަފަރެވެ. އުތީމުން ސެމީ ފައިނަލުގައި ވަށަފަރުގެ މައްޗަށް ކުރިހޯދީ ޕެނަލްޓީ ޖަހައިގެންނެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިިއިރު 1-1 ގެ ނަތީޖާއަކުން މެޗު އެއްވަރުވުމުގެ ސަބަބުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އުތީމުން ކުރިހޯދީ 4-3 ގެ ނަތީޖާއަކުންނެވެ.
އެ އަތޮޅު ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރީ މުރައިދޫއާއި ފިއްލަދޫއެވެ. އެ މެޗު ފިއްލަދޫން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ފިއްލަދޫގެ ދެ ގޯލު ޖެހީ މުހައްމަދު ހުސާމްއާއި އިބްރާހިމް ފަޒީލްއެވެ. އަދި މުރައިދޫން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖެހީ އިޔާން އަހުމަދު ރަޝީދެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "ސަން"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.
މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މިފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުންނެވެ. ފުރަތަމަ އެ އަތޮޅެއް ނިސްބަތްވާ އަތޮޅު ބުރެއް ކުޅެން ޖެހޭއިރު އެ ބުރުން އެންމެ މޮޅު ޓީމުތައް ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. ޒޯން ބުރުން އެންމެ މޮޅު 16 ޓީމު ދެން ވާދަކުރަން ޖެހޭނީ މުބަރާތުގެ ގަދަ 16ގައެވެ. އަދި އެ ބުރުން ކާމިޔާބު ހޯދާ ޓީމުތައް ކުއާޓާ، ސެމީ އަދި ފައިނަލް ކުޅެ މުބަރާތުގެ އެންމެ މޮޅު ޓީމެއް ހޮވޭނެއެވެ. އެ މުބާރާތުގެ ހުރިހާ މެޗެއް ކުޅޭނީ ހުޅުމާލެ ރެހެންދި ޓާފު ދަނޑުގައެވެ.
މިއަހަރު ކުޅޭ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަން ސިޔާމް މީޑިއާއެވެ.