އީރާނުގެ ސަރުކާރާއި ކުންފުނިތައް ޝާމިލުވާ ބޮޑު ވަފުދަކާއެކު އެގައުުމުގެ ރައީސް ޗައިނާއަށް!

ޗައިނާއާއި އީރާނުގެ ރައީސުން ބެއިޖިންގައި ބައްދަލުކުރައްވަނީ

އީރާން ސަރުކާރާއި އެގައުމުގެ ބޮޑެތި ކުންފުނިތަކުގެ އިސްވެރިންގެ ބޮޑު ވަފުދަކާއެކު ރައީސް އިބްރާހީމް ރައީސީ އިއްޔެވަނީ ޗައިނާއަށް ވަޑައިގެންފައެވެ. މިއީ އީރާނުގެ ރައީސް ހިމެނިވަޑައިގަންނަވާގޮތަށް އެގައުމުގެ މިހާބޮޑު ވަފުދެއް ޗައިނާއަށް ޒިޔާރަތް ކުރާ ފުރަތަމަ ފަހަރެވެ.

އީރާނަކީ މީގެ ކުރިން ޗައިނާއާއެކު 25 އަހަރުގެ މުއްދަތަށް އިގްތިސާދީ ސްޓްރެޓީޖިކް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ގައުމެކެވެ. މި އެއްބަސްވުމުގެ ދަށުން ޗައިނާއިން އީރާންގައި މަދަނީ ތަރައްގީގެ ބިޔަ މަޝްރޫއުތަކެއްގައި 100 އަށްވުރެ ގިނަ ބިލިޔަން ޑޮލަރު އިންވެސްޓްކުރުމަށްވަނީ ހަމަޖެހިފައެވެ.

މީގެތެރޭގައި ޒަމާނީ ރޭލްވޭތަކާއި ހައިވޭތަކާއި މަގުތައް ބިނާކުރުމާއި ސިނާއީ ސަރަހައްދުތައް ގާއިމް ކުރުން ހިމެނެއެވެ. އަދި ސިނާއީ ސަރަހައްދުތަކުގައި ސިނާއަތްތަކާބެހޭ ކާރުޚާނާތައް ބިނާކުރުމާއި އެތަންތަނުގައި މަސައްކަތްކުރާ އީރާނުގެ ލޭބަރުންނާއި މުވައްޒަފުންނަށް ތަމްރީނު ދިނުންވެސް ހިމެނެއެވެ.

މީގެއިތުރުން ރިއަލް އެސްޓޭޓް ސަރަހައްދުތަކާއި ކަނޑުގެ ބަނދަރުތަކާއި އެއާޕޯޓްތައް ބިނާކުރުންފަދަ އިންފްރާސްޓްރަކްޗާ މަޝްރޫއުތައް ވެސް މި އެއްބަސްވުމުގެ ދަށުން ޗައިނާއިން އީރާނުގައި ބިނާކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއީ ޗައިނާގެ އިގްތިސާދީ އިނިޝިއޭޓިވް ކަމަށްވާ ބެލްޓް އެންޑް ރޯޑު ޕްރޮގްރާމާ ގުޅިފައިވާ ކަންތައްތަކެކެވެ.

އީރާނަކީ ޗައިނާއާއި ދުނިޔެ, އެއްގަމާއި ކަނޑާއި ވައިގެ މަގުން ގުޅާލުމަށް ޗައިނާ އިއުލާނުކޮށްފައިވާ ބެލްޓް އެންޑް ރޯޑު އިނިޝިއޭޓިވްގެ މުހިއްމު ބައިވެރިއެކެވެ. މިއީ ޗައިނާގެ ބާރާއި ނުފޫޒު މުޅި ދުނިޔޭގައި ވަރުގަދަވާނެ ސްޓްރެޓީޖިކް އިނިޝިއޭޓިވްއެއް ކަމަށްވާތީ އެމެރިކާ ދަނީ މިކަމާމެދު ކަންބޮޑުވުން ފާޅުކޮށް މިކަމަށް ހުރަސްއެޅުމަށް ކުރެވެންއޮތްހާ މަސައްކަތެއް ކުރަމުންނެވެ. މީގެތެރޭގައި ޗައިނާއާއި ޗައިނާގެ އިގްތިސާދީ ބަރިވެރިންނަށް އެކިގޮތްގޮތުން ފިއްތުންތައް ކުރިމަތިކުރުމާއި ދުއްތުރާތައް ކުރުން ހިމެނެއެވެ.

އީރާނުގެ ރައީސް ޗައިނާގައި

އީރާނާއި ޗައިނާގެ ދިގުމުއްދަތުގެ ސްޓްރެޓީޖިކް އެއްބަސްވުމުގެ ދަށުން 25 އަހަރުވަންދެން އީރާނުން ޗައިނާއަށް ތެލާއި ގޭސް ދުނިޔޭގެ ބާޒާރުގައި ހުންނަ އަގަށްވުރެ ތަންކޮޅެއް ހެޔޮ އަގުގައި ގެރެންޓީއާއެކު ވިއްކައި، އީރާނުގެ ތެލުގެ ސިނާއަތުގެ ގިނަ ފުރުސަތުތަކެއް ޗައިނާގެ ކުންފުނިތަކަށް ދޭނެއެވެ.

