ލުބުނާނަށް ހަމަލާދޭން އިސްރާއީލުން ވައިޓް ފޮސްފަރަސް ބޭނުންކޮށްފި

ލުބުނާނުގެ ދެކުނަށް އިސްރާއީލުން ދިން ހަމަލާއެއް -- ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

ލުބުނާނުގެ ދެކުނަށް އިސްރާއީލުން ދިން ހަމަލާތަކުގައި އާންމު ރައްޔިތުންނާ ދެކޮޅަށް ބޭނުން ކުރުން މަނާކޮށްފައިވާ ނުރައްކާތެރި ހަތިޔާރެއް ކަމުގައިވާ ވައިޓް ފޮސްފޮރަސް އެކުލެވޭ ހަތިޔާރު ބޭނުންކޮށްގެން ދިން ހަމަލާތައް ހިމެނޭ ކަމަށް ލުބުނާނުން ބުނެފިއެވެ.

ލުބުނާނުގެ ދައުލަތުގެ ނޫހުން ބުނެފައިވާ ގޮތުން ވައިޓް ފޮސްފަރަސް އެކުލެވޭ ހަތިޔާރު އިސްރާއީލުން ބޭނުންކޮށްފައި ވަނީ ލުބުނާނުގެ މީސް އަލް ޖަބަލަށް ދިން ވައިގެ ހަމަލާތަކެއްގައެވެ.

ކުރިން 1980 ވަނަ އަހަރުގެ ޖެނީވާ މުއާހަދާގެ ދަށުން ވައިޓް ފޮސްފަރަސް އެކުލެވޭ ހަތިޔާރު ބޭނުންކުރުން އޮތީ މަނާކޮށްފައެވެ. އަދި، އެއީ އާންމުންނަށާއި ތިމާވެއްޓަށް ގެއްލުން ހުރި އެއްޗެއް ކަމަށް އެ މުއާހަދާގައި ވަނީ ކަނޑައަޅައިފައެވެ.

އެކަމާ ގުޅިގެން އިސްރާއީލު އަސްކަރިއްޔާއިން އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ.

މީސް އަލް ޖަބަލުގެ އިތުރުން އިސްރާއީލާއި ލުބުނާނުގެ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ކައުކަބާ އަވަށުގެ ގެއަކަށް ވެސް އިސްރާއީލުގެ ޑްރޯނު ހަމަލާއެއް އަމާޒުވެފައިވާ ކަމަށް ދައުލަތުގެ ނޫހުން ބުނެއެވެ. އަލް ޟާހިރާއާއި ޔާރިން ސިޓީގެ ރަށް ބޭރަށް ވެސް އިސްރާއީލުގެ ހަމަލާތައް ވަނީ އަމާޒުވެފައެވެ.

އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ފައުޖުތަކުން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކާ ގުޅިގެން ލުބުނާނާއި އިސްރާއީލާ ދެމެދު ހަމަލާތައް ބަދަލުކުރުން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ލުބުނާނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތް، ހިޒްބުﷲ އާއި އިސްރާއިލާއި ދެމެދު މިހާތަނަށް ގިނަ ހަމަލާތަކެއް ވަނީ ބަދަލުކޮށްފައެވެ.

އެ ހަމަލާތަކަކީ ދެ ގައުމުގެ ދެމެދުގައި 2006 ވަނަ އަހަރު ހަނގުރާމަ ފެށިފަހުން ބަދަލު ކުރާ އެންމެ ވަރުގަދަ ހަމަލާތަކެވެ.

comment ކޮމެންޓް