މިސްރުގައި ބޭއްވި 29ވަނަ އިންޓަނޭޝަނަލް ކޮންޓެސްޓް ފޯ ރިސައިޓާސް އޮފް ދަ ހޮލީ ޤުރުއާން މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިގައި ބައިވެރިވެ ފާތިމަތު ޝާޔާ ވަނީ ރާއްޖެއަށް ފަޚުރުވެރި ދެވަނަ ހޯދައިދީފައެވެ. މި މުބާރާތުގައި ޝާޔާ ބައިވެރިވެފައިވަނީ އަރަބިން ވާހަކަނުދައްކާ ޤައުމުތަކުގެތެރެއިން، މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ބައިންނެވެ. މުބާރާތުން ފަޚުރުވެރި ދެވަނަ ހާސިލްކުރީ 47 ބައިވެރިންނާ ވާދަކޮށެވެ.
ދެހާސްއެކާވީސްވަނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ބޭއްވި ބައިނަލްއަޤްވާމީ މުބާރާތުގައި މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ބައިގައިވެސް ޝާޔާ ވަނީ ރާއްޖެ ތަމްސީލުކޮށްފައެވެ.
އުމުރުން 14 އަހަރުގެ ޝާޔާ ތައުލީމު ހާސިލްކުރަނީ އިސްކަންދަރު ސްކޫލުގެ ގްރޭޑު އަށެއްގައެވެ. ކިޔެވުމުގެ އިތުރުން ގުރުއާން ކިޔަވާ އެ ޢިލްމު ހާސިލްކުރުމަކީ އޭނާ ކުރާހިތުން އަމިއްލަ އިސްނެގުމުގެ ދަށުން ކުރާކަމެކެވެ.
އެންމެ ކުޑައިރު ވެސް ގުރުއާނަށް ލޯބިކުރޭ
ޝާޔާއަކީ އެންމެ ކުޑައިރު ވެސް ގުރުއާން ކިޔަވާހިތުން ކިޔަވާ ކުއްޖެއްކަމަށް ޝާޔާގެ މަންމަ ސަލީމާ ބުންޏެވެ.
"އެކި ކުދިންނަށް އެކި ވަރަށް އެ ނިއުމަތް ދެއްވާނީ. ދެން އޭނައަކީ ވަރަށް ބޮޑަށް ގުރުއާން ކިޔަވާ ހިއްވާ ކުއްޖެއް،" ސަލީމާ ބުންޏެވެ.
އޭނާ ބުނީ ޝާޔާ އަކީ އުފެދުމުގައި ވެސް އަވަހަށް ދަސްކުރާ ކުއްޖެއް ކަމަށެވެ. އެހެންކަމުން އެކަން ފާހަގަވެ، ޝާޔާގެ ޝައުގުވެރިކަން ވެސް ހުރުމުން ގުރުއާން ހިތުދަސް ކުރުމުގެ ޕްރޮގްރާމެއްގައި ޝާޔާ ބައިވެރިކުރުވަން ޝާޔާގެ މައިންބަފައިން ބޭނުންވިއެވެ.
"އެކަމަކު އޭނަގެ އުމުރު ހަމައެއް ނުވޭ އޭރަކު. ހަތް އަހަރު ވީމަ ބައިވެރިވެވޭނީ. ދެން ހަމަ ގޭގަ ދަސްކުރީ،" ސަލީމާ ބުންޏެވެ.
ހަތް އަހަރު ވީއިރު ޝާޔާ ވަނީ ގުރުއާނުގެ ތިން ފޮތް އަމިއްލައަށް ހިތުދަސްކޮށްފައެވެ.
"އޭނަ އިންނާނީ އޭރު ފިލާގަ ލިޔެގެން ފަހު ތިންފޮތް ދަސްކޮށްފަ. އެކަމަކު ރަސްމީ ސިފައެއްގަ ފެށުނީ ހަތް އަހަރު ވީމަ،" ސަލީމާ ބުންޏެވެ.
ހަތް އަހަރުވުމުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޤުރުއާން ހިތުދަސްކުރާ ޕްރޮގްރާމްގައި ޝާޔާ ބައިވެރިވިއެވެ. އުމުރުން ދިހަ އަހަރުގައި ޝާޔާ ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށް ހާފިޒްކަމުގެ ސަނަދު ހާސިލްކޮށްފައެވެ.
މުބާރާތުގައި ބައިވެރިވުން
މިސްރުގައި އޮތް މުބާރާތުގައި ބައިވެރިވެ، އެ މުބާރާތަށް ޝާޔާ ހޮވުން ގޮތް "ސަން"އާ ހިއްސާކުރަމުން އޭނާގެ މަންމަ ސަލީމާ ބުނީ، މުބާރާތުގައި ބައިވެރިވުމަށް ގުރުއާނާ ބެހޭ މަރުކަޒުން ހުޅުވާލުމުން ޝާޔާ ބައިވެރިވީ ކަމަށެވެ. އެ މުބާރާތުގައި ބައިވެރިވާން ހުށަހެޅި ހަރަތު ކުދިންގެ ތެރޭ އޮޑިޝަންކޮށް މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބުނީ ޝާޔާއަށް ކަމަށް އޭނާ ބުުންޏެވެ.