އީރާނުގެ ރައީސް އެގައުމުގެ އާދަޔާ ޚިލާފު ބޮޑު ވަފުދަކާއެކު ޗައިނާއަށް ވަޑައިގެންފައިމިވަނީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައެވެ. އެއީ ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ ދައުވަތަކަށެވެ. އީރާނުގެ ރައީސް ޗައިނާއަށް ވަޑައިގެންފައިމިވަނީ ޔުކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ޖިއޮޕޮލިޓިކަލް މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައެވެ.

މިބަދަލުތަކުގެ ތެރޭގައި އެމެރިކާ ޑޮމިނޭޓްކޮށްފައިވާ ދުނިޔޭގެ މާލީ ނިޒާމުގެ ބަދަލުގައި ވިޔަފާރީގެ މުއާމަލާތްތަކުގައި އެހެން ފައިސާ ބޭނުންކޮށްގެން އެނިޒާމަށް ގޮންޖެހުމަށް ބްރިކްސްގެ ގައުމުތަކާއި އީރާން ފަދަ ގައުމުތައް ފާޅުގައި މަސައްކަތް ކުރަމުންދިޔުމާއި މިކަމަށް ސައޫދީއާއި ޔޫއޭއީ ފަދަ ތެލުގެ މުއްސަނދިކަން ލިބިފައިވާ ގަލްފުގެ ގައުމުތަކުގެ އެއްބާރުލުން ލިބި ގަލްފުގެ ގައުމުތަކާއި ޗައިނާވެސް ވަރަށް ބޮޑަށް ގާތްވަމުންދިޔުން ހިމެނެއެވެ.

މީގެއިތުރުން އެފްރިކާގައި ހުޅަނގުގެ ނުފޫޒު ކުޑަވެ ޗައިނާއާއި ރަޝިއާ އެފްރިކާއަށް ވަރަށް ބޮޑަށް ވަންނަމުންދާއިރު ޖަޕާންގެ ދިފާއީ ސިޔާސަތު ބަދަލުކޮށް ޖަޕާނުން އަސްކަރީ ބާރުވެރިކަން ހޯދުމަށްޓަކައި އެމެރިކާއާއި ޖަޕާނާ ދެމެދު އަސްކަރީ ސްޓްރެޓީޖިކް ގުޅުންތަކެއް ދާދިފަހުންވަނީ ގާއިމްކޮށްފައެވެ. އެގުޅުންތައް އަމާޒުކުރަނީ ޗައިނާއަށްކަން އެދެގައުމުންވަނީ ނުސީދާ ގޮތެއްގައި ހާމަކޮށްފައެވެ.

އީރާނުގެ ރައީސް ބޮޑު ވަފުދަކާއެކު ޗައިނާއަށް ވަޑައިގެންފައި މިވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުން އަލުން ދިރުވުމަށް ހުޅަނގާއި އީރާނާދެމެދު ދެކެވުނު ވާހަކަތައް ނާކާމިޔާބުވުމާއެކު އެމެރިކާއިން އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާނުލާނެކަން އީރާނަށް ޔަގީންވެފައިވާ ވަގުތެއްގައެވެ. އެހެންކަމުން އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް އެހެންގޮތެއް ހޯދުން، އެއީ ޗައިނާއާއި ރަޝިއާ ކޮޅަށް ދީލާލުން، ނޫންގޮތެއް ނެތްކަން އީރާނަށްވަނީ ކަށަވަރުވެފައެވެ.

ޔުކްރެއިން ހަނގުރާމައާއެކު ޔޫރަޕާއި ރަޝިއާގެ އިގްތިސާދީ އަދި ސިޔާސީ ގުޅުންތައް ވަނީ ކެނޑިގެން ގޮސްފައެވެ. ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އީރާނުގެ އެހީތެރިކަން ހޯދަން ރަޝިއާއަށް ވަނީ މަޖުބޫރުވެފައެވެ. ރަޝިއާއިން އީރާނުގެ ޑްރޯން ޓެކްނޮލޮޖީ ހޯދާއިރު އީރާނަށް ވަނީ އެގައުމު އިންތިހާއަށް ބޭނުންވެފައިވާ ރަޝިއާގެ ފަޒާގެ ޓެކްނޮލޮޖީއާއި އަސްކަރީ އޭވިއޭޝަން ޓެކްނޮލޮޖީހޯދުމުގެ ފުރުސަތު ފަހިވެފައެވެ.

އަނެއްކޮޅުން އީރާނާއި ޗައިނާ ގާތްވަމުންދާއިރު އީރާނުގެ ވާދަވެރިންކަމަށްވާ ސައޫދީ އާއި ޔޫއެއީ ފަދަ ގައުމުތައްވެސް ދަނީ ޗައިނާއާ އިންތިހާއަށް ގާތްވަމުންނެވެ. މިއީ ޗައިނާ މެދުވެރިކޮށް އީރާނާއި ސައޫދީގެ ގުޅުންތައް ރަނގަޅު ކުރުމުގެ ފުރުސަތު ތަނަވަސްވާނެކަމެއް ކަމަށް އީރާން ދެކެއެވެ. މިއާ ޚިލާފަށް އެމެރިކާގެ ސިޔާސަތަކަށް ވެފައިއޮތީ ގަލްފުގެ ގައުމުތަކާއި އީރާން ޖައްސައި އެ ދެ ފަރާތުގެ މެދުގައި ފިތުނަ އުފައްދައިގެން އެއިން ނާޖާއިޒު ފައިދާ ނެގުން (ގަލްފުގެ ގައުމުތަކަށް ހަތިޔާރު ވިއްކުން) ކަމަށް ވަނީ ބެލެވިފައެވެ.

comment ކޮމެންޓް