މުޅި އަމީނީމަގުގައި ތާރުއަޅައި ޖުލައި މަހަށް ނިންމާލެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކޮށްގެން އަމީނީމަގު ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުއެވެ.
ސަބް ކޮންޓްރެކްޓު އުސޫލުން، މަގުގައި ތާރުއެޅުމުގެ މަސައްކަތް ހަވާލު ކުރީ އެމްޓީސީސީއާއެވެ.
އެމްޓީސީސީން އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް ރަސްމީކޮށް ފެށީ، ރޭގައެވެ. އެ މަގުގެ ފުރަތަމަ ތިން ސެގްމެންޓްގައި ތާރުއަޅައި ރޭ ވަނީ ނިންމާލާފައެވެ. އެއީ 380 މީޓަރުގެ ސަރަހައްދެކެވެ.
އަކުރަމް 'ސަން' އަށް ވިދާޅުވީ އަންނަ ހުކުރު ދުވަހަށް އަމީނީ މަގު ބަންދުކޮށްފައި އޮތް ސަރަޙައްދު ބޭނުންކުރެވޭނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ. އަދި ރޯދަ މަސް ފެށެންވާއިރަށް އިމާދުއްދީން ސްކޫލާ ހަމައަށް އިތުރު 380 މީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައި ނިމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ސަރުކާރުން މި މަސައްކަތް ކުރަނީ ރައްޔިތުންނަށް ލުއިފަސޭހަކުރުމަށް. އާންމުންގެ ފަރާތްތަކުންވެސް އެއްބާރުލުން ދެއްވާ، މަގުތައް ހަދަމުންދާއިރު ދިމާވާ ދަތިތަކަށާ މަސައްކަތަށް ވެސް ދަތިނުވާނޭހެން އުޅުމަށް އިލްތިމާސް ކުރަން،" އަކުރަމް ވިދާޅުވިއެވެ.
އަމީނީމަގުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ މާލޭ ސިޓީ ކައުންސިލާއެވެ. ނަމަވެސް ސަރުކާރާއި ސިޓީ ކައުންސިލާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުމަކަށްފަހު ޕްލޭނިން މިނިސްޓްރީން އާރްޑީސީއާ އެ މަސައްކަތް ހަވާލުކުރިއެވެ.
އަކުރަމް ވިދާޅުވީ އަމީނީ މަގުގެ މަސައްކަތް ސިޓީ ކައުންސިލްގެ އަތުން ނެގީ އެ ކައުންސިލަށް އެކަން ނުކުރެވުމުން ކަމަށެވެ.
އަމީނީ މަގުގެ އިތުރުން މާލޭގެ އިތުރު މަގުތައް ވެސް ތާރުއަޅައިގެން ތަރައްގީކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ބޮޑުތަކުރުފާނު މަގުގެ އުތުރުފަރާތް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް އަންނަ މަހު ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި މަސައްކަތް ހަވާލްކުރާނީ ސީދާ ކޮންފަރާތަކާ ކަމެއް އަދި ޔަގީނެއް ނޫން،" އަކުރަމް ވިދާޅުވިއެވެ.
ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އިފުތިތާހް ކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. އެމަގުގެ ހަތަރުވަނަ ސެގްމެންޓްގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.