ރޮބޮޓް މެދުވެރިކޮށް ކާބޯތަކެތި ގެންގޮސްދޭ ޕްރޮގްރާމެއް ދުބާއީގައި ފަށައިފި

ދުބާއީގައި ކާބޯތަކެތި ޑެލިވާކުރުމަށް ބޭނުންކުރަން ފަށާ ރޮބޮޓްތައް -- ފޮޓޯ/ އާރްޓީއައި

އޮންލައިންކޮށް ކާބޯތަކެއްޗަށް އޯޑަރުދިނުމުން އެތަކެތި ގެންދަން ޖެހޭ ތަނަކަށް ރޮބޮޓް މެދުވެރިކޮށް ގެންގޮސްދިނުމުގެ ޚިދުމަތުގެ ޓެސްޓު ޕްރޮގްރާމެއް ދުބާއީގައި ފަށައިފިއެވެ.

ދުބާއީ ރޯޑްސް އެންޑް ޓްރާންސްޕޯޓް އޮތޯރިޓީ (އާރްޓީއޭ) އާއި ދުބާއީ އިންޓަގްރޭޓެޑް އިކޮނޮމިކް ޒޯންސް އޮތޯރިޓީ އާއި އޮންލައިން ފުޑް އޯޑަރު ކުރާ ކުންފުންޏެއް ކަމަށްވާ ތަލަބަތުއިން ފަށާފައިވާ މި ޓެސްޓު ޕްރޮގްރާމްގައި ރޮބޮޓް "ޓަލަބޮޓް"ތައް ހަރަކާތްތެރިވަމުން ދާނީ ދުބާއީ ސިލިކަން އޮއެސިސްގެ ސެޑްރޭ ވިލާސް ނަމަކަށް ކިޔާ ކުޑައަވަށެއްގައި ކާބޯތަކެތި ޑެލިވަރީ ކުރުމަށެވެ.

މި ޕްރޮޖެކްޓްގައި ފުރަތަމަ ތިން ރޮބޮޓް ބޭނުންކޮށް، ސެޑްރޭ ޝޮޕިން ސެންޓަރުގެ ތިން ކިލޯމީޓަރުގެ ރޭޑިއަސްގެ ތެރޭގައި ދަތުރުކޮށް 15 މިނެޓުގެ ތެރޭގައި އޯޑަރު ޑެލިވަރީ ކުރާނެއެވެ. މި ރޮބޮޓްތަކަކީ ކުޑަކުދިންނާއި އޮޅު ޖަނަވާރާ ރައްކާތެރި ދުރުމިން ބެހެއްޓުމަށް އެހީތެރިވެދޭ ހައިޓެކް ސެންސަރުތަކާއި އެލްގޯރިދަމްތައް އެކުލެވިގެންވާ ރޮބޮޓްތަކެކެވެ.

އަދި ކަސްޓަމަރުންނަށް ރޮބޮޓްތަކުގެ ދަތުރުތައް ޓްރެކްކޮށް އޯޑަރު އައުމުން ތަލަބޮޓް އެޕް މެދުވެރިކޮށް އެކަން އަންގާނެއެވެ. މި ރޮބޮޓް އައުމާއެކު ކަސްޓަމަރުންނަށް އެމީހުންގެ ކާބޯތަކެތި ނެގުމަށް ރޮބޮޓްގެ ވަތްގަނޑު ހުޅުވޭނެއެވެ.

މިއީ 2030 ވަނަ އަހަރުގެ ނިޔަލަށް ދުބާއީގައި ކުރިއަށްދާ ހުރިހާ ދަތުރުފަތުރެއްގެ 25 އިންސައްތަ ސްމާޓްކޮށް އަދި ޑްރައިވަރަކު ބޭނުން ނުކުރާ ގޮތަށް ބަދަލުކުރުމަށް ދުބާއީއިން ރާވާފައިވާ ޕްލޭންގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ. ދުބާއީގައި ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި މިކަން ފަށާފައިވާއިރު، ދުނިޔޭގެ އެކި ސިޓީތަކުގައި ޓޭކްއަވޭ ޑެލިވަރީ ރޮބޮޓްތައް ޓެސްޓު ކުރުމުގެ މަސައްކަތް ބައެއް ކުންފުނިތަކުން މިހާރު ވަނީ ފަށައިފައެވެ.

މިފަދަ ޕައިލެޓް ޕްރޮގްރާމްތަކަކީ ގޮންޖެހުންތައް ބޮޑު، އުނދަގޫ މަސައްކަތަކެވެ. ޚާއްސަކޮށް ޓްރެފިކް ބާރުބޮޑު ހިސާބުތަކުގައި މި ރޮބޮޓްތަކުގެ އިތުބާރު ހިފެހެއްޓުމަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. މިތަކެތި ހަލާކުވިޔަ ނުދީ މަރާމާތުކުރުމާއި ބަދަލުކުރުމަށް ހިނގާ ޚަރަދުގެ އިތުރުން ރޮބޮޓްތަކުން ބައެއް މީހުން ވައްކަން ކުރުމާއި، އެތަކެއްޗަށް ގެއްލުން ދިނުމުގެ ފުރުސަތު އޮތުމަކީ ވެސް ކަންބޮޑުވުމެކެވެ.

ނަމަވެސް ޓޭކްއަވޭ ޑެލިވަރީ ޚިދުމަތަށް ރޮބޮޓް ބޭނުންކުރުމުގެ ޑިމާންޑް ދަނީ އިތުރުވަމުންނެވެ. އެހެންކަމުން ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ އިރު، ދުބާއީ ފަދަ ފުދުންތެރި އަދި ތަރައްގީ ގައުމެއްގައި މިފަދަ ޚިދުމަތެއް ފޯރުކޮށްދޭ ރޮބޮޓްތަކެއް މަގުމަތިން ފެނުމަކީ ހައިރާން ވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ.

ތަލަބަތުގެ ސީއީއޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ރޮބޮޓް ބޭނުންކޮށްގެން ކާބޯތަކެތި އަވަހަށް ގެންގޮސްދިނުމަށް އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ޔޫއޭއީގައި ތަލަބޮޓް ބޭނުންކުރުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށާއި، ކަސްޓަމަރުންނަށް ކާބޯތަކެތި ޑެލިވަރީކުރުމުގެ ލުއިފަސޭހަކަން އިތުރުކުރުމަށް މި ޓެކްނޮލޮޖީ ބޭނުންކުރުމުގެ އުންމީދު އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު