ދިވެހިރާއްޖޭގައި ގާއިމްކުރެވިފައިވާ ސަރަހައްދީ ބަނދަރުތަކުގެ ބޭނުން މިހާރަށް ވުރެ ބޮޑަށް ކުރެވޭނެ ގޮތްތައް ހޯދައި، އެ މަސައްކަތް ހަލުވި ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ހުށަހެޅުއްވި އެ ގަރާރުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައެވެ.
އެ ގަރާރުގައި ބުނީ ދިވެހި ރައްޔިތުންގެ ކުރިއެރުން ގުޅިގައިވަނީ އެ ރައްޔިތުންގެ ފުދުންތެރިކަމާ ކަމުގައި ކަމަށެވެ. އަދި މާލޭ ކޮމާޝަލް ޕޯޓަށް އޮތް ބާރު ކުޑަކުރުމަށާއި އިގްތިޞާދީ މަންފާ، ރާއްޖޭގެ ކަންކޮޅުތަކަށް ބެހިގެންދާނެ ގޮތް ހެދުމަށް ރާއްޖޭގައި ދެ ސަރަހައްދީ ކަނޑުގެ ބަނދަރު މިހާރު ވެސް ގާއިމް ކުރެވިފައިވާ ކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން ހިތަދޫ ރީޖަނަލް ޕޯޓުގެ އޮޕަރޭޝަން 2009 ވަނަ އަހަރުގެ ޖުލައި މަހުގައި ފެށިފައިވީއިރު ކުޅުދުއްފުށީ ރީޖަނަލް ޕޯޓުގެ އޮޕަރޭޝަން 2005 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ފެށިފައިވާ ކަން ވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
އޭގެ އިތުރުން ރާއްޖޭގެ ސަރަހައްދީ ބަނދަރުތަކަށް އެތެރެކުރާ ތަކެތިން އެކިފަހަރުމަތިން ޑީއުޓީ ކޮންސެޝަން ވެސް ލިބިފައިވާ ކަމަށް ގަރާރުގައިވެއެވެ. އަދި 2020 ވަނަ އަހަރުގެ އޮގަސްޓު މަހު ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެނެވުނު އިސްލާހުން، މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ކަނޑުގެ ރަސްމީ ބަނދަރުތަކާއި ވައިގެ ރަސްމީ ބަނދަރުތަކަށް އެތެރެކުރާ ތަކެތީގެ ތެރެއިން އެ ގާނޫނުގެ ހަތް ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ މަދު އެއްޗެއް ފިޔަވައި އެހެން ތަކެއްޗަށް އިމްޕޯޓް ޑިއުޓީއިން 50 އިންސައްތަ މައާފު ކުރެވިފައިވާކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ނަމަވެސް ހިތަދޫ ރީޖަނަލް ޕޯޓާއި ކުޅުދުއްފުށީ ރީޖަނަލް ޕޯޓު ހުޅުވުމަށްފަހު ގެންނަން ޖެހޭ އުމްރާނީ ކުރިއެރުން ފާއިތުވި މުއްދަތުގައި ގެނެވިފައި ނުވާ ކަމަށް ގަރާރުގައި ވެއެވެ. އަދި ޕޯޓްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމުގައި ދަތިތައް ދިމާވެ، އެ ބަނދަރުތަކުގެ އެންމެ ފުރިހަމަ ބޭނުން ހިފެމުން ނުދާ ކަމަށް ކަމަށް ވެސް ގަރާރުގައި ބަޔާން ކޮށްފައިވެއެވެ.
އެގޮތުން، ގާއިމްކުރެވިފައިވާ ސަރަހައްދީ ބަނދަރުތަކުގެ ޚިދުމަތް ހޯދުމުގައި ވިޔަފާރިވެރިންނަށް ދިމާވާ ދަތިތައް ދެނެގަތުމަށާ ވިޔަފާރިތައް ސަރަހައްދުތަކަށް ބެހިގެންދާ ގޮތްތައް ދެނެގަތުން އަވަސް ކުރަން ޖެހޭ ކަމަށް ގަރާރުގައި ވެއެވެ. އަދި ބަނދަރުތައް ހިންގުމުގައި ގުޅުންހުރި އިދާރާތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށާއި ބަނދަރުތަކުގެ ތަރައްގީގެ ދިގުރާސްތާ ޕްލޭންތަކާއި މަސައްކަތް ދާގޮތް ދެނެގަންނަން ޖެހޭ ކަމަށް ވެސް ގަރާރުގައި ބަޔާން ކޮށްފައިވެއެވެ.
ގަރާރުގައި ބުނީ މިހާރުން މިހާރަށް ކުރެވޭނެ ކަންކަން ދެނެގަނެ، ރާއްޖޭގައި ގާއިމް ކުރެވިފައިވާ ސަރަހައްދީ ބަނދަރުތަކުގެ ބޭނުން މިހާރަށް ވުރެ ބޭނުން ކުރެވޭނެ ގޮތްތައް ހޯދަން ޖެހޭ ކަމަށެވެ. އަދި ސަރަހައްދީ އިގްތިޞާދު ހަލުވި ކުރުމަށް ބަނދަރުތަކުގެ ބޭނުން ހިފޭނެ ގޮތްތައް ހޯދައި، އެ މަސައްކަތް ހަލުވި ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށް ވެސް ގަރާރުގައި ވެއެވެ.