އައިއެސް ޖަމާއަތަކީ އެމެރިކާގެ އުފެއްދުމެއް: އީރާނުގެ ރައީސް

އީރާނުގެ އިސްލާމީ އިންގިލާބަށް 44 އަހަރު ފުރުމުގެ ގޮތުން ތެހެރާނުގައި ބޭއްވި އެއްވުމުގައި އެގައުމުގެ ރައީސް އިބްރާހީމް ރައީސީ ރައްޔިތުންނާ މުޚާތަބު ކުރައްވަނީ

ތެހެރާން (13 ފެބްރުއަރީ 2023): ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތަކީ އެމެރިކާގެ މަގްސަދުތައް ހާސިލްކުރުމަށް އެގައުމުން އުފައްދައި, އެގައުމުން ސިއްރުން ހަތިޔާރާއި ވަސީލަތްތައް ފޯރުކޮށްދިން ޖަމާއަތެއްކަމަށް އީރާނުގެ ރައީސް އިބްރާހީމް ރައީސީ ތުހުމަތު ކުރައްވައިފިއެވެ.

އީރާނުގައި އޮތް އެމެރިކާގެ ގޮނޑިކޮއްކޮ ވިރާސީ ރަސްކަމުގެ ނިޒާމު ވައްޓާލުމަށް 1979 ވަނަ އަހަރު އެގައުމުގެ ރައްޔިތުން ގެނައި އިސްލާމީ އިންގިލާބަށް 44 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ވެރިރަށް ތެހެރާނުގެ އާޒާދީ މައިދާނުގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން ރައީސީ ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާކަމުގެ އަޑު އެމެރިކާ ފަތުރާއިރު ޓެރަރިސްޓް ޖަމާއަތްތައް އުފައްދަނީވެސް އަދި އެޖަމާއަތްތަކަށް ސިއްރިޔާތުގައި ހަތިޔާރާއި ވަސީލަތްތައް ފޯރުކޮށްދެނީވެސް އެމެރިކާ ކަމުގައެވެ.

ރައީސީ ވިދާޅުވިގޮތުގައި އައިއެސް އަކީ މުސްލިމުންގެ ނަމުގައި އުޅޭބަޔަކު ބޭނުންކޮށްގެން އިސްލާމީ ދުނިޔެ ހަލާކުކުރަން އެމެރިކާ އުފެއްދި ޓެރަރިސްޓް ޖަމާއަތެެކެވެ. އެ އެޖަމާއަތުން ހަނގުރާމަ ކުރަނީވެސް އެމެރިކާގެ ދުޝްމަނުންނާ ކަމަށް ރައީސީ ވިދާޅުވިއެވެ. އައިއެސްގެ އެއްވެސް ހަމަލާއެއް އިސްރާއީލު ފަދަ އެމެރިކާގެ ބައިވެރިންނަށް އަމާޒުކުރިތޯ ރައީސީ ވަނީ ސުވާލުކުރައްވާފައެވެ.

ރައީސީގެ ވާހަކަތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެއްވީ އީރާނުގެ އެތެރޭގައި އެތައް މަހެއް ވަންދެން ކުރިޔަށްދިޔަ ހަމަނުޖެހުންތަކުގެ މައްޗަށެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން އިންސާނީ ހައްގުތަކުގެ ނަމުގައި އެމެރިކާ ފަތުރަމުންގެންދާ ޕްރޮޕަގެންޑާތަކަކީ އެމެރިކާގެ އަމިއްލަ މަގްސަދުތައް ހާސިލުކުރުމަށް ގެންގުޅޭ ސިޔާސީ ހަތިޔާރެއް ކަމަށް ރައީސީ ތުހުމަތު ކުރެއްވިއެވެ.

އީރާނުގެ އަންހެނުން ބުރުގާ އަޅަން މަޖުބޫރު ކުރުމަކީ އެމީހުންގެ އިންސާނީ ހައްގުތަކަށް އަރައިގަތުންކަމަށް އެމެރިކާ ކުރާ ތުހުމަތުކަމަށް ރައްދު ދެއްވަމުން ރައީސީ ވިދާޅުވީ އެމެރިކާ އުޅެނީ އީރާންގެ އަންހެނުންނަށް މިނިވަންކަން ހޯދައިނުދެވިގެން ނޫނީ އީރާނުގެ އަންހެނުންގެ އިންސާނީ ހައްގުތައް ގެއްލޭތީ އެކަމާ ދެރަވެގެން ނޫންކަމަށާއި އެމެރިކާއަކީ އެއަށްވުރެ މާނުބައި މާމަކަރުވެރި ޝައިތާނީ ދައުލަތެއް ކަމުގައެވެ.