ސްކޫލުގެ ފަރާތުން ގައުމީ ގުރުއާން މުބާރާތަށް ހޮވި އެދުވަސްވަރު ޝާޔާ ދިޔައީ ގައުމީ މުބާރާތަށް ފަރިތަކުރަމުންނެވެ. އެހެންކަމުން މިސްރުގައި އޮތް މުބާރާތަށް ފަރިތަކޮށް މުޅި ހަތިމް މުރާޖާކުރުން ޝާޔާއަށް ފަސޭހަވިއެވެ.
"ވަރަށް ރަނގަޅަށް ދިމާވި ކަމެއް އެއީ. ގައުމީ މުބާރާތަށް ސްކޫލުން ވެސް ވަރަށް ބޮޑަށް ފަރިތަކުރަމުން ދިޔައީ. ދެން ގޭގަ ވެސް ހާފިޒުންގެ ބަޔަށް ފަރިތަކުރީމަ މުރާޖާ ކުރެވޭނެތާ ހަތިމް އެއްކޮށް،" ސަލީމާ ބުންޏެވެ.
މުބާރާތެއްގައި ބައިވެރިވާނެ ކޮންމެ މީހަކު ވެސް އުންމީދުކުރާނެ ފަދައިން ޝާޔާ ވެސް ބައިވެރިވީ ވަނައެއް ހޯދުމުގެ އުންމީދުގައެވެ. ނަމަވެސް ޝާޔާ ޖެހިލުންވި އެއްކަމަކީ މުބާރާތުގައި އުމުރުން ބޮޑެތި މީހުނާ ވާދަކުރަން ޖެހުމުންނެވެ.
"މުބާރާތުގެ ޝަރުތުގަ ވެސް އިނދޭ 40 އަހަރުން ދަށުގެ މީހަކަށް ވާން ޖެހޭނެއޭ. 40 އަހަރު ނުވަންޏާ ހަމަ އެ ކެޓަގަރީގަ ވާދަކުރެވޭނެ މުބާރާތުގަ ބައިވެރިވެގެން،" ސަލީމާ ބުންޏެވެ.
ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ހުރި ގޮންޖެހުންތައް
ސަލީމާ ބުނީ، މުބާރާތަށް މިސްރުގައި އުޅުނުއިރު އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެހީތެރިކަން ލިބުން ކަމަށެވެ. އެހެންނަމަވެސް ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ގޮންޖެހުންތައް ގިނަކަން އޭނާ ފާހަގަކުރިއެވެ.
އެގޮތުން، މުބާރާތުގައި ބައިވެރިވާ ދަރިވަރަށް ސަރުކާރުން ދެކޮޅު ޓިކެޓު ފޯރުކޮށްދިން ނަމަވެސް ދަރިވަރާއެކު ދާ ބެލެނިވެރިޔާ އަމިއްލައަށް ހަރަދުކުރަން ޖެހުމަކީ ކަންބޮޑުވުމެއްކަން އޭނާ ފާހަގަކުރިއެވެ.
"އަޅުގަނޑުމެން އަމިއްލައަށް ހަރަދުކޮށްގެން އަޅުގަނޑު ޝާޔާއާ އެކީ ދިޔައީ ޝާޔާ އެކަނި ނުފޮނުވަން. އެކަމު އެ ތަނަވަސްކަން އެންމެނަކަށް ނުލިބޭނެ،" ސަލީމާ ފާހަގަކުރިއެވެ.
މީގެ އިތުރުން ވެސް ގިނަ އިންޓަނޭޝަނަލް މުބާރާތްތަކުގައި އެއްފަހަރު ބައިވެރިވެއްޖެ ނަމަ ދެވަނަ ފަހަރަށް ބައިވެރިވުމުގެ ފުރުސަތެއް ނުލިބެއެވެ. ނުވަތަ މުބާރާތުގައި ބައިވެރިވެ ވަނައެއް ހާސިލްކޮށްފި ނަމަ އެ މުބާރާތުގައި ދެވަނަފަހަރަށް ބައިވެރިވުމުގެ ފުރުސަތެއް ނުލިބެއެވެ. ސަލީމާ ބުނިގޮތުގައި މިއީ މިދާއިރާއިން ކުރިއަރަން ބޭނުންވާ ކުދިންނަށް އޮތް ބޮޑު ގޮންޖެހުމެކެވެ. އަދި މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ރާއްޖޭގައި ފުރުސަތުތައް ހަނިކަން ވެސް އޭނާ ފާހަގަކުރިއެވެ.