މި އަހަރުގެ މާދަރީ ބަހުގެ ދުވަހުގެ ޝިޢާރު، ގިނަ ބަސްތަކަކުން ތަޢުލީމު ދިނުމުގެ މުހިންމުކަމަށް

އިސްކަންދަރު ސްކޫލުގައި ޅެންވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ތެރެއިން --- ފޮޓޯ/ އިސްކަންދަރު ސްކޫލް

މި އަހަރުގެ ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅައިފައިވަނީ "ގިނަ ބައްސަ ތަޢުލީމު - ތަޢުލީމީ ނިޒާމުގެ ހެޔޮ ބަދަލަކަށް ޓަކައި ލާޒިމު" މި ޝިޢާރެވެ.

މި ޝިޢާރުން ޔުނެސްކޯއިން ހިތްވަރުދެނީ މާދަރީ ބަހަށް އިސްކަން ދިނުމާއެކު ގިނަ ބަސްތަކަކުން ތަޢުލީމު ފޯރުކޮށްދިނުމަށެވެ. ޔުނެސްކޯއިން ބުނި ގޮތުގައި، އެއީ އަމިއްލަ މާދަރީ ބަސް ނޫން އެހެން ބަހަކުން އުނގެނެންޖެހޭ ކުދިންނަށް ބަހުގެ ގޮތުން އޮތް ފަރަގު ނައްތާލުމަށް މަގުފަހިކުރުމަށް ކުރުން މުހިންމު ކަމެކެވެ.

އެ ކުއްޖަކަށް ފަރިތަ ބަހަކުން ސްކޫލުގައި މާއްދާތައް ކިޔަވައިދޭނަމަ އުނގެނުމުގެ ފުރުސަތު އިތުރަށް ފަހިވާކަމަށް ވެސް ޔުނެސްކޯއިން ބުންޏެވެ.

އެއާއެކު މާދަރީ ބަހުގެ ދުވަހާ ގުޅިގެން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވިދާޅުވީ، ޔުނެސްކޯގެ ޝިޢާރުން އެކި ބަސްބަހުން ވާހަކަދައްކާ މީހުން އުޅޭ ތަނެއްގައި ތަޢުލީމީ ނިޒާމު ގިނަ ބަސްތަތަކުން ބައްޓަންކުރަން ބާރު އެޅި ނަމަވެސް، ރާއްޖެއަކީ އެއް ނަސްލެއްގެ އެއް ބަހަކުން ވާހަކަދައްކާ ބަޔަކު އުޅޭ ގައުމެއް ކަމަށެވެ.

އެގޮތުން ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި އެންމެ ބޮޑަށް ބަރޯސާވަނީ އިނގިރޭސި ބަހަށް ކަމަށްވާއިރު އޭގެ ތެރެއަށް ދިވެހީންގެ އަމިއްލަ މާދަރީ ބަހަށް އިސްކަން ދިނުމުގެ ސިޔާސަތުތަކެއް އިތުރުކުރަން ޖެހޭކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.

"ދިވެހި ބަހުގެ އެކެޑަމީގެ އެދުމަކީ، އިނގިރޭސި ބަހުގެ އިތުރަށް ފަށާ ތަޢުލީމުގެ ތެރޭގައި ވީހާ ވެސް ގިނަ މާއްދާތަކެއް ދިވެހި ބަހުން ކިޔެވޭނެ ގޮތް ކަނޑައެޅުން. އަދި ފަށާ ތަޢުލީމްގެ އިތުރުން ސާނަވީ ތަޢުލީމާއި މަތީ ސާނަވީ ތަޢުލީމާއީ އެހެނިހެން ތަޢުލީމީ މަރުހަލާތަކުގައި ވެސް ކިޔަވައިދޭ މާއްދާތަކަަށް ބޭނުންވާނެ ދިވެހި ފޮތްތައް ދަރިވަރުންނަށް ފޯރުކޮށްދީ، ދިވެހި ބަހަށް އިސްކަންދީ، ކިޔަވައިދޭނެ ނިޒާމެއް ގާއިމްކުރުން،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

އެއާއެކު ދިވެހި ބަހާއި، ބަހުގެ ބަހުރުވަތައް ދެމެހެއްޓުމަށް ޓަކައި ހުރިހާ ދިވެހީންގެ އެއްބާރުލުން ބޭނުންވާކަމަށް ވެސް ބަހުގެ އެކެޑަމީން ބުންޏެވެ.

comment ކޮމެންޓް