އިސެސްކޯގެ ފަރާތުން ބާއްވާ ޅެން ހެދުމުގެ މުބާރާތަކަށް ރާއްޖެއަށް ދައުވަތު ދީފި

މޮރޮކޯގައި ހުންނަ އިސެސްކޯގެ ހެޑްކުއާޓާ --

އޯގަނައިޒޭޝަން އޮފް ދަ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ތައުލީމާ ސައިންސާ ސަގާފަތާ ބެހޭ ޖަމިއްޔާ އިސްލާމިކް އެޑިއުކޭޝަން ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (އިސެސްކޯ) އިން ބާއްވާ ޅެން ހެދުމުގެ މުބާރާތަކަށް ރާއްޖެއަށް ވެސް ދައުވަތު ދީފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އިސެސްކޯގެ ފަރާތުން ދުނިޔޭގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު ޅެން ހެދުމުގެ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދުނިޔޭގެ ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމަށް ކަނޑައަޅާފައިވަނީ ކުރިޔަށް އޮތް މާޗް މަހުގެ 21ގައެވެ.

މި މުބާރާތަށް މިއަހަރު އިސެސްކޯގެ ފަރާތުން ކަނޑައަޅާފައިވާ ތީމް އަކީ "ކީރިތި ރަސޫލާ މުޙައްމަދު ﷺ ގެ ނަމޫނާ ސިޔަރަތު" މިއެވެ.

މިނިސްޓްރީން މިއަދު ބުނީ ދިވެހިރާއްޖޭގެ ނޭޝަނަލް ކޮމިޝަންއަށް މި މުބާރާތުގައި އެއް ކެނޑިޑޭޓަކު ބައިވެރިކުރުމުގެ ދައުވަތު ލިބިފައިވާ ކަމަށެވެ. އަދި ބުނީ ރާއްޖެއިން ބައިވެރިކުރާ ކެނޑިޑޭޓް ހޮވުމަށް ހަމަޖެހިފައިވަނީ އެކަމަށް ކަނޑައަޅާފައިވާ ޚާއްސަ ޓީމަކުން ކަމަށެވެ.

އޭގެ އިތުރުން މި މުބާރާތުގައި އިސެސްކޯގެ މެމްބަރު ޤައުމުތަކުން ބައިވެރިކުރާ ޅެންތަކުގެ ތެރެއިން އެންމެ މޮޅު ހަތް ޅެމެއް ހޮވައި، އެ ފަރާތްތަކަށް، ދުނިޔޭގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަފްލާގައި ބައިވެރި ވުމުގެ ދައުވަތު އިސެސްކޯއިން ދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެެއެވެ.

މުބާރާތާބެހޭ ގޮތުން މިނިސްޓްރީން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިނގިރޭސި ބަހުން ނުވަތަ އަރަބި ބަހުން ޅެން ހެދުމަށްފަހު އިސެސްކޯ ނެޝަނަލް ކޮމިޝަނަށް، އެޑިޔުކޭޝަން މިނިސްޓްރީގެ (ވެލާނާގެ، 9 ވަނަ ފަންގިފިލާ)އަށް ހުށަހަޅަންޖެހޭ ކަމަށެވެ.

ޅެން ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ ހިނގަމުން މި އަންނަ ފެބުރުއަރީ މަހުގެ 20ވާ ހޯމަ ހޯމަ ދުވަހުގެ 14:00އެވެ.

comment ކޮމެންޓް