ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުން ލަސްވަނީ ސައުދީ ސަރުކާރުން އެކަމަށް ވަކި ތާރީޚެއް ދީފައިނުވާތީ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރުގެ އޭޕްރިލް މަހު އެމިސްކިތް އާންމުންނަށް ހުޅުވާލާފައިވީނަމަވެސް، އެތަން މިހާތަނަށް ރަސްމީކޮށް ހުޅުވާފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން އެކަމާ ގުޅޭގޮތުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް (މޯޑް) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުމުގެ މަސައްކަތް ކުރަމުންދާތާ ގިނަ ދުވަސްތަކެއްވެފައި ވާ ކަމަށެވެ.
އެގޮތުން، ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ބޯޑަރުތައް ބަންދުކުރުމުގެ ކުރިން ފޮރިން މިނިސްޓްރީ އާއި ރައީސް އޮފީހާއި އިސްލާމިކް މިނިސްޓްރީއާ އެކީގައި މަޝްވަރާތަކެއް ބާއްވާފައިވާނެ ކަމަށާއި، އެއަށްފަހު ސައުދީގެ އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން ރާއްޖެ ވަޑައިގެންނެވުމުންވެސް މިސްކިތް ހުޅުވުމަށް ތައްޔާރުވެފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް އޭރުވެސް ސައުދީ ސަރުކާރުން މިސްކިތް ހުޅުވުމަށް ވަކި ތާރީޚެއް ކަނޑައަޅާފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސައުދީގެ ދީވާނުލް މަލަކިއްޔާއަށް މައްސަލަ ހުށަހަޅުއްވައި ޑޭޓެއް ލިބުނީމަ ދައުލަތަށް އަންގާނެ ކަމަށް ވިދާޅުވެފައި ވަޑައިގެންނެވީ. ދެން އޭގެ ފަހުން ވެސް އަޅުގަނޑުމެން މަސައްކަތް ކުރިން. އެކަމަކު އަދި އެއްވެސް ޑޭޓެއް ނުއެއް ލިބޭ ދެން ކޮން އިރަކު ކަމެއް ހުޅުވޭނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު
މިދިޔަ އަހަރުގެ ރަމަޟާން މަހާ ދިމާކޮށް މިސްކިތުގައި ނަމާދުކުރެވޭނެހެން އެތަން ހުޅުވާފައިވަނީވެސް މިސްކިތް ނުހުޅުވައި ގިނަ ދުވަސްތަކެއް ފާއިތުވަމުން ދިޔުމާ ގުޅިގެން އާންމުންގެ ޝަކުވާ ބޮއްސުންލައިގެން ދިޔަފަހުންނެވެ.
ސަލްމާން މިސްކިތަކީ ސައުދީ ރަސްގެފާނުގެ ހިލޭ އެހީގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބިނާކުރި ހަ ފަންގިފިލާގެ މިސްކިތެކެވެ.