ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގައި މ. އަތޮޅުގެ ދެވަނަ ރޭގެ މެޗުތަކުގައި އެންމެ ފަހުގެ އެ އަތޮޅުގެ ޗެމްޕިއަން މުލަކު ބަލިކޮށް ދިއްގަރު އުންމީދާއެކު މުބާރާތް ފެށިއިރު ކޮޅުފުށި ބަލިކޮށް މުލިން ފުރަތަމަ މޮޅު ހޯދައިފިއެވެ.
ރޭ ހުޅުމާލެ ރެހެންދި ދަނޑުގައި ދިއްގަރާއި މުލަކު ބައްދަލުކުރި ގްރޫޕް އެކެއްގެ މެޗު ނިމުނީ 1-0 ގެ ނަތީޖާއަކުން ދިއްގަރު ކާމިޔާބުކޮށްގެންނެވެ. އެ މެޗުގައި ދިއްގަރުން ޖެހި ހަމައެކަނި ގޯލު ޖެހީ ހުޒައިފަތު ރަޝީދެވެ.
ރޭގެ މެޗަކީ މި މުބާރާތުގައި ދިއްގަރު ކުޅުނު ފުރަތަމަ މެޗެވެ. ނަމަވެސް މުލަކު ވަނީ މިދިޔަ ހޮނިހިރު ދުވަހު ހަވީރު މެޗެއް ކުޅެފައެވެ. އެ މެޗުގައި ނާލާފުއްޓާ ވާދަކޮށް 4-1 ގެ ނަތީޖާއަކުން މުލައް ވަނީ ބަލިވެފައެވެ. އެހެންކަމުން މުލައް ވަނީ މި އަހަރު ގޯލްޑެން ފުޓްސަލް މުބާރާތުން ކަޓައިފައެވެ.
ރޭ ކުޅުނު މ. އަތޮޅުގެ ގްރޫޕް ދޭއްގެ މެޗުގައި ބައްދަލުކޮށްފައިވަނީ މުއްޔާއި ކޮޅުފުއްޓެވެ. އެ މެޗު 5-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މުލިންނެވެ. އެ މެޗުގައި މުލީގެ ގޯލުތައް ޖެހީ މުހައްމަދު އިދާންއާއި، ރިޝާދު މުހައްމަަދުއާއި، ހަސަން ސަމްހާންގެ އިތުރުން ހަސަން އަޝްރަފްއެވެ. އިދާން ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. މީގެ އިތުރުން ކޮޅުފުށީގެ ދެ ގޯލު ޖެހީ އަބްދުﷲ ޝުޖާއުއާއި ހަސަން މާނިއުއެވެ.
ރޭގެ މެޗަކީ މުލީގެ ފުރަތަމަ މެޗުކަމަށްވީނަމަވެސް ކޮޅުފިށި ވަނީ މިދިޔަ ހޮނިހިރު ދުވަހު ހަވީރު މަޑުއްވަރިއާ ދެކޮޅަށް ކުޅެފައެވެ. އެ މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކޮޅުފުށިންނެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "ސަން"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.
މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މިފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުންނެވެ. ފުރަތަމަ އެ އަތޮޅެއް ނިސްބަތްވާ އަތޮޅު ބުރެއް ކުޅެން ޖެހޭއިރު އެ ބުރުން އެންމެ މޮޅު ޓީމުތައް ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. ޒޯން ބުރުން އެންމެ މޮޅު 16 ޓީމު ދެން ވާދަކުރަން ޖެހޭނީ މުބަރާތުގެ ގަދަ 16ގައެވެ. އަދި އެ ބުރުން ކާމިޔާބު ހޯދާ ޓީމުތައް ކުއާޓާ، ސެމީ އަދި ފައިނަލް ކުޅެ މުބަރާތުގެ އެންމެ މޮޅު ޓީމެއް ހޮވޭނެއެވެ. އެ މުބާރާތުގެ ހުރިހާ މެޗެއް ކުޅޭނީ ހުޅުމާލެ ރެހެންދި ޓާފު ދަނޑުގައެވެ.
މިއަހަރު ކުޅޭ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަން ސިޔާމް މީޑިއާއެވެ.