ލުބުނާނުގައި ކުރަމުންދާ މުޒާހަރާތަކުގައި ބޭންކުތަކަށް ހަމަލާދީފި

ލުބުނާނުގެ މުޒާހަރާތަކުގެ ތެރެއިން ބޭންކަކަށް ހަމަލާ ދެނީ -- ފޮޓޯ/ އޭޕީ

ލުބުނާނުގައި ފަގީރުކަން އިތުރުވެ، ފައިސާގެ އަގު ވަރަށް ބޮޑަށް ވެއްޓުމުން ކުރިއަށްދާ މުޒާހަރާތަކުގައި އެގައުމުގެ ބޭންކުތަކަށް ހަމަލާދީފިއެވެ.

ލުބުނާނުގެ އިގުތިސާދު ދަށްވެ، 2019 ވަނަ އަހަރު ތެރޭގައި ގައުމު މާލީ ކާރިސާއަކާ ކުރިމަތިލާން ޖެހުނީ ގައުމުގެ ސަރުކާރުގެ ހިންގުން އެތައް އަހަރުތަކެއް ވަންދެން ދޯހަޅިކޮށް އޮވެ، ކޮރަޕްޝަނުގެ މައްސަލަތައް ވެސް އިތުރުވުމުންނެވެ.

ލުބުނާނުގެ އާބާދީގެ ހަ މިލިއަން މީހުންގެ ތެރެއިން 75 ޕަސެންޓު މީހުން ދަނީ ފަގީރުކަމާ ކުރިމަތިލަމުންނެވެ. އަދި ފާއިތުވި އަހަރުތަކުގައި އެގައުމުގެ ފައިސާގެ އަގު ވަނީ 97 ޕަސެންޓު ދަށްވެފައެވެ. އެގޮތުން ބުރާސްފަތި ދުވަހު ކަޅުބާޒާރުގައި ޑޮލަރެއް ލިބެނީ 80،000 ލުބުނާން ޕައުންޑަށް ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ދެހާސް ނަވާރަ ވަނަ އަހަރުން ފެށިގެން ލުބުނާނުގެ ބޭންކުތަކުން ވަނީ ނަގުދު ފައިސާ ނެގޭ މިންވަރު މަދުކޮށްފައެވެ. އޭގެ ސަބަބުން ބޭންކުތަކުގައި ޑިޕޮސިޓްކޮށްފައިވާ ފައިސާ ނުނެގޭތީ، ބައެއް މީހުން ބޭންކުތަކަށް ވަދެ އިންޒާރު ދީގެން ފައިސާ އަތުލުމުގެ މައްސަލަތަކާއި ކޯޓަށް ގޮސްގެން ފައިސާ ހޯދުމުގެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ.

އެފަދަ މައްސަލަތަކާ ގުޅިގެން ހަޅުތާލު ކުރުމުގެ ގޮތުން ލުބުނާނުގެ ބޭންކުތައް ބަންދުކޮށްފައި ހުންނަތާ މިހާރު 10 ދުވަސްވެއްޖެއެވެ. އޭގެ ސަބަބުން ވެރިރަށް ބެއިރޫތުގައި ނުރުހުން ފާޅުކޮށް، މުޒާހަރާ ކުރަމުންދާ މީހުން ވަނީ ބޭންކުތަކަށް ގެއްލުންދީ، އެތެރެއަށް ވަދެ ތަކެތީގައި ރޯކޮށްފައެވެ.

ލުބުނާނުގައި މުޒާހަރާ ކުރާ މީހުން ވަނީ، އެގައުމުގެ އިގުތިސާދު ހަމައަކަށް އެޅުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ކުރަން އަންގާފައިވާ ކަންތައްތަކާ ޚިލާފަށް ބޭންކުތަކުންނާއި ސިޔާސީ އޮފިޝަލުން އަމަލު ކުރަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ބޭންކުތަކުން ބުނާ ގޮތުގައި ގައުމުގެ މާލީ ކާރިސާ އާއި ނަގުދު ފައިސާ ނެގުމުގައި ދިމާވާ މައްސަލަތަކުގެ ޒިންމާ ނަގަން ޖެހޭނީ ސަރުކާރުންނެވެ. އަދި ލުބުނާނުގެ ބޭރުގެ ދަރަނި ވަރަށް ބޮޑުވެފައިވާ އިރު އެ ދަރަނި ދައްކަން ޖެހޭނީ ވެސް ދައުލަތުން ކަމަށް ބޭންކުތަކުން ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން ލުބްނާނަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކަކީ ފާއިތުވި ވިއްސަކަށް އަހަރު ތެރޭގައި އެގައުމަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައެވެ. އެ މައްސަލަ ވަނީ، 2020 ވަނަ އަހަރު ބެއިރޫތުގެ ބަނދަރުގައި ހުރި ގޮދަނެއް ގޮވި ހާދިސާއާއި ކޮވިޑްއާ ގުޅިގެން ވެސް އިތުރަށް ގޯސްވެފައެވެ.

ދެހާސްވިހި ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ބޭރޫތުގެ ބަނދަރުގައި ގުދަން ގޮވި ހާދިސާގައި 200 މީހަކު މަރުވެ، 6،000އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ.

އެ ހާދިސާއަށްފަހު އޭރުގެ ބޮޑުވަޒީރު ހަސަން ދިޔާބު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް