ގުދުރަތީ ކާރިސާތަކަކީ ތެދުމަގަށް ރުޖޫއަވުމަށް ކުރިމަތި ކުރުވާ އިންޒާރެއް: ޙުތުބާ

އިސްލާމީ މަރުކަޒު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބިންހެލުން ފަދަ ގުދުރަތީ ކާރިސާތަކަކީ ޝައިތާނާގެ ފިޔަވަޅުގެ ފަހަތުން ގޮސް މަގުއޮޅިގެން ދާހިނދު، އިންސާނުން ތެދުމަގަށް ރުޖޫއަވުމަށް މާތް ﷲ ލައްވާފައިވާ އިންޒާރެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

އެގޮތުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު ތުރުކީ ވިލާތުގެ ދެކުނާއި ސޫރިޔާގެ އުތުރަށް އައި ބާރުގަދަ ބިންހެލުމުގެ ވާހަކަ ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

"މާތް ﷲ އަޅުގަނޑުމެން މި ދުނިޔޭގައި ލައްވާފައި ވަނީ މިފަދަ ހާދިސާތަކުން އިބްރަތް ލިބިގަނެ، އަޅުގަނޑުމެންގެ ހަޔާތުގެ ދުވަސްތައް ﷲސުބްހާނަހޫ ވަތަޢާލާ އަންގަވާފައިވާ ގޮތަށް ހޭދަކުރުމަށް ގިނަގުނަ ފުރުސަތުތައް ފަހި ކޮށްދެމުން،" ޚުތުބާގައި ބުންޏެވެ.

ނަމަވެސް، ދުނިޔެވީ މިފަދަ ކާރިސާތަކަކީ ކަނޑައެޅިގެން ﷲގެ ކޯފާކަމަށް އަހަރެމެނަށް ކަނޑަ ނޭޅޭނެކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން އިލްމުވެރިން ބުނާގޮތުގައި މިފަދަ ހާދިސާތަކަކީ ބައެއް ފަހަރު ރަހްމަތެއް ކަމުގައި ވާކަމަށް ހުތުބާގައި ބުންޏެވެ.

"ދުންޔަވީ ހަޔާތުގެ އެތައް މުސީބާތެއްގެ ތެރެއިން މިންޖުކުރައްވާ، ޝަހީދެއްގެ ދަރަޖަ ލިބޭ މީހެއްގެ ގޮތުގައި މުސްލިމް އަޅާ ވެގެންދާ ސަބަބަކަށް ވެސް، މިފަދަ ހާދިސާތައް ވޭ،" ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން މިއަދުގެ ޚުތުބާގައި ބުނީ، ދިރިތިބީންގެ މައްޗަށް ވާޖިބުވެގެން ވަނީ، ﷲ ކުރިމަތި ކުރުވާ އިމްތިހާނުތަކަށް ކެތްތެރިވެ މިފަދަ ހާދިސާތަކުން އިބްރަތް ހާސިލްކުރުން ކަމަށެވެ. އަދި އަހަރެމެންގެ އަމަލުތައް އިސްލާހުކޮށް ހައްގު ގޮތުގައި ﷲގެ މަގަށް ރުޖޫއަވުން ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

ތުރުކީއާއި ސީރިޔާގެ މުސްލިމުންނަށް މިވަގުތު ދިމާވެފައިވާ ދަތި ހާލުން އަރައިގަތުމަށް އެހީތެރިވުމަށް މިއަދުގެ ޚުތުބާގައި ގޮވާލިއެވެ.

comment ކޮމެންޓް