ބޮމުގެ ހަމަލާ: ރައީސް ނަޝީދުގެ މެޑިކަލް ރިޕޯޓު 241 ކޮމިޓީއަށް ހުށަހަޅައިފި

241 ކޮމިޓީން ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން: މި ރިޕޯޓު ފާސްވީ ކޮމިޓީގެ އަޣުލަބިއްޔަތުން -- ސަން ފޮޓޯ / ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 2021 ވަނަ އަހަރު ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަޚަމްތަކުގެ މެޑިކަލް ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތް ތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅައިފިއެވެ.

މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އެރިޕޯޓާއެކު ރައީސް ނަޝީދުގެ އޮފީހުން ފޮނުވި ސިޓީއެއް ލިބިފައިވާ ކަމަށާއި، އެއީ ސިއްރު ރިޕޯޓެއް ކަން ބަޔާންކޮށްފައިވާ ކަމަށެވެ. އަދި، އެ ރިޕޯޓު ކޮމިޓީއަށް ފޮނުވީ ރައީސް ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިންކަަމަށް ބުނެފައިވާ ކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.

އެއީ ވަކި ފަރުދެއްގެ ރިޕޯޓަކަށް ވާތީއާއެކު އެ ރިޕޯޓުގެ އެއްވެސް މައުލޫމާތެއް، ކޮމިޓީގެ އެއްވެސް މެމްބަރަކު ހާމަ ނުކުރުމަށް އޭނާ ވަނީ ކޮމިޓީގެ މެމްބަރުންގެ އަރިހުން އެދިވަޑައިގެންފައެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ، އެ ރިޕޯޓު ކޮމިޓީއަށް ފޮނުވާފައިވަނީ ހަމައެކަނި ކޮމިޓީގެ މެމްބަރުންގެ މައުލޫމާތަށްޓަކައި ކަމަށާއި، އެހެންކަމުން ރިޕޯޓު ބަލަން ބޭނުންވާ މެމްބަރުންނަށް އެފުރުސަތު ލިބިގެންދާނެ ކަމަށެވެ. މިރިޕޯޓު ކޮމިޓީއަށް ފޮނުވާފައިވަނީ އިތުރު ދިރާސާއެއް ކުރުމަށް ނޫން ކަމަށާއި ސިއްރު ރިޕޯޓެއްގެ ގޮތުގައި ކޮމިޓީގައި ފައިލް ކުރެވޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދުރާލާ ރާވައިގެން މިބޮމުގެ ހަމަލާ ދީފައިވަނީ 2021 ވަނަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރެއެވެ. އެގޮތުން ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ދިން އެ ހަމަލާގައި އެމަނިކުފާނަށް ބޮޑެތި ޒަޚަމްތަކެއް ވަނީ ލިބިވަޑައިގެންފައެވެ. އެކަމާ ގުޅިގެން ރައީސް ނަޝީދު ވަނީ ޖަރުމަނުން ވެސް ފަރުވާ ހޯއްދަވާފައެވެ.

comment ކޮމެންޓް