އެއްފަހަރާ 100 ފޮޓޯ ޝެއާ ކުރެވޭ ފީޗާއެއް ވަޓްސްއެޕުން ޓެސްޓް ކުރަނީ

ވަޓްސްއެޕްއިން އެއްފަހަރާ 100 ފޮޓޯ ޝެއާ ކުރެވޭ ފީޗާއެއް ޓެސްޓްކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ވަޓްސްއެޕްއިން ބުނީ، މިއީ އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންނަށް އެ ޕްލެޓްފޯމްގެ ބޭނުންތެރިކަން އިތުރު ކުރުމުގެ މަގުސަދުގައި ތަރައްގީ ކުރި ފީޗާއެއް ކަމަށެވެ.

މިހާރު ވަކިވަކި ގައުމުތަކުގައި ޓެސްޓު ކުރަމުން އަންނަ މި އާ ފީޗާގެ ބޭނުމަކީ ކޮންމެ ފޮޓޯއެއް ވަކިވަކިން ފޮނުވުމުގެ ބަދަލުގައި އެއްފަހަރާ ގިނަ ފޮޓޯތަކެއް ހިއްސާކުރަން ފަސޭހަކޮށްދިނުމެވެ. ޚާއްސަކޮށް އުފަންދުވަހުގެ ޕާޓީތައް ނުވަތަ ޗުއްޓީ ފަދަ މުނާސަބާތަކުގައި ގިނަ ފޮޓޯތައް ހިއްސާކުރަން ބޭނުންވާ ފަރާތްތަކަށް މިއީ ވަރަށް ބޭނުންތެރި ފީޗާއަކަށް ވާނެއެވެ.

މީގެ އިތުރުން ވަޓްސްއެޕުން ބުނީ، އެކަކު އަނެކަކަށް ފޮޓޯ ފޮނުވާއިރު މިހާރަށް ވުރެ ކޮލިޓީކޮށް ފޮޓޯ ފޮނުވޭނެ ގޮތް ހަދަމުންދާ ކަމަށެވެ. އެ މަސައްކަތް މިހާރު އޮތީ ފުރަތަމަ މަރުހަލާގައި ނަމަވެސް އަމާޒަކީ ކުރިއަށް ވުރެ މަތީ ރިޒޮލިއުޝަނަކާއި ކޮލިޓީގެ ފޮޓޯތައް ފޮނުވުމުގެ ގާބިލުކަން ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން ވަކިކަމަކަށް ޚާއްސަކޮށްގެން އޮރިޖިނަލް ސައިޒްގެ ފޮޓޯ ފޮނުވަން ބޭނުންވާ ފަރާތްތަކަށް ނުވަތަ ރައްޓެހިންނާއި އާއިލާއާއެކު ފޮޓޯ ހިއްސާކުރަން ބޭނުންވާ ފަރާތްތަކަށް މިފީޗާ ވަރަށް ބޭނުންތެރި ވާނެ ކަމަށް ވަޓްސްއެޕްއިން ބުންޏެވެ.

ވަޓްސްއެޕްއިން ބުނީ އެ ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކުގެ ފީޑްބެކް އަޑުއަހަމުން އަންނަ ކަމަށާއި، އެމީހުން ބޭނުންވާ އަދި ބޭނުންނުވާ ކަންކަމަށް ރިއާޔަތްކޮށް ބަދަލުތައް ގެންނަމުން ގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ވަޓްސްއެޕަކީ ދުނިޔޭގެ އެންމެ މަގުބޫލު އިންސްޓަންޓް މެސެޖިން ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ޕްލެޓްފޯމަކަށް ވާއިރު، މި އާ އަޕްޑޭޓާއެކު އެ ކުންފުނީގެ މަގުބޫލުކަން އިތުރުވާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް