ސިއްހީ ދާއިރާ އާއި އެނޫންވެސް ދާއިރާތައް ކުރިއެރުމުގެ އަސްލަކީ ސަރުކާރުގެ ޚާރިޖީ ސިޔާސަތު: ނައިބު ރައީސް

ޗައިނާގެ އެހީގައި ހުޅުމާލޭ ހޮސްޕިޓަލުގެ ލޮލުގެ ކުލިނިކުގެ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމް އިފްތިތާހްކުރުމުގެ ތެރެއިން ---

ސިއްހީ ދާއިރާ އާއި އެނޫންވެސް އިތުރު ދާއިރާތަކުން ފެންނަމުންދާ ކުރިއެރުމުގެ އަސްލަކީ އަދުގެ ސަރުކާރުގެ ހަރުދަނާ އަދި ކާމިޔާބު ޚާރިޖީ ސިޔާސަތުކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިގޮތަށް ވިދާޅުވެފައިވަނީ، ހުޅުމާލެ ހޮސްޕިޓަލްގެ އެންޑީ އަބްދުالله އަބްދުލްޙަކީމް އޮޕްތަލްމޮލޮޖީ ސެންޓަރުގައި ހުނަރާއި ޚިދުމަތްތައް މިހާރަށްވުރެ އިތުރަށް ތަރައްޤީކުރުމަށް ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ ޕްރޮގްރާމް އިފްޠިތާޙުކޮށްދެއްވުމަށް ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބުރައީސް ވިދާޅުވީ، ރައީސް ޞާލިޙްގެ އިރުޝާދާއި ހަރުދަނާ ލީޑާޝިޕްގެ ދަށުން ބައިނަލްއަޤްވާމީ މުޖުތަމަޢުއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހަރުދަނާ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ. އެގޮތުން އދ.ގެ މެމްބަރު ޤައުމުތަކުގެ 94 އިންސައްތަ ޤައުމުތަކާއެކު ރާއްޖެއިން ސިޔާސީ ގުޅުން ޤާއިމުކޮށްފައިވާއިރު، މިއީ މިހާ ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް އާދަޔާ ޚިލާފު ކާމިޔާބީއެއްގެ ގޮތުގައި ނައިބު ރައީސް ވަނީ ސިފަކުރައްވާފައެވެ.

ޗައިނާގެ އެހީގައި ހުޅުމާލޭ ހޮސްޕިޓަލުގެ ލޮލުގެ ކުލިނިކުގެ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމް އިފްތިތާހްކުރުމުގެ ތެރެއިން---

ނައިބު ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން، މާލޭ ސިޓީއަށް ޞިއްޙީ ޚިދުމަތް ސެންޓްރަލައިޒް ކުރުމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށެވެ. އަދި އެ ގޮންޖެހުންތަކުން އަރައިގަތުމަށް އަދުގެ ސަރުކާރުން ލާމަރުކަޒީ އުސޫލުން ހިންގުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ބޭސްފަރުވާގެ އެހީތެރިކަން ހޯދުމަށް ރާއްޖޭގެވެރިކަންކުރާ ރަށަށް ކޮންމެހެން ދާން ޖެހޭގޮތަށް ހުރި ކަންކަން ބަދަލުކުރުމަކީ މި ސަރުކާރުގެ ވަޢުދެއްކަމުގައި ފާހަގަކުރައްވާފައެވެ.

އަދި މި ވަޢުދު ފުއްދުމަށް ސަރުކާރުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކާއި ޙާއްޞަކޮށް ސަރަޙައްދީ ޓާޝަރީ ހޮސްޕިޓަލްތައް ތަރައްޤީކުރެއްވުމަށް ސަރުކާރުން ރާއްވަވާފައިވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ޗައިނާގެ އެހީގައި ހުޅުމާލޭ ހޮސްޕިޓަލުގެ ލޮލުގެ ކުލިނިކުގެ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމް އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ---

އެގޮތުން، ރީޖަނަލް ޓާޝަރީ ހޮސްޕިޓަލްތަކުން ދޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ފެންވަރު ރަނގަޅު ކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، އެ ވިސްނުން ހަޤީޤަތަކަށް ގެނައުމުގެ ޕްލޭންތައް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި މިދިޔަ އަހަރު މި ސަރުކާރުން ތަޢާރަފުކުރި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހައިސްޕީޑް ފެރީގެ ޚިދުމަތުން އެކަމަށް އިތުރު ފުރިހަމަކަމެއް ލިބެމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީ ޚިދްމަތްތައް ހަރުދަނާކުރުމަށްޓަކައި ޞިއްޙީ ޚިދުމަތްތެރިންނަށް ތަޢުލީމާއި ތަމްރީނު ދޭންޖެހޭކަން ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު އެމަނިކުފާނު ވަނީ ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އެއްގޮތްކޮށް، މިދިޔަ އަހަރު ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު، މި އަހަރު ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ޙާއްޞަ ސަމާލުކަމެއް ދޭން ސަރުކާރުން މީގެ ކުރިން އިއުލާންކުރައްވާފައިވާކަންވެސް ފާހަގަކުރައްވާފައެވެ.

ޗައިނާގެ އެހީގައި ހުޅުމާލޭ ހޮސްޕިޓަލުގެ ލޮލުގެ ކުލިނިކުގެ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމް އިފްތިތާހްކުރުމުގެ ތެރެއިން---

މި ޙަފްލާގައި ނައިބު ރައީސް ވަނީ ޗައިނާ ސަރުކާރުން ރާއްޖެއާ މެދު ބަހައްޓާ ގާތްކަމާއި ވެދެއްވަމުން ގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ކުރިއަށްއޮތް އަހަރުތަކުގައި މި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާކަމުގައި ވިދާޅުވެފައެވެ.

އެންޑީ އަބްދުالله އަބްދުލްޙަކީމް އޮޕްތަލްމޮލޮޖީ ސެންޓަރަކީ 2020 ވަނަ އަހަރު ޗައިނާ ސަރުކާރުގެ ދީލަތި އެހީގައި ހުޅުވި ސެންޓަރެކެވެ. މި ސެންޓަރު ހުޅުވުމަށްފަހު ޗައިނާ ސަރުކާރުން އަންނަނީ ސެންޓަރުގެ ހިދުމަތްތައް ތަރައްޤީކޮށް ކުރިއެރުވުމަށްވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

comment ކޮމެންޓް