ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް އަކުރަމް މުސާރަ ނުލިބޭގޮތަށް ސަސްޕެންޑުކޮށްފި

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު އަކްރަމް: ހަތް ދުވަހަށް އޭނާ ސަސްޕެންޑް ކުރުމަށް ވަނީ ނިންމާފައި ----

ޏ. ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު އަކްރަމް މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ހަތް ދުވަހަށް ސަސްޕެންޑްކޮށްފިއެވެ.

މެޖިސްޓްރޭޓް އަކްރަމް ސަސްޕެންޑް ކޮށްފައިވަނީ އޭނާ އިއްވި ހުކުމަކަށް ފަހުން ބަދަލުތަކެއް ގެނެސްފައިވާކަން ސާބިތުވުމުންނެވެ.

ޖޭއެސްސީން މިއަދު ބުނީ އަކްރަމް ބެއްލެވި މައްސަލައެއްގެ ހުކުމްކުރިފަހުން އެ މައްސަލައިގެ ޚުލާސާ ރިޕޯޓަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އަކްރަމް ބެއްލެވި މައްސަލައެއްގެ ހުކުމްކޮށް 10 ނުކުތާއެއްގެ މައްޗަށް އެކުލެވޭ ޚުލާސާ ރިޕޯޓެއް މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ދޫކުރުމުން، އެ ޚުލާސާ ރިޕޯޓުގެ މައްޗަށް ޕީޖީ އޮފީހުން އެ ގަޒިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ފުވައްމުލަކު ކޯޓަށް ހުށަހެޅިއެވެ.

ނަމަވެސް ފުވައްމުލަކު ކޯޓުން ހައިކޯޓަށް ފޮނުވާފައިވަނީ ޕީޖީ އޮފީހުން ފުވައްމުލަކު ކޯޓަށް ހުށަހެޅި އިސްތިއުނާފީ ލިޔެކިޔުމުގައި ހިމެނޭ ޚުލާސާ ރިޕޯޓުގެ ބަދަލުގައި އެ ރިޕޯޓުގައި ނުހިމެނޭ އިތުރު ނުކުތާތަކެއް އިތުރުކޮށްފައިވާ ޚުލާސާ ރިޕޯޓެއްކަމަށް ޖޭއެސްސީން ބުންޏެވެ. އެ ގަޒިއްޔާގެ ހުކުމްކޮށް ޚުލާސާ ރިޕޯޓު ދޫކުރިފަހުން، ހުކުމް ކުރި ޝަރީއަތުގެ މަޖިލީހުގައިވެސް މެޖިސްޓްރޭޓް އަކްރަމް ފާހަގަކޮށްފައިނުވާ އިތުރު ނުކުތާތަކެއް ޚުލާސާ ރިޕޯޓަށް އިތުރުކުރުމަކީ އޭނާ އިއްވި ހުކުމަށް ނުވަތަ ހުކުމަށް ވާސިލުވި ނުކުތާތަކަށް ފަހުން ބަދަލު ގެނައުންކަމަށާއި އެއީ ކަނޑައެޅިގެން ގާނޫނާ ޚިލާފު ކަމެއްކަމަށް ޖޭއެސްސީން ބުންޏެވެ.

"ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ލިޔެކިޔުމަށް ބަދަލު ގެނެސް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަނާޅާ ލިޔުމެއް، އެ އޮފީހުން ހުށަހެޅި ލިޔުމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ފޮނުވުމާއި، ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ހުށަހެޅި ލިޔުމެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ނުފޮނުވާ ބޭއްވުމަކީ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ލިޔެކިޔުމަށް ބަދަލުގެނެސް ހަގީގަތް އޮޅުވާލުންކަން ސާބިތުވޭ," ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

އެހެންކަމުން މެޖިސްޓްރޭޓް އަކްރަމް މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ހަތް ދުވަހަށް ސަސްޕެންޑް ކުރުމަށް ޖޭއެސްސީން އިއްޔެ ވަނީ ނިންމާފައެވެ.

މުސާރަ އާއި ޢިނާޔަތްތައް ލިބޭގޮތަށް ކްރިމިނަލް ކޯޓުގެ ގާޒީ ޙަސަން ސަޢީދު 14 ދުވަހަށް ސަސްޕެންޑް ކުރުމަށް، ވެސް ޖޭއެސްސީ އިން އިއްޔެ ވަނީ ނިންމާފައެވެ.

comment ކޮމެންޓް