ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ހައްގު ނަމަވެސް، ދައުލަތުގެ ބަޖެޓު ނެތުމުން ހަތަރު އަހަރު ވަންދެން ނުދީ ހުރި ފައިސާ ދޭން އަމުރު ނުކުރެވޭނެ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމައިފިއެވެ.
ކޮންމެ ދެ އަހަރަކުން އެއް އަހަރު މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު 70 އިންސައްތައަށް ވުރެ މަތިން މާކްސް ލިބޭ މުވައްޒަފުންނަށް 200 ރުފިޔާގެ މުސާރައިގެ ކުރިއެރުމެއް ދޭންޖެހޭ ކަމަށް ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ނަމަވެސް އެ ފައިސާ ނުދޭތާ ހަތަރު އަހަރު ވެފައިވާތީ، ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންގެ ފަރާތުން އެ މައްސަލަ ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފައެވެ.
އެކަމާ ގުޅިގެން ޓްރައިބިއުނަލް އިން މިދިޔަ ބުރާސްފަތި ދުވަހު ނިންމި ނިންމުމުގައި ބުނެފައިވަނީ ހަތަރު އަހަރު ވީއިރު ވެސް މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ނުދެވި އޮތީ އެކަމަށް ބޭނުންވާ ބަޖެޓް ދައުލަތުން ހަމަޖައްސައި ނުދޭތީ ކަމަށާއި، ބަޖެޓް ހަމަޖެހިފައި ނުވަނީސް އެ ފައިސާ ދިނުމަކީ މާލިއްޔަތު ގަވާއިދާ ޚިލާފު ކަމެއް ކަމަށެވެ.
އެހެންކަމުން އެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ހައްގުވި ކަމުގައި ވީނަމަވެސް، އެ ފައިސާ ދޭން އަމުރު ނުކުރެވޭނެ ކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައި ބުނެފައިވެއެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު އެކުލަވާލާފައިވާ ގޮތަށް ބަލާއިރު، ޖުޑީޝަލް އެލަވަންސާއި އިތުރު ގަޑީގެ ފައިސާ ވެސް ހިސާބު ކުރަނީ މުސާރައިގެ ނިސްބަތަށް ބަލައިގެންނެވެ. އެހެންކަމުން މުސާރައިގެ ކުރިއެރުން ނުލިބޭތީ ޖުޑީޝަލް އެލަވަންސާއި އިތުރު ގަޑީގެ ފައިސާގެ ކުރިއެރުމެއް ވެސް ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މިހާރު ނުލިބެއެވެ.
އެ މައްސަލަ ޓްރައިބިއުނަލްއަށް ހުށަހެޅިފަހުން 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު 2019 ވަނަ އަހަރު ދޭންޖެހޭ ފައިސާގެ ތެރެއިން އެއް ބައި ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މިދިޔަ މަހު ދީފައިވެއެވެ. ނަމަވެސް 2022 ވަނަ އަހަރު ދޭންޖެހޭ ފައިސާ މިހާތަނަށް ދީފައި ނުވެއެވެ.