ބިދޭސީންނާ ގުޅޭ ބައެއް ޚިދުމަތްތައް ދިނުން ވަގުތީ ގޮތުން ހުއްޓައިލައިފި

ޖޫން 1، 2020: ނިއު ނޯމަލްގެ ފުރަތަމަ މަރުހަލާ ފެށުމާއިއެކު މާލޭ މަގުތަށް ބާރުބޮޑުުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި އުޅޭ ބިދޭސީންނާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން ދެމުން އަންނަ ބައެއް ޚިދުމަތްތައް ދިނުން ވަގުތީ ގޮތުން ހުއްޓުމަކަށް ގެނެސްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައިވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަ ދޫކުރުމާއި އެ ބިދޭސީންގެ ކަންކަން މެނޭޖްކޮށް ބެލެހެއްޓުމަށް ހަރުދަނާ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. ހަމައެއާއެކު ގަވާއިދާ އެއްގޮތަށް ބިދޭސީން ރާއްޖެ އެތެރެވުމަށް ކޯޓާ ދޫކުރުމުން އަންނަކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެހެންނަމަވެސް މިހާރު އެ ކަމަށް އެ މިނިސްޓްރީން ބޭނުންކުރާ އެކްސްޕެޓް ސިސްޓަމްގެ ތެރެއިން ކޯޓާ ދޫކުރުމުގެ އިންތިޒާމަށް ބައެއް ބަދަލުތައް ގެނައުމަށް، މި މަހު 26އިން އަންނަ މަހުގެ 11އަށް ބައެއް ޚިދުމަތްތައް ދިނުން މެދުކަނޑައިލަން ނިންމައިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ، އެކްސްޕެޓް ސިސްޓަމްގެ ޚިދުމަތްތައް ވަގުތީ ގޮތުން ދިނުން މެދުކަނޑައިލަނީ ޚިދުމަތްތައް އިތުރަށް އަޕްޑޭޓްކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެން މި މުއްދަތުގެ ތެރޭ ޚިދުމަތްތައް އަޕްޑޭޓްކުރާނީ. އެއީ އާންމުންނަށް އެންމެ ފަސޭހަ ގޮތަކަށް މި ކަންކަން ބައްޓަންކުރުމަށް ޓަކައި،" އޮފިޝަލް ވިދާޅުވިއެވެ.

އެހެންނަމަވެސް އެ މުއްދަތުގައި ވެސް ވޯކް ޕާމިޓް ފީގެ ޚިދުމަތާއި ވޯކް ޕާމިޓް ޕާސްޕޯޓް އެޑްގެ ޚިދުމަތް ލިބޭނެއެވެ.

މި ސިސްޓަމުން އަލުން ޚިދުމަތް ލިބޭނީ އަންނަ މަހުގެ 12ގައެވެ.

comment ކޮމެންޓް