ރާއްޖޭގައި ކެންސަރު ބަލި މަދުކުރުމަށާއި، އެ ބައްޔާމެދު މީހުން ހޭލުންތެރިކުރުމަށް ހެލްތު މިނިސްޓްރީއާއި ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން ތައްޔާރުކުރި ގައުމީ ޕްލޭން މިއަދު އިފްތިތާހުކޮށްފިއެވެ.
މި ޕްލޭން އިފްތިތާހުކުރީ ހެލްތު މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި، ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި، ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޑރ. ނާޒްނީން އަންވަރެވެ.
މިއީ 2026ވަނަ އަހަރުގެ ނިޔަލަށް ތަންފީޒުކުރާނެ ކަންތައްތަކެއް ހިމެނޭ ޕްލޭނެކެވެ.
މި ޕްލޭންގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ކެންސަރުން ރައްކާތެރިވުމަށް ސިއްހީ ރަނގަޅު އާދަތަކަށް ހޭލުންތެެރިކުރުވުމާއި، އަވަހަށް ބަލި ދެނެގަނެ އަވަހަށް ފަރުވާ ފެށުމާއި، މާލީ ބުރައެއް އުފުލަން ނުޖެހި ކެންސަރަށް ފަރުވާ ދިނުން ހިމެނެއެވެ.

ކެންސަރު މަދުކުރުމުގެ ގައުމީ ޕްލޭން އިފްތިތާހުކުރުމުގެ ހަފްލާގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
މީގެ އިތުރުން އެ ބަލި ތަހައްމަލުކުރާ މީހުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކެންސަރުގެ ގައުމީ ރަޖިސްޓްރީއެއް ގާއިމްކޮށް ރާއްޖޭގައި މި ބައްޔާ ގުޅޭ ދިރާސާތައްކުރުން ހިމެނެއެވެ.
މި މަގްސަދުތަކަށް މަސައްކަތްކުރުމުން ގައިން ގަޔަށް ނާރާ ބަލިތައް މިހާރު ހުރި މިންވަރުން، 2030ވަނަ އަހަރުގެ ނިޔަލަށް %25 އަށް ދައްވާނެކަމަށް ހެލްތު މިނިސްޓްރީން ލަފާކުރެއެވެ.
މި ޕްލޭން އެކުލަވައިލުމުގައި ޑަބްލިއުއެޗްއޯގެ ފަންނީ ލަފައާއި އެހީތެރިކަމާއި، ރާއްޖޭގައި ތިބި މި ކަމާ ގުޅުންހުރި ފަންނީ ފަރާތްތަކުގެ މަޝްވަރާވަނީ ހޯދައިފައެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު ނަސީމް ވަނީ ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވަނީ ދިވެހީންގެ ދިރިއުޅުމުގައި ގެންގުޅޭ ނުރަނގަޅު އާދަތަކުގެ ސަބަބުންކަން ފާހަގަކުރައްވައިފައެވެ. އެހެންކަމުން ދުޅަހެޔޮ ސިއްހީ އާދަތައް ގެންގުޅުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.
"ދެހާސް ވިއްސާއި، 2021ގެ ސްޓެޕްސް ސާވޭގެ ނަތީޖާއަށް ބަލާއިރު، ކެންސަރަށް މަގުފަހިވާ ގިނަގުނަ އާދަތަކެއް އަޅުގަނޑުމެންގެ މުޖްތަމައުގައި އަށަގެންފައިވާ މިންވަރު ހާމަވޭ. މިގޮތުން، ސިއްހީ ގޮތުން ރަނގަޅު ނޫން ކެއިން ބުއިމުގެ އާދަތަކާ، ދުންފަތުގެ އިސްތިއުމާލު ކުރުމާ، ދުފާ މިންވަރު އިތުރުވެފައިވާއިރު އެކަށީގެންވާ މިންވަރަށް ކަސްރަތުކޮށް ހެލިފެލިވެ އުޅޭ މީހުންގެ ނިޞްބަތް ދަށްކަން ފާހަގަ ކުރެވޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގައި ކެންސަރު ބަލީގެ ހާލަތު ދެނެގަތުމަށް ކުރާ ދިރާސާގެ މަސައްކަތް، ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއި ލަފާގެ މަތިން ކުރިއަށް ގެންދަން މަޝްވަރާތައް ކުރަމުން އަންނަކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.