މިދިޔަ ޑިސެމްބަރު މަހާ އަޅާބަލާއިރު، ނިމިދިޔަ ޖެނުއަރީ މަހު ދެ ބައްޔެއް ޖެހުނު މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް, ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މިދިޔަ ޑިސެމްބަރު މަހާ އަޅާބަލާއިރު މިދިޔަ މަހު ބޭރަށް ހިންގުމާއި އިންފުލުއެންޒާ ޖެހުނުމީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.
އެގޮތުން މިދިޔަ ޑިސެމްބަރު މަހު ބޭރަށް ހިންގުމުގެ 3،362 ކޭސް ރިޕޯޓް ކޮށްފައިވާއިރު މިދިޔަ މަހު ރިޕޯޓު ކޮށްފައިވަނީ ބޭރަށް ހިންގުމުގެ 3،502 ކޭސްއެވެ. ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި މި ދުވަސްވަރަ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ބޭރަށް ހިންގުން ޖެހިގެން ރިޕޯޓު ކޮށްފައިވާ އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރިޕޯޓުކޮށްފައި ވަނީ ބޭރަށް ހިންގުމުގެ 9،488 ކޭސްއެވެ.
މިދިޔަ ޑިސެމްބަރު މަހާ އަޅާބަލާއިރު ނިމިދިޔަ ޖެނުއަރީ މަހު އިންފްލުއެންޒާގެ އަލާމަތްތައް ހުރެގެން ޓެސްޓު ކުރެވުނު އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ޓެސްޓު ކުރެވުނު 115 ސާމްޕަލްގެ ތެރެއިން 19 ސާމްޕަލްއެއް ވަނީ ޕޮޒިޓިވް ވެފައެވެ.
މިދިޔަ ޑިސެމްބަރު މަހާ އަޅާބަލާއިރު ނިމިދިޔަ ޖެނުއަރީ މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓު ކޮށްފައިވާ އަދަދު ވަނީ ދަށް ވެފައެވެ. ނަމަވެސް މިދިޔަ އަހަރުގެ މި ދުވަސްތަކާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓު ކޮށްފައިވާ އަދަދު ވަނީ އިތުރުވެފައެވެ.
އެގޮތުން މިދިޔަ ޑިސެމްބަރު މަހު ޑެންގީ ޖެހިގެން 205 ކޭސް ރިޕޯޓު ކޮށްފައިވާއިރު ނިމިދިޔަ މަހު ޑެންގީ ޖެހިގެން ރިޕޯޓު ކޮށްފައިވަނީ 195 ކޭސްއެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޑެންގީ ޖެހިގެން ރިޕޯޓު ކޮށްފައިވަނީ 22 ކޭސްއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޑިސެމްބަރު މަހާ އަޅާބަލާއިރު ނިމިދިޔަ ޖެނުއަރީ މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކޮށްފައިވާ އަދަދު ވަނީ ދަށް ވެފައެވެ. ނަމަވެސް މިދިޔަ އަހަރުގެ މި ދުވަސްތަކާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކޮށްފައިވާ އަދަދު ވަނީ އިތުރުވެފައެވެ.
އެގޮތުން މިދިޔަ ޑިސެމްބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން 31،334 ކޭސް ރިޕޯޓު ކޮށްފައިވާއިރު ނިމިދިޔަ މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކޮށްފައިވަނީ 29،307 ކޭސްއެވެ.
ބައެއް ބަލިތައް ޖެހޭ މިންވަރު މަދުވެފައި ހުރި ނަމަވެސް އެޗްޕީއޭ އިން ވަނީ އެ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަކީ މުހިއްމުކަމެއް ކަމަށް ބުނެފައެވެ.
އެގޮތުން ޑެންގީއިން ސަލާމަތްވުމަށް ޓަކައި މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމަށާއި މަދިރި ލޯޝަން އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުންކޮށް، ފަތިސް ގަޑީގައާއި ހަވީރު އިރުއޮއްސޭ ވަގުތުގައި ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ. އަދި ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުން މުހިންމު ކަމަށް އެ އޭޖެންސީން ބުނެފައިވެއެވެ.
ޑެންގީ ޖެހިއްޖެ ނަމަ އަރާމު ކުރުމާއި ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމާއި ޕެރެސެޓެމޯލް ބޭނުން ކުރުމަކީ ގޭގައި ދެވިދާނެ ފަރުވާތަކެވެ. އަދި ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެހި ބޭނުން ނުކުރެވޭ ނަމަ ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ބުނީ އަރިދަފުސްރޯނގާ އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ކިނބިހި އަޅާއިރު އަނގަ މަތީގައާއި ނޭފަތުގައި ޓިޝޫއެއް ފަދަ އެއްޗެއް އެޅުމާއި އާއްމު ސާފުތާހިރުކަމަށާއި ޚާއްސަކޮށް ސައިބޯނި ލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަންދިނުން ހިމެނެއެވެ.