ޕާކިސްތާނުގައި ޤުރުއާނަށް ފުރައްސާރަކުރި މީހަކު މަރާލައިފި

ޕާކިސްތާނުގެ އިރުމަތީ ސިޓީއެއް ކަމަށްވާ ޕަންޖާބު ޕްރޮވިންސްގެ ޕޮލިސް ސްޓޭޝަނަކަށް އެތައް ސަތޭކަ މީހުން ވަދެގަނެ، ޤުރުއާނަށް ފުރައްސާރަ ކުރި މީހަކު މަރާލައިފިއެވެ.

ލާދީނީ އަމަލެއްކުރި ކަމުގެ ތުހުމަތުގައި އިއްޔެ ބަންދު ކޮށްފައިވާ މި މީހާ މަރާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި، ޖަލުން ނެރެގެން ބޭރަށް ގެންގޮސް، މިއަދުގެ ވަގުތެއްގައެވެ.

އެ މީހުން އެތަނަށް ވަދެފައިވަނީ އެއް ބަޔަކު ހަރުގަނޑެއް ބޭނުން ކޮށްގެން ފާރު މަތިން އެރުމަށް ފަހު، ދެން ތިބި މީހުންނަށް މައިގޭޓް ހުޅުވައި ދީގެންނެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މީހާއަކީ ވާރިސް ނަމަކަށް ކިޔާ މީހެކެވެ. އަދި އޭނާގެ އިތުރު މައުލޫމާތެއް އެނގިފައި ނުވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ފުލުހުންގެ ސީނިއާ އޮފިސަރު، ބާބަރް ސަރްފަރާޒް އަލްޕާއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ވާރިސް ހައްޔަރު ކުރީ ޤުރުއާން ޚަތިމެއްގެ ޞަފްހާތަކަކަށް އިހާނެތިކޮށް ހިތައިގެންކަމަށެވެ.

ސަރްފަރާޒް ބުނި ގޮތުގައި ވާރިސް ވަނީ ޤުރުއާން ޚަތިމުގެ ވަރަށް ގިނަ ޞަފްހާތަކެއްގައި އޭނާއާ އޭނާގެ އަންހެނުންނާ ވަޅިއެއްގެ ފޮޓޯތަކެއް ހިއްޕާފައެވެ. އަދި ނަންކާނާ ޑިސްޓްރިކްޓްގައި އޭނާ އެ ޞަފްހާތައް ދައްކަން ނެރެ، އުކާ ހަދާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ

ސަފްރާޒް ކިޔައިދިން ގޮތުގައި ފުލުހުންނަށް އެ ސަރަހައްދަށް ދެވުނު އިރު، އެމީހުން ވަނީ އެމީހާ މަރާލާފައެވެ. އަދި އޭރު އެމީހުން ދިޔައީ އޭނާގެ ހަށިގަނޑު އަންދާލުމަށް މަސައްކަތް ކުރަމުން ނަމަވެސް އެ ސަރަހައްދުގައި ތިބި މީހުންގެ އެހީއާއެކު ފުލުހުން އެ މީހުން ހުއްޓުވާފައިކަމަށް ސަރްފަރާޒް ވިދާޅުވިއެވެ.

ޕާކިސްތާން ފުލުހުން ބުނީ ވާރިސް މަރާލި މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ.

ޕާކިސްތާނުގެ ބޮޑު ވަޒީރު ޝެހެބާޒް ޝަރީފް ވަނީ މި ހާދިސާ ކުއްވެރިކުރައްވާ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް އެކަށީގެންވާ ހިމާޔަތް ނުދެވުމުން، އެކަމާއި ގުޅުން ހުރި އޮފިސަރުންނަށް ފިޔަވަޅު އެޅުމަށްވެސް އަންގަވާފައެވެ.

މީގެ ކުރިން 2019 ވަނަ އަހަރުވެސް މިފަދަ ދައުވާއެއްގައި ވާރިސް ވަނީ ހައްޔަރު ކޮށްފައެވެ. އަދި 2022 ވަނަ އަހަރުގެ މެދަކާއި ހަމައަށް އޭނާ ހުރީ ޖަލުގައެވެ.

ލާދީނީ އަމަލުތަކުގެ ދައުވާތަކަކީ ޕާކިސްތާނުގެ ގާނޫނު ގެ ދަށުން މަރުގެ އަދަބު ލިބޭ ދައުވާތަކެވެ.

comment ކޮމެންޓް