ކޮވިޑް-19ގެ އަސްލު ދެނެގަތުމުގެ މަސައްކަތް ހުއްޓައެއް ނުލަން: ޑަބްލިއުއެޗްއޯ

ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސް -- ފޮޓޯ: އޭއެފްޕީ

ކޮރޯނާ ވައިރަސް އުފެދުނު ގޮތާއި ފެތުރެން ފެށި ގޮތް އެނގުމަކީ މުހިންމު ކަމެއް ކަމަށާއި އޭގެ ހަގީގަތް ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯއިން އެހެން ބުނީ، ކޮވިޑް ފެތުރެން ފެށި ގޮތާ ބެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް އެ ޖަމިއްޔާއިން ހުއްޓާލާފައިވާ ކަމަށް ސައިންޓިފިކް ދިރާސާތައް ޝާއިއުކުރާ ނޭޗާ ޖާނަލްއިން ރިޕޯޓުކުރިފަހުންނެވެ.

އެ ރިޕޯޓް ބުނާ ގޮތުން ޑަބްލިއުއެޗްއޯއިން އެ މަސައްކަތް ހުއްޓާލީ އެކަމަށް ޗައިނާގެ އެއްބާރުލުން ނުލިބުމުންނެވެ.

ނަމަވެސް ޑަބްލިއުއެޗްއޯއިން ބުނީ ކޮރޯނާ ވައިރަސްގެ އަސްލާއި އިންސާނުންގެ ތެރޭގައި ފެތުރެން ފެށި ގޮތް ދެނެގަތުމަކީ ކުރިއަށް އޮތް ތަނުގައި ބަލިމަޑުކަން ހުއްޓުވުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

"ކޮވިޑް-19ގެ އަސްލު ދިރާސާކުރުމުގެ މަސައްކަތް ޑަބްލިއުއެޗްއޯއިން ދޫކޮށްލާފައެއް ނުވޭ، އަދި ދުލެއް ނުވަސް ކުރާނަން،" ޑަބްލިއުއެޗްއޯއިން ބުންޏެވެ.

އެ ޖަމިއްޔާގެ ރައީސް ޓެޑްރޯސް އަދަނޮމް ގެބްރެއިސަސް ވިދާޅުވީ ޗައިނާއަށް ދާދި ފަހުން ސިޓީއެއް ފޮނުވާފައިވާ ކަމަށާއި، ޑަބްލިއުއެޗްއޯގެ މަސައްކަތަށް އެއްބާރުލުން ދިނުމަށް އޭގައި އެދިފައި ވާނެ ކަމަށެވެ.

މި ވައިރަސް ފެތުރުނު ގޮތް ކަމަށް ބެލެވޭ ދެ ގޮތެއްވެއެވެ. އެއީ ވާލެއް މެދުވެރިވެގެން އިންސާނުންނަށް އެ ވައިރަސް ފެތުރުން ނުވަތަ ލެބެއްގައި ހިނގި އެކްސިޑެންޓެއްގެ ސަބަބުން އެ ވައިރަސް މީހުންނަށް ފެތުރުމެވެ.

ޑަބްލިޔުއެޗްއޯއިން އެ ތަހުގީގުގެ ފުރަތަމަ ބައި ކުރިއަށްގެންދިޔައީ 2021 ވަނަ އަހަރުގެ ކުރީކޮޅު ޗައިނާގެ ސިޓީއެއް ކަމަށްވާ ވޫހާންގައެވެ. އެގޮތުން އެ މަސައްކަތަށް ވޫހާންއަށް ތަޖުރިބާކާރުން ޓީމެއް ފޮނުވައި، ދިރާސާތައް ހެދިއެވެ.

ވޫހާންއަކީ ކޮވިޑް އެންމެ ފުރަތަމަ ފެތުރެން ފެށި ސިޓީއެވެ. އެއީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އޭގެ ފަހުން ކޮވިޑް ދުނިޔޭގެ ބޮޑު ބަޔަކަށް ފެތުރި، އެ ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 6.85 މިލިއަނަށް އަރާއެވެ.

comment ކޮމެންޓް