މިސްކިތްތަކުގެ ހުރުމަތް ކެނޑޭގޮތަށް ކުރާ އަމަލުތައް މަދުވީ މާލޭ ސިޓީ ކައުންސިލުގެ މަސައްކަތުން: މޭޔަރު

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މިސްކިތްތަކުގައި ހުރުމަތް ކެނޑޭ ގޮތަށް ކުރާ ނޭދެވޭ އަމަލުތައް މަދުވަނީ މާލޭ ސިޓީ ކައުންސިލުގެ މަސައްކަތުން ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ރިޔާޒް އިއްޔެ ރައްޔިތުން މަޖިލީހަށް ހާޒިރުކުރެއްވުމުން ވަނީ، މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކޮށް، ތަނުގެ ގަދަރު ކުޑަވާ ގޮތަށް ނިދާކަމުގެ ޝަކުވާތައް މިފަހުން ލިބިފައިނުވާ ކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން މޭޔަރު މުއިއްޒު މިއަދު "ސަން"އަށް ވިދާޅުވީ މާލޭ ސިޓީ ކައުންސިލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން މާލެ އާއި ވިލިމާލޭގެ މިސްކިތްތައް 24 ގަޑިއިރު މޮނީޓާ ކުރަމުންދާ ކަމަށެވެ.

އެ ހުރިހާ މިސްކިތްތަކެއްގައި ސީސީޓީވީ ކެމެރާ ހަރުކުރެވި އެ ކައުންސިލުން ނަގާފައި ތިބި މުވައްޒަފުން މިސްކިތްތަައް މޮނިޓާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ނޭދެވޭ އެއްވެސް އަމަލެއް ހިންގާނަމަ ސިޓީ ކައުންސިލުން އުފެއްދި ސްޕެޝަލް ކޮންސްޓަބިއުލަރީ ސާވިސް އިން އެކަމަށް އެޓެންޑުވެ ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާކަމަށް އޭނާ ވިދާޅުވިއެވެ.

"މޮނީޓާ ކުރަން ނަގާފައި ތިބި މުވައްޒަފުންނަކީ ވެސް ސިޓީ ކައުންސިލުން އަމިއްލަ އަށް ހޯދާ ފައިސާއިން މުސާރަދޭ މުވައްޒަފުން. އަދި ޕޮލިސް ކޮންސްޓަބިއުލަރީ އަކީ ވެސް ހަމަ މުސާރަ ދީފަ އެފަދަ ކަންކަން ހުއްޓުވުމަށް ތިބޭ ބައެއް. މި ހުރިހާ ކަމެއް ވެސް މިކުރަނީ ސިޓީ ކައުންސިލުން،" އޭނާ ވިދާޅުވިއެވެ.

މިސްކިތްތަކުގެ ހުރުމަތް ކެނޑޭ ގޮތަށް ހިންގާ އަމަލުތައް އެއްކޮށް ހުއްޓިފައިނުވާ ކަމަށް ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ ކަންކަން މަދުވަނީ ސިޓީ ކައުންސިލުން އެކަންކަން މަދުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ އެފަދަ ކަންކަން ފާހަގަކުރަން ޖެހެނީ، މިސްކިތުގައި ހިންގާ ނޭދެވޭ އަމަލުތައް މަދުކަމުގެ ވާހަކަ ދެއްކި ނަމަވެސް އެކަންކަން މަދުކުރުމަށް މާލޭ ސިޓީ ކައުންސިލުން ކުރަމުންދާ އެއްވެސް ކަމެއް ފާހަގަ ނުކުރާތީ ކަމަށެވެ.

މިސްކިތްތަކާއި ޕާކުތަކުގައި ކެމެރާ ހަރުކޮށް އެތަންތަން ބެލެހެއްޓުމަށް ގާއިމްކުރި މޮނިޓަރިންގް ނިޒާމް އިފްތިތާހު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު ލޮނުޒިޔާރަތް ޕާކުގައި ބޭއްވި މާލެ ސިޓީގެ ރައްޔިތުންގެ ބައްދަލުވުމުގައެވެ.

ސިޓީ ކައުންސިލުން މާލޭ މޮނިޓާ ކުރުމަށް ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތުގެ ދަށުން މާލޭގެ ދެކުނު ބަނދަރުގައި މެރީ ބްރައުން ރެސްޓޯރެންޓުން ފެށިގެން ސްޓެލްކޯ ޕަމްޕް ސްޓޭޝަންތަކާ ހަމަޔަށް 15 ސީސީޓީވީ ކެމެރާ ވަނީ ހަރުކޮށްފައެވެ.

comment ކޮމެންޓް