އެމެރިކާއިން އެގައުމުގެ ކަޅުނަސްލުގެ މީހުންގެ ހައްގުތަކަށް އަރައިގަންނަމުންދާއިރު އަދި އެތައް ގައުމަކަށް ބޮންއަޅައި އެތައް ހާސް ބަޔަކު މަރާއިރު އަދި ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން އެތައް މިލިޔަން ބައެއްގެ ހައްގުތަކަށް އެމެރިކާ އަރައިގަންނައިރު އަދި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާދެކޮޅާށް ހިންގާ ޖަރީމާތަކުގެ ފަހަތުގައި އެމެރިކާ އޮންނައިރު އިންސާނީ ހައްގުތަކުގެ ނަމުގައި އެމެރިކާ ދައްކާ ވާހަކަތައް ގަބޫލުކުރާނީ މޮޔައިންކަން ރައީސީ ފާހަގަ ކުރެއްވިއެވެ.

ރައީސީ ވިދާޅުވި ގޮތުގައި އެމެރިކާގެ މަގްސަދަކީ އިންސާނީ ހައްގުތަކުގެ ނަމުގައި އީރާނުގެ މަދު ބައެއްގެ ބޮލަށް ވަދެގަނެގެންނާއި ޚާއިނުންލައްވައި އީރާނުގެ އެތެރޭގައި ހަމަނުޖެހުންތައް އުފައްދައި އީރާންގެ ރައްޔިތުން ބައިބައިކުރުވައި ސަރުކާރާ ރައްޔިތުން ޖައްސައި ފިތުނަ އުފައްދައި އީރާނުގެ ސައެންޓިފިކް ކުރިއެރުން ހުއްޓުވުމެވެ.

ރައީސީ ވިދާޅުވި ގޮތުގައި އީރާނުގެ ރައްޔިތުންގެ މައްޗަށް އެމެރިކާ ހަމްދަރުދީވާނަމަ އަދި އެމީހުންގެ ހައްގުތަކަށް އިހުތިރާމު ކުރާނަމަ 40 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން އެމެރިކާ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާފައި ނުބާއްވާނެއެވެ. ދަތިކުރުމުގެ ފިޔަވަޅުތަކުގެ ގެއްލުން ލިބެނީ އީރާނުގެ ރައްޔިތުންނަށްކަން އެމެރިކާއަށް އެނގޭއިރު އެމެރިކާއަކީ އިންސާނީ ހައްގުތަކުގެ ނަމުގައި އަނގަހުޅުވާލެވޭވަރުގެ ގައުމެއް ނޫންކަމަށްވެސް ރައީސީ ސިފަކުރެއްވިއެވެ.

އީރާނުގައި އޮތް އެމެރިކާގެ ގޮނޑިކޮއްކޮ ވިރާސީ ރަސްކަމުގެ ނިޒާމު ވައްޓާލުމަށް 1979 ވަނަ އަހަރު އެގައުމުގެ ރައްޔިތުން ގެނައި އިސްލާމީ އިންގިލާބަށްފަހު އީރާނުން އެމެރިކާ ސިފަކުރަނީ އެންމެބޮޑު ޝައިތާނުގެ ގޮތުގައެވެ. ރައީސީ ވިދާޅުވިގޮތުގައި އެމެރިކާ އުޅެނީ އީރާނުގެ ސައެންޓިފިކް ކުރިއެރުންތައް ހުއްޓުވައި އެމެރިކާއަށް ބަރޯސާނުވާ އަދި ހުރިހާ ގޮތަކުންވެސް ފުދުންތެރި ބާރުވެރި ތަރައްގީ ވެފައިވާ ގައުމަކަށް ވުމަށް އީރާނުގެ ރައްޔިތުން ކުރާ މަސައްކަތްތަކަށް ހުރަސްއެޅުމަށެވެ.

ނަމަވެސް އެމެރިކާ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އިންތިހާއަށް އަޅާފައިވަނިކޮށް އީރާންވަނީ އަމިއްލަ މަސައްކަތުން އަސްކަރީ، އިލްމީ، އަދި ޓެކްނޮލޮޖީގެ ބާރުވެރިކަން ހޯދާފައި ކަމަށާއި އީރާނަށް އިސްވެ ހަމަލާދޭން އެމެރިކާއަށާއި އިސްރާއީލަށް މިހާރު ނުކެރޭނެކަމަށްވެސް ރައީސީ ވިދާޅުވިއެވެ. އަދި އީރާނުގެ އިސްލާމީ އިންގިލާބީ ނިޒާމު ވައްޓާލަން އެކިގޮތްގޮތުން އެމެރިކާ ކުރި މަސައްކަތްތައް ނާކާމިޔާބުވެފައިވާ ކަމަށްވެސް ރައީސީ ވިދާޅުވިއެވެ.

އެމެރިއާއި އިސްރާއީލުން ނިއުކްލިޔާ ހަތިޔާރު އުފައްދާފައިވާއިރު އެމެރިކާ ގެންދަނީ އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދަން އުޅޭ ކަމަށް ބުނެ އީރާނަށް އިސްވެ ހަމަލާދޭނެކަމުގެ ބިރު ދައްކަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